ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަހެއް: ކަނޑުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް އުފުލޭނެ ކަމަށް މެޓުން ލަފާކުރޭ. -- ފޮޓޯ: މިހާރު
26 މެއި 2025 - 18:07
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ އަތޮޅުގެ ރަށްރަށަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްރަށަށް ވިއްސާރަކޮށް، ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ބެލެވޭތީ، ހާއްސަކޮށް ކަނޑު ދަތުރުތައް ކުރާ މީހުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން މިއަދު ބުނި ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރު ވަނީ ހުޅަނގު މޫސުން ވެސް ފެށިފަ އެވެ.
މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށުނީ މި މަހު ހަތެއްގަ އެވެ. މެދު ރާއްޖެ ތެރޭގެ ރަށްތަކަށް އެ މޫސުން ފެށުނީ މި މަހު 12 ގަ އެވެ. އަދި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ބުދަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy