އަންނަ އާދިއްތާ ދުވަހާ ހަމައަށް، މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުގެ އޮފިޝަލު "މިހާރު" އަށް ވިދާޅުވީ މިއަދާއި މާދަމާ ވެސް މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ވީކެންޑާ ވެސް އެކީގައި، އާދިއްތަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ދައްކަނީ،" އޮފިޝަލް ވިދާޅުވި އެވެ.
މޫސުމީ ލަފާކުރުންތަކުން ދައްކާގައި ގޮތުގައި، އެންމެ ބޮޑަށް ވިއްސާރަކުރާނީ މާދަމާ އެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް މިއަދު ހަވީރު 4:00 ގެ ނިޔަލަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ ނުވަ ވަނަ ނަކަތް އަހުލިހައިގެ ދެވަނަ ދުވަހެވެ. މި ނަކަތުގައި ދޭތެރެއަކުން ވިއްސާރަ ކުރި ނަމަވެސް އާންމު ގޮތެއްގައި އުޑުމަތި އޮންނާނީ ސާފުކޮށެވެ. އަދި ވައިމަޑުވުމާ އެކު ކަނޑުތައް ވެސް މަޑުވާނެ އެވެ.
ނަމަވެސް، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު، ނަކަތް ކަލަންޑަރާއި މޫސުން ގިނަ ފަހަރަށް މިހާރު ދިމައެއް ނުވެ އެވެ.
ނަކަތާ މެދު އިހުގައި ދިވެހިން ބުނެ އުޅުނު ގޮތުގައި އަހުލިހައިގައި ވިއްސާރަ ވެއްޖެ ނަމަ، ކުރިއަށް އޮތް މާ ނަކަތުގައި ވެސް ވިއްސާރަވާނެ އެވެ. މާ ނަކަތް ފެށޭނީ އަންނަ މަހު 11 ގަ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.