ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހުވަދު އަތޮޅަށް ޔެލޯ އެލާޓް ދެންމެ ނެރެފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓުގައި ބުނީ ގއ. އާއި ގދ. އަތޮޅުގެ ރަށްރަށަށް މިއަދު ހަވީރު 4:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

މި ދުވަސްވަރު ރާއްޖޭގެ އުތުރާއި ދެކުނުގެ ހިސާބުތަކަށް ދޭތެރެއަކުން ވިއްސާރަ ކުރެ އެވެ. އަދި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވާރޭ ވެހޭ މިންވަރު މަދުވި ނަމަވެސް، ވައިގަދަ އެވެ. 

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ ފަސްވަނަ ނަކަތް ކަމަށްވާ މިއަހެލީގެ ދެވަނަ ދުވަހެވެ. އަދި މި ނަކަތުގައި އާންމު ގޮތެއްގައި ވައިބާރުވާނެ އަދި ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ. އަދި ދަތުރުފަތުރު ކުރަން ދަތިވާ މިންވަރަށް ކަނޑުތައް ގަދަވާނެ އެވެ.

ހުޅަނގު މޫސުން ފެށި، ޖޫން މަހާއި ޖުލައި މަހަކީ ރާއްޖެއަށް އާންމު ގޮތެއްގައި އެންމެ މޫސުން ގޯސް ދުވަސްވަރެވެ.