ވިޔަފާރި / ދިރާގު

ދިރާގާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހާ ގުޅިގެން ބޭއްވި ކުޑަކުދިންގެ ދުވަހުގެ ފެއާއަށް ބޮޑު ތަރުހީބެއް

ދިރާގުން ބޭއްވި ފެއާގެ ބައެއް ބައިވެރިން -- ފޮޓޯ: ދިރާގު

14 މެއި 2025 - 18:52

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހާ ގުޅިގެން ބޭއްވި "ޔަންގް އޮންޓްރޮޕްރެނިއަ ފެއަ" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން އިންތިޒާމްކޮށް ދިރާގުގެ ޕާޓްނަޝިޕާއެކު ކުޑަކުދިންގެ ދުވަހު އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގެ މަގުސަދަކީ ކުދިންގެ ތަފާތު ހުނަރުތަކާއި އުފެއްދުންތެރިކަން ދައްކުވައިދީ، ވިޔަފާރީގެ ދާއިރާ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެ ފެއާގައި 24 ސްޓޯލެއްގައި 51 ކުދިން ބައިވެރިވެ އެ ކުދިންގެ ވިޔަފާރީގެ ހުނަރުތައް ދައްކާލި ކަމަށް ދިރާގުން ބުންޏެވެ.

އެ ހަރަކާތުގައި ބައިވެރިވި ކުދިންގެ ވިޔަފާރި ސްޓޯލްތަކުގައި އެކި ބާވަތްތަކުގެ ތަފާތު ކާބޯތަކެއްޗާއި އާޓް އަދި ކްރޯޝޭކޮށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި މެންޓަލް ހެލްތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން އަދި ކުދިން އަމިއްލައަށް ލިޔެ ޝާއިއުކޮށްފައިވާ ފޮތްތައް ހިމެނެ އެވެ.

"މިފަދަ ފުރުސަތުތައް ކުދިންނަށް ފަހިކޮށްދިނުމަކީ، ކުދިންގެ ހުނަރުތައް ތަރައްގީވެ އެ ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އާލާވުމަށް ދެވޭ ހިތްވަރެއް. އަދި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މި އިވެންޓަކީ އެކުދިންގެ އުފެއްދުންތެރިކަން ފާހަގަކުރުމަށް ދެވުނު ފުރުސަތެއް ކަމުގައިވާތީ އެތަނުގައި އެ ކުދިން ދައްކުވައިދިން ހުނަރުވެރިކަމާމެދު ވަރަށް ފަހުރުވެރިވަން"، ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް ވިދާޅުވި އެވެ.

ޔަންގް އޮންޓްރޮޕްރެނިއަ ފެއާއަށް ކުދިން ތައްޔާރު ކުރުމުގެ ގޮތުން ފެއާގެ ސްޓޯލްތަކުގެ ހުރިހާ ބައިވެރިންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގޮސްފައިވާ ކަމަށް ދިރާގުން ބުންޏެވެ. އެ ސެޝަންގައި ސްމޯލް އަދި ހޯމް ބިޒްނަޒް ހިންގާ ތިން ފަރާތަކުން، އެ ފަރާތްތަކުގެ ތަޖުރިބާއާ ގުޅޭގޮތުން ކުދިން ޝައުގުވެރިކޮށް ހިތްޖެއްސުމުގެ ގޮތުން މައުލޫމާތުތައް ކިޔާދީފައިވެ އެވެ. އަދި ފައިނޭންޝަލް ލިޓްރެސީއާ ގުޅޭ މައުލޫމާތާ އެކު، "ދިރާގު ޕޭ"އާ ގުޅޭ މައުލޫމާތު އެ ސެޝަންގައި ހިއްސާކުރި ކަމަށް ދިރާގުން ބުންޏެވެ.

އެ ހަރަކާތުގައި ބައިވެރިވި ކުދިންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ބެހޭ ގޮތުން "ދިރާގު ނެޓްޕްރޮޓެކްޓް"ގެ ހާއްސަ ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ދިރާގު ސީނިއާ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހާ ގުޅިގެން އެ މުހިންމު ހަރަކާތަށް އެއްބާރުލުން ދިނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އޮންޓްރޮޕްރެނިއަޝިޕް، ޑިޖިޓަލް ލިޓަރަސީ، އަދި އޮންލައިން ސޭފްޓީގެ ހޭލުންތެރިކަން އިތުރުކޮށް، އަންނަން އޮތް ޖީލު އުޖާލާ އަދި ރައްކާތެރި މުސްތަޤްބަލަކަށް ވާސިލުވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމަށް މަސައްކަތް ކުރުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މުހިންމު އަމާޒެއް،" އޭނާ ވިދާޅުވި އެވެ.

ދިރާގުން އަންނަނީ އަންނަން އޮތް ޖީލު ބިނާކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ، މާދަމާގެ ޒުވާނުން ތަރައްގީ ކުރުމަށް ހިންގާ އެފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވަމުންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454