ފެނަކަ:ފެނަކައިގެ ޕްރޮޖެކްޓްތައް ނުނިމި ދިގުލައިގެން ގޮސް މުސާރަ އާއި އިނާޔަތުގެ ގޮތުގައި އިތުރަށް 247 މިލިއަން ދޭން ޖެހުނު ކަަމަށް އޮޑިޓުގައި ބުނޭ. -- ފޮޓޯ: މިހާރު
14 މެއި 2025 - 23:28
ފެނަކައިން 50 ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތައް ނުނިމި ދިގުލައިގެން ގޮސް، މުވައްޒަފުންނަށް އިތުރަށް 247 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
ފެނަކައަށް މުވައްޒަފުން ރެކްރޫޓް ކުރުމާއި ޕްރޮމޯޝަނާއި މުސާރަ އާއި އިނާޔަތްތައް ދިނުމާ ގުޅޭގޮތުން ހަދާފައިވާ ހާއްސަ އޮޑިޓުގައި ވަނީ 2021-2024 ގެ ނިޔަލަށް ފާހަގަ ކުރެވުނު ގިނަ މައްސަލަތަކެއް ހިމަނައިފަ އެވެ.
އޮޑިޓު ރިޕޯޓުގައި ބުނީ ފެނަކައިން ރަށްރަށުގައި އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް ފެށި ޕްރޮޖެކްޓްތަކުގެ މަސައްކަތް ނުނިމި ގިނަ ދުވަސްވުމުން މުސާރަ އާއި އިނާޔަތްތައް ދިނުމަށް އިތުރަށް ހަރަދު ހިނގާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހައެއްކަ މަހުން ނިންމޭނެ ކަމަށް ލަފާކޮށްފައިވާ ތަންތަނުގެ މަސައްކަތް ދިގުލައިގެން ގޮސް މަސައްކަތް ނުނިމި ގާތްގަނޑަކަށް ތިން އަހަރުވާން ގާތްވެފައި އެބަ ހުއްޓެވެ. އެހެންވެ އެ މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 241 މިލިއަން ރުފިޔާ އާއި އިނާޔަތްތަކުގެ ގޮތުގައި 6.4 މިލިއަން ރުފިޔާ ދޭންޖެހެ އެވެ.
އޭގެ އިތުރުން އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާ ރަށްރަށުގައި ވެސް މުސާރަ އާއި އިނާޔަތްތަކަށް 13.5 މިލިއަން ރުފިޔާ ފެނަކައިން ހޭދަކޮށްފައިވެ އެވެ.
2021 - 4368 މުވައްޒަފުން
2022 - 6332 މުވައްޒަފުން
2023 - 6672 މުވައްޒަފުން
2024 - 6609 މުވައްޒަފުން
އޮޑިޓުގައި ބުނީ ފެނަކައިގައި 2020 ގެ ނިޔަލަށް ވަޒީފާ އަދާކުރަމުން ދިޔައީ 3523 މީހުން ނަމަވެސް އޭގެ ފަހުން އަހަރުން އަހަރަށް މުވައްޒަފުންގެ އަދަދު ދިޔައީ އިތުރުވަމުން ކަމަށެވެ. އެގޮތުން 2021 އިން 2024 ގެ ނިޔަލަށް 7228 މީހަކު އެތަނަށް ވަޒީފާއަށް ވައްދާފައިވާ ކަމަށާއި އޭގެ ތެރޭގައި ދާއިމީ މުވައްޒަފުންގެ އަދަދަކީ 4،557 ކަމަށެވެ. ބާކީ 2،671 މުވައްޒަފުން ވައްދާފައިވަނީ ވަގުތީ ވަޒީފާތަކަށް ކަމަށެވެ.
އޮޑިޓުގައި ބުނިގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ކުންފުނީގެ ވަޒީފާތަކުގައި ތިބި މީހުންގެ ތެރެއިން 6،317 މީހުންނަކީ ދާއިމީ މުވައްޒަފުންނެެވެ.
އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނީ ފެނަކައިގެ ދާއިމީ މުވައްޒަފުންގެ އަދަދު އިތުރުވެފައި ވަނީ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާވެފައިވާ މިންވަރަށް ބަލައިގެން ނޫން ކަމަށެވެ. އަދި ކަރަންޓާއި ފެނާއި ނަރުދަމާގެ ކަނެކްޝަންތަކުގެ އަދަދު އިތުރުވެފައިވާ މިންވަރަށް ވުރެ ގާތްގަނޑަކަށް 32 ޕަސެންޓް މުވައްޒަފުންގެ އަދަދު އިތުރު ކަމަށެވެ.
އޭގެ ސަބަބުން ކުންފުންޏަށް ލިބޭ އާމްދަނީ އާއި ތެލާއި އިންޖީނުތަކުގެ ސްޕެއާ ޕާޓްސް ގަތުމަށް ކުރަންޖެހޭ ހަރަދަށް ބަލާއިރު އެކަށީގެންވާ ވަރަށް ވުރެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ކުރާ ހޭދަ ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށް ހުރަސް އެޅިގެންދާ ކަމަށް އޮޑިޓުގައި ބުންޏެވެ.
2021 - 438 މިލިއަން ރުފިޔާ
2022 - 754 މިލިއަން ރުފިޔާ
2023 - 895 މިލިއަން ރުފިޔާ
2024 - 890 މިލިއަން ރުފިޔާ
އެ ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އެ ކުންފުންޏަށް ލިބުނު އާމްދަނީގެ 38 ވަރަަކަށް ޕަސެންޓް ހޭދަކުރީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އަދި 2023 ގައި އެ އަދަދު 39 ޕަސެންޓުގައި ހުރިިއިރު މިދިޔަ އަހަރު ވަނީ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އާމްދަނީގެ 36 ޕަސެންޓް ހޭދަކޮށްފަ އެވެ.
އޮޑިޓުގައި ބުނީ ރާއްޖޭގައި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދޭ އެހެން ކުންފުނިތަކުގެ އާމްދަނީގެ ނިސްބަތުން މުވައްޒަފުންނާއި އިނާޔަތްތަކަށް ހޭދަކުރަނީ 12-20 ޕަސެންޓާ ދެމެދުގެ އަދަދެއް ކަމަށެވެ.
އެ މުއްދަތުގައި އާންމުކޮށް އިއުލާނު ނުކޮށް ފެނަކައިން ދާއިމީ މަގާމުތަކަށް 2،480 މުވައްޒަފުން ވެސް ނަގާފައިވެ އެވެ. އޮޑިޓުގައި ބުނީ ފެނަކައިގެ ގަވައިދުގައިވާ ގޮތުން އާންމުކޮށް އިއުލާނު ނުކޮށް ވެސް މުވައްޒަފުން ނެގޭތީ އޭގެ ސަބަބުން ކުންފުނީގެ މެނޭޖްމަންޓުގައި ތިބޭ ފަރާތްތަކުގެ އަމިއްލަ މަސްލަހަތާ އެއްގޮތަށް ނާޖާއިޒު ބޭނުންކޮށްގެން މުވައްޒަފުން ނެގުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެހެންވެ، ކުންފުނި ހިންގުން ހަރުދަނާ ކުރުމަށް އާންމުކޮށް އިއުލާނުކޮށްގެން މުވައްޒަފުން ނެގޭނެ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް އޮޑިޓުގައި ފާހަގަކުރެ އެވެ.
- އިންތިހާބުތައް އޮންނަ ދުވަސްވަރު ފެނަކައަށް އިތުރު މުވައްޒަފުން ވައްދަމުން ގެންދޭ.
- ވަގުތީ ވަޒީފާތަކުގައި ތިބޭ މުވައްޒަފުންގެ އަދަދު މަދުކުރި ނަމަވެސް ދާއިމީ ވަޒީފާތަކަށް އިތުރު މުވައްޒަފުން ނަގާފައިވާކަން.
- ވަގުތީ ވަޒީފާތަކުން ވަކިކުރި 297 މީހަކަށް ދާއިމީ ވަޒީފާ ދިނުން.
- ރަށްރަށުގައި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އެހެން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް ވުރެ ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންގެ އަދަދު އެވްރެޖްކޮށް އިތުރުކަން.
- ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެމްޑަބްލިއުއެސްސީގެ ބްރާންޗުތަކުގައި ތިބޭ މުވައްޒަފުންގެ އަދަދަށް ވުރެ ފެނަަކައިގެ މުވައްޒަފުންގެ އަދަދު އެވްރެެޖްކޮށް 11 މުވައްޒަފުން އިތުރުކަން. ސްޓެލްކޯގެ މުވައްޒަފުންނަށް ވުރެ 4 މުވައްޒަފުން އިތުރުކަން.
- އެއްވަރެއްގައި އޮޕަރޭޝަން ހިންގާ އެކި ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާ ދިނުމަށް އެކި ރަށްރަށުގައި ތިބޭ ފެނަކައިގެ މުވައްޒަފުންގެ އަދަދުގެ ތަފާތުކަން ބޮޑުކަން.
- ކުންފުނީގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ ވަކިވަކި މަގާމުތަކަށް މުވައްޒަފުން ނަގަންޖެހޭ މިންވަރަށް ވުރެ އިތުރަށް ބައެއް ބްރާންޗުތަކުން ވަޒީފާ ދީފައިވޭ.
- ކުންފުނީގެ ބައެެއް މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް މަގާމުގެ ކުރިއެރުން ދޭކަން.
- ވަޒީފާގެ އިންޓަވިއު ކުރިއަށް ނުގެންގޮސް މަގާމުތަކަށް މުވައްޒަފުން ނެގުން.
- އިން ހައުސް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ ގޮތަށް ހަމަޖެއްސި ދާއިމީ ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް ހާއްސަ އެލަވަންސްގެ ގޮތުގައި 19.5 މިލިއަން ރުފިޔާ ދީފައިވޭ.
- އިން ހައުސް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ ގޮތަށް ހަމަޖެއްސި ވަގުތީ މުވައްޒަފުންނަށް 229،711ރ. ދީފައިވޭ.
ގިނަ މައްސަލަތަކެއް އެ އޮޑިޓުގައި ފާހަގަކުރެވިފައިވާތީ އޮޑިޓު އޮފީހުން ވަނީ ކުންފުންޏަށް އިތުރަށް މުވައްޒަފުން ބޭނުންވާކަން ކަށަވަރުކޮށްފައި ނޫން ގޮތަކަށް މުވައްޒަފުން ނުނަގަން އަންގައިފަ އެވެ. އަދި އާންމުކޮށް އިއުލާނު ނުކޮށް މުވައްޒަފުން ނުނެގުމަށާއި ގަވާއިދާ ހިލާފަށް މަގާމުގެ ކުރިއެރުން ދިން ފަރާތްތަކުގެ މައްސަލަ ބެލުމަށް ވެސް އަންގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގުންނޭ
15 May 2025
މިހިރީ މާލެ ސަރަހައްދުގައި ތިބޭ ވިޔާފާރިވެރިން އުނަގަނޑު ބިންދައިގެން ހޯދާ ފައިސާ އިން ސަރުކާރަށް ދައްކާ ފައިސާ ސަރުކާރުގައި ތިބޭ ބޮޑެތި ވވ ތައް ވެރިކަމުގެ ދަހިވެތި ކަމުގައި ކުރާ ބޮޑެތި ވވ މިއުޅެނީ ގައުމީ ޔުނިވަރސިޓީ އަށް 30 އަހަރު ވެގެންދާއިރު ވެސް އެތަނުގައި ސްޓެމް ސަބްޖެކްޓްސް ރަނގަޅަށް ކިޔަވާ ދޭނެ ތަނަކާއި އަދި ފައިސާ ނެތިގެން މުއިއްޒު ސަރުކާރުގައި ވެސް ފެނަކައިގެ މުވައްޒަފުން ތަންކޮޅެއް ވެސް މަދެއް ނުވޭ މީ ސީދާ ވ ކުރުމޭ
ޓިނު
15 May 2025
ތިތަންތަށް ކައުންސިލްތަކާއި ހަވާލުކޮށްބަލަ.
ބަންދު
15 May 2025
ތިތަންތަނާ ޙަވާލުކުރިއަސްވާނީ މިވަރު، ހިންނަވަރުގައިވެސް ދެވަނަ ދައުރަށް ގޮސްފަ އަދި ކޮޅެއް މެދެއް ނޭގޭ މަގުހެދުމުގެ
ހަމަ ހުސްއަނގަ
15 May 2025
އޮޑީޓް އޮފީހުގެ މި ރިޕޯޓުގައިވާގޮތުން އޮޑީޓް އޮފީހުގެ ވެރިންގެ އިތުބާރުއޮތްތޯ ވަަރަށް އަވަހަށް އެބަ ބަލަންޖެހޭ. އެހެނީ ފެނަކައިން ވަޒީފާދެނީ ކޮންމެހެން އެތަނެއްގައި ކުރަން ހުންނަ މަސައްކަތްތައް ބަލައިގެން ނޫންކަން އެވެރިންނަށް ނޭނގުނަތީޢާއި މުވައްޒަފުން އިތުރު ކުރުމަކީ ކުންފުނީގެ ފައިދާއަށް ބަލައިގެން ކުރާ ކަމެއްކަން ނޭނގުނަތީއާއި މިހާރު ދީފައިވާ ޚިޔާލާ އެއްގޮތަށް ފެނަކައިން އަމަލުކޮށްފިނަމަ ޕާޓީއަށް ވައްދަން މީހުން ލިބުން މަދުވާނެތީ.
ކަމީނާ ޖައްލެ
15 May 2025
މިހާރު މިދާ ރޭޓްން މަސައްކަތެެއް ނުފަށައި 600 މިލިޔަން ދާނެއެެވެ. ފެނަކައަށް ވަޒީފާއަށް މިހާރު ވައްދަނީ ކުރިނަށްވުރެން ބެލުމެއްނެތި ގާތް ރައްޓެހިންނާއި ތިމާގެ މީހުންނެވެ.
އޮޑިބެ
15 May 2025
އޮޑިޓް ރިޕޯޓްތައް ފުލުފުލުގައި އެބަ ނިކުމޭ. އެއިން ކޮންމެ ރިޕޯޓެއްގައިވެސް ފައިސާ އިސްރާފުކުރުމާއި ޚިޔާނާތްތެރިވުމުގެ އެތައް ކަމެއް އެބަ ފާހަގަކުރޭ. އެކަމަކު ފިޔަވަޅު އަޅާތަނެއް ނުފެނޭ. އެހެންކަމުން ތި އޮޑިޓްރިޕޯޓް ނެރުަމަކީވެސް ބޭކާރު ކަމެއް ބޮޑު އިސްރާފެއް. ތިކަން ހުޢްޓާލަން ގޮވާލަން
ހޮޅި
15 May 2025
މިހާރު ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓެއް އެމް ޓީ ސީ ސީ އާއި ، ފެނަކަ ، ވެމްކޯ އަދި އާރު ޑީ ސީއަށް ދީގެން އެލުވެރިން ލައްވައި ބިދޭސީން އެތެރެކޮށް އެމީހުންގެއަތުން ލައްކަލައްކައިންނަގައި ބޮޑެތި އެކޮމެޑޭޝަން ހަދައި ކެއުމާއި ބުޔުމާއި މުސާރަ ތަޅާ ބުރުވާއިރު ކުރެވޭކަމެއްހަރާމެވެ ! ރައްޔިތުންގެ ކުރިމަތީ ދުވާލަކަށް 20 ނުވަތަ 30 ކޭސް މެނަރަލްވޯޓާ ކޭސް އެބަހުސްލުރެއެވެ ؟ ކުދިމެދު ކުންފުނިތައްކަފުންވެ ނިމިއްޖެއެވެ އަތްޖަހައްޏާ ޖަހާށެވެ މިކަންހާސިލުވެއްޖެ ؟!.
ޙަޒް
15 May 2025
ހިންގާލާފައި އޮތް ވަރު މިފެންނަނީ.
ކޮސް ޖަލީލު
15 May 2025
2024 ގައި ތިބިވަރަށް ވުރެން ގިނަ މުއައްޒަފުން މިހާރު ފެނަކައިގައި އެބަތިއްބެވެ. އަދި އެހާރަށް ވުރެން މިހާރު ގޯހެވެ. ދެން ހަމަ އެނެއް 5 އަހަރުން މިކަހަލަ އަނެއް ރިޕޯޓް ނެރޭނެއެވެ. އެއިރު ފެނަކައަށް ވެއްދީ ސިޔާސީ ޕްރެޝަރާއި އެއިރުގެ އެމްޕީންނާއި ބޭނުންވެގެންނެވެ. މިހާރު ސިޔާސީ ޕްރެޝަރާއި، މިހާރުގެ އެމްޕީންގެ އިތުރަށް މިހާރުގެ އެމްޑީގެ ރައްޓެހިންނެވެ. މިހާރު އަދި އަލަށް ވެއްދި މީހުން އިހުނަށްވުރެ ގޯސްވެފައި ބުއްދިވެސް ނެތީއެވެ.
ޔަގީން މަދެއް ނުވާނެކަން
15 May 2025
މިސަރުކާރުން ވެއްދި މީހުންގެ އަދަދު ޖަހާލިނަމަ ވަރަށް ސަޅިވާނެ.