އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ޝަރަފުގައި ގަތަރުން ބޭއްވި ފަރިއްކޮޅުގައި ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އައް ސާނީއާ އެކު. -- ފޮޓޯ: އޭއެފްޕީ
15 މެއި 2025 - 06:21
އެމެރިކާގެ ރިޔާސީ މަތިންދާބޯޓު، އެއާ ފޯސް ވަން، ގެ ގޮތުގައި ބޭނުންކުރުމަށް ގަތަރުން ހަދިޔާކުރަން ނިންމާފައިވާ ލަގްޒަރީ ޖެޓަކީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދޭ ހަދިޔާއެއް ނޫން ކަމަށާއި އެއީ އެއް ސަރުކާރުން އަނެއް ސަރުކާރަށް ދޭ އެއްޗެއް ކަމަށް ގަތަރުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ ގަތަރަށް ވަޑައިގެންފައި ވާއިރު ގަތަރުން 400 މިލިއަން ޑޮލަރުގެ ޖެޓެއް ދޭން ނިންމާފައި ވާތީ އެކަމަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެ ޖެޓް އެއާ ފޯސް ވަންގައި ބޭނުންކުރުމަށް ފަހު ޓްރަމްޕުގެ ވެރިކަން ނިމުމަށް ފަހު އަމިއްލަ އެއްޗެއްގެ ގޮތުގައި ވެސް ބޭނުންކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ނަމަވެސް ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައް ސާނީ ވިދާޅުވީ މި މުއާމަލާތުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށެވެ.
"މިއީ ދެ ސަރުކާރުގެ ދެމެދުގައި ހިންގާ މުއާމަލާތެއް. މިއީ އެމެރިކާ އަދި ގަތަރުގެ ފަރާތުން ބެލި ނަމަވެސް އަމިއްލަ ހައިސިއްޔަތެއް ހިމެނޭ މުއާމަލާތެއް ނޫން. މިކަން ކުރަނީ [އެއްގައުމުގެ] ޑިފެންސް މިނިސްޓްރީ އާއި [އަނެއް ގައުމުގެ] ޑިފެންސް މިނިސްޓްރީއާ ދެމެދު،" މިއީ ގަތަރުގެ ޝާހީ އާއިލާއިން ޓްރަމްޕަށް ދޭ ހަދިޔާއެއް ކަމަށް ބުނާ ވާހަކަ ދޮގުކުރައްވައި ބޮޑުވަޒީރު ވިދާޅުވި އެވެ.
މި އަގުބޮޑު ހަދިޔާ އަކީ އެމެރިކާ އާއި ގަތަރުގެ ގުޅުން ރަނގަޅުކުރުމަށް ދޭ ރިޝްވަތެއް ކަމަށް ބުނާތީ ބޮޑުވަޒީރު ވަނީ އެ ވާހަކައަށް ވެސް ރައްދު ދެއްވައިފަ އެވެ.
"ގަތަރަކީ އަބަދުވެސް އެމެރިކާގެ އިތުބާރު އޮންނަ އެކުވެރިއެއް. އަބަދުވެސް އެމެރިކާއަށް އަންނަނީ ބޭނުންވާ ވަގުތު އެހީތެރިވަމުން. ގަތަރުން ގަބޫލުކުރަނީ މި އެކުވެރި ގުޅުމަކީ އެއްކޮޅުން އެކަނި ކަންތައް ކޮށްދޭންޖެހޭ އެކުވެރިކަމެއް ނޫން ކަމަށް،" ޝައިހް މުހައްމަދު ވިދާޅުވި އެވެ.
ހަދިޔާކުރަން ނިންމާފައިވާ ބޮއިން 8-747 ލަގްޒަރީ ޖަމްބޯ ޖެޓާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އިތުރަށް އޭނާ ވިދާޅުވީ މި ހަދިޔާއާ ގުޅޭ ގާނޫނީ ކަންކަން އަދިވެސް ފުރިހަމަނުވާ ކަންކަމާއި އެހެންވެ އަދި މިއީ އެއްކޮށް ކަށަވަރު ވެސް ނުވާ މުއާމަލާތެއް ކަމަށެވެ.
މިހާރު އެއާ ފޯސް ވަންގައި ބޭނުންކުރާ ބޮއިން 747-200ބީ މަރުކާގެ ޖެޓްތަކާ މެދު ހިތްހަމަނުޖޭކަން ޓްރަމްޕު ކުރިން ވެސް ހާމަކުރައްވާފައިވެ އެވެ. ބޮއިން ވަނީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން 747-8 މަރުކާގެ ދެ މަތިންދާބޯޓު 3.9 ބިލިއަން ޑޮލަރުގެ އަގެއްގައި ސަޕްލައިކޮށްދޭން 2018 ވަނަ އަހަރު އެއްބަސްވެފަ އެވެ. އެކަމަކު މި ލިބުން ލަސްވާތީ ޓްރަމްޕް ވަނީ ބޮއިން ނޫން އެހެން ގޮތެއް ހޯދަން ވިސްނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރަމްޕް
15 May 2025
އަރަބި ވެރިންގެ ބޯކާލެވިއްޖެ.. ބޭނުންވާ ވަރަށް ފައިސާއާއި މުދާލިބިއްޖެ..
ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައް ސާނީ
15 May 2025
ރ.ޑޮނާލްޑްގެ ހިނިތުންފުޅު ހާދަ ސާދާފުޅެވެ. ޑޮނާލްޑަށް މަމެންގެ ޖެޓު އާއި އެއްކޮށް ފެހި ފެހި އާޒާދީ ނޫރޭ އާލާވީ ފާގަތި މުސްތަގްބަލަކަށް އެދެން.
ސަސި.
15 May 2025
ރަގަަޅު، މުއްސަދި އަދި ފުދިގެން އުޅޭ ގައުމުތަކުން ހާލުގަ އުޅޭ ގައުމުތަކަށް އެހީވާންޖެހޭނެ. އަވައްޓެރިން މާ ގާތުގަ އުޅޭތީ ނުފެންނަނީ ކަންނޭންގެ
1828
15 May 2025
ވެރިކަން ދިފާއުކުރަން ދުނިޔޭގެ އެންމެ މުއްސަނދި ޤައުމަށް ޤަތަރުން މި ހަދިޔާކުރަނީ ބޮއިން 8-747 ލަގްޒަރީ ޖަމްބޯ ޖެޓެއް. ފަލަސްތީންގެ ޤާޒާގެ ރައްޔިތުން ބަނޑަށް ޖައްސައިގެން އިޒްރޭލުން އެމަރަނީ. ޤަތަރަށްވެސް ނުކެރޭ އިޒްރޭލާއި ވާހަކަ ދައްކައިގެން ކާނެ އެއްޗެއް އެތެރެކޮށްލަން. ޔަހޫދީންނަށްވުރެއް މި އަރަބިން ނުބައި. އަބަދުވެސް އަރަބި ވެރިން ބަލަނީ އެމީހުންގެ ޝާހީ ވެރިކަން ދިފާއުކުރަން.