ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް
15 މެއި 2025 - 10:02
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންތައް ބާއްވަން ޖެހޭ އަދަދު އިތުރަށް މަދުކުރަން، އެ މެންބަރެއްގެ ގޮނޑި ހުސްވާއިރު، ދައުރު ހަމަވާން ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލް ކޮމިޓީން ރޭ ފާސްކޮށްފި އެވެ.
ކޮމިޓީން އެ ބިލް ފާސްކުރީ ރޭ ދަންވަރު 12:30 ގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ޖުމުލަ 11 މިނެޓަށް ބޭއްވި ބައްދަލުވުމުގައި ބިލް ފާސްކުރީ އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަ އެ އިސްލާހުގެ ބިލް ފާސްކުރަން ހިމަނައި މަޖިލިހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް ފޮނުވީ ވެސް ރޭ ފަތިހު އެވެ. މިހާރު ހިނގަމުން އަންނަ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ބާއްވަން ތާވަލު ކޮށްފައި ވަނީ މިއަދުގެ މެންދުރު އެކެއް ޖަހާއިރަށެވެ.
ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެމްބަރު އަލީ މޫސާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ބައި އިލެކްޝަންތައް ބާއްވަންޖެހޭ އަދަދު އިތުރުވަމުންދާތީ، ހަރަދު ކުޑަކުރުމާ އެކު، މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ ދައުރު ހަމަވާން ގާތްވެފައިވާތީ އިތުރު ބައި އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށެވެ.
ބިލްގައިވާ ގޮތުން ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނުވަތަ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެން ވެސް ގޮތަކުން އޭނާގެ ގޮނޑި ހުސްވާ ހާލަތެއްގައި، ކައުންސިލް އުމުރުގެ ބާކީ އޮންނަ މުއްދަތު 548 އަށް ވުރެ ކުރު ނަމަ، ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ ގޮނޑި ހުސްވިޔަސް، ދައުރުގެ ބާކީގައި ހަމަ އެ މުއްދަތު އޮތް ނަމަ ބައި އިލެކްޝަން ބާއްވަން ނުޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
މިހާރު ގާނޫނު އޮތީ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް އޮތް ނަމަ ބާއްވަން ނުޖެހޭ ގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް … އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުން pic.twitter.com/TNKDSUA8v0
— People's Majlis (@mvpeoplesmajlis) May 14, 2025
ރޭ ދަންވަރު ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުން --
ބިލުގެ އިބްތިދާއީ ބަހުސްގައި އިދިކޮޅު އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެ އިސްލާހާ ދެކޮޅު ހައްދަވައިފަ އެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ކުރޭ ހޭދަ އިންތިހާއަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ހަރަދު ކުޑަކުރުމުގެ ނަމުގައި ބައި އިލެކްޝަންތައް ނުބާއްވާ ގޮތަށް ހެދުމަކީ ދެކޮޅުނުޖެހޭ ކަމެއްގެ ގޮތުގައި އެ މެމްބަރުން ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޝާރު
15 May 2025
ކައުންސިލްތަކުގައި ވަކި ޢަދަދަކަށް އަންހެނުންނަށް ގޮނޑި ރިޒާވް ކޮށްފައި ހުރުމަކީ ޤާނޫނު އަސާސީގައި ބުނާ ޖިންސުގެ ހަމަހަމަ ކަން އަދި ކޮންމެ މިހަކީ ހަމަހަމަ ޙައްްޤު ލިބިފައިވާ މީހެއްކަމަށް ބުނާ ބުނުމާއި ފުށު އަރާ ކަމެއްކަމަށް އިޙުސާސް ކުރެވޭތީ، މަޖިލީހުގެ މެމްބަރުން މިކަމަށް ނުބައްލަވަންތޯއެވެ.
ހޮޓްކިންގ
15 May 2025
ހަމަ ތިގޮތަށް ރަށުކައުންސިލްގަ އެއްމެ މެންބަރަކުވެސް ނުހުންނަގޮތަށް ފާސްކިށްދީބަލަ. މުސާރަނަގައިގެން ހަރާމް ހައްދަވައިގެން ކުރާކަމެއް.
އެންޓިކަތީބު
15 May 2025
ސޯ ބެކް ޓު ކުޑަ ކަތީބު އެންޑް ބޮޑު ކަތީބު ދޯ؟
ޜަކަރަކަރަކަ
15 May 2025
އެހެންތާ ތިވީ. އެ ދޮޅުއަހަރު ދެން ކައުންސިލްތައް ހިންގަވާނީ ރައީސްމީހާ އައްޔަނުކުރާ ކަތީބެއްވިއްޔަ