އަންހެނަކު، ކުއްޖަކު ގޮވައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 މެއި 2025 - 17:42
ގެދޮރާއި މާލީ ދަތިކަމަކީ ރާއްޖޭގައި ގިނަ ދަރިން ނުހޯދާ ބޮޑު ދެ ސަބަބު ކަމަށް ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ޔޫއެންއެފްޕީއޭއާ ގުޅިގެން "ރާއްޖޭގައި އިޖުތިމާއީ އަދި އިގުތިސާދީ ސަބަބުތަކުގެ ސަބަބުން ދަރިމައިވުން ދަށްވުން" މައުޟޫއަށް ހެދި ދިރާސާގެ ނަތީޖާ އިއްޔެ ނެރެފައި ވާއިރު އޭގައި ވަނީ މަދުން ދަރިން ހޯދާ ސަބަބާއި އެ ރޭޓު މަތިކުރަން ކުރެވިދާނެ ކަންތައްތައް ފާހަގަކޮށްފަ އެވެ.
ދިރާސާގައި ބައިވެރިވެފައިވަނީ 18-49 އަހަރުގެ 479 އަންހެނުންނެވެ. އަދި އޭގެ ބައެއްގެ ގޮތުގައި ހިމެނޭ ފޯކަސް ގްރޫޕު ޑިސްކަޝަންގައި ފިރިހެނުންނާއި ސިއްހީ ދާއިރާގެ މީހުން ބައިވެރިކޮށްފައިވެ އެވެ.
މައުލޫމާތު އެއްކުރި އަންހެނުންގެ އެވްރެޖު އުމުރަކީ 32.8 އެވެ. އޭގައި ބައިވެރިވި 10 ޕަސެންޓް މީހުން ކައިވެނި ނުކޮށް ތިބިއިރު 83 ޕަސެންޓު މީހުންނަކީ އެ މީހުންގެ ފުރަތަމަ ކައިވެނި މަތީގައި ތިބި އަންހެނުންނެވެ. ތިރީސް ތިން ޕަސެންޓް މީހުން ބުނީ އެ މީހުންނާ އެކު ދަރިން ދިރިނޫޅޭ ކަމަށެވެ. އަދި 27 ޕަސެންޓު މީހުންނަށް އަދި ދަރިން ނުލިބޭ ކަމަށް ދިރާސާގާއި ބުނެފައިވެ އެވެ.
އޭގައި ބައިވެރިވި 55.5 ޕަސެންޓު އަންހެނުން ބުނި ގޮތުގައި ބޭނުންވިއަސް ގިނަ ދަރިން ނުހޯދަނީ ދިރިއުޅޭނެ ޖާގަ ނެތުމުންނެވެ. ދެ ވަނައަށް، 40.9 ޕަސެންޓު އަންހެނުން ބުނީ ގިނަ ދަރިން ނުހޯދަނީ މާލީ ދަތިތަކާ ހެދި ކަމަށެވެ. ސިއްހީ ސަބަބުތަކާ ހެދި، ދެ ވަނަ ދަރިފުޅު ނުހޯދާ ކަމަށް 27 ޕަސެންޓު މީހުން ބުނެފައިވެ އެވެ.
އެމްއެންޔޫއިން ތައްޔާރުކުރި ދިރާސާ ނެރުމަށްފަހު އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްއެންޔޫ
އެހެންވެ، މާލީ މަންފާ ލިބޭ ގޮތަށް ޕޮލިސީތައް ބަދަލުކުރުމުން ގިނަ ދަރިން ހޯދުމަށް ބާރު ލިބޭނެ ކަމަށް 43.3 ޕަސެންޓު އަންހެނުން ބުނެފައިވެ އެވެ. އަދި 16.8 ޕަސެންޓު އަންހެނުން ބުނެފައިވަނީ ޖާގަ ތަނަވަސް ގެދޮރުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް ގިނަ ދަރިން ހޯދުމަށް މަގުފަހިކޮށްދެވޭނެ ކަމަކަށް ވާނެ ކަމަށެވެ. ތިން ވަނައަށް އެންމެ ގިނަ މީހުން ބުނެފައިވަނީ ހިލޭ ގެދޮރު ހޯދައިދިނުމެވެ.
އެހެންވެ، އެ ދިރާސާގައި ވަނީ އާބާދީ އިތުރުކުރުމަށް މުހިއްމު ފިޔަވަޅުތަކަކަށް ލަފާދީފަ އެވެ. އޭގެ ތެރޭގައި؛
- ދެ ދަރިންނަށް ވުރެ ގިނަ ދަރިން ތިބި އާއިލާތަކަށް ރަނގަޅު ގެދޮރުގެ ފުރުސަތު ފަހިކޮށްދިނުން
- ދައުލަތުގެ އިދާރާތަކާ ކައިރީގައި ސަރުކާރު ސަބްސިޑައިޒްކޮށްފައިވާ ޑޭ-ކެއާ ސެންޓަރުތައް ހެދުން
- ފްލެކްސިބަލް މަސައްކަތުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ވަޒީފާ ހިއްސާކުރުން
- ސަރުކާރު އަދި އަމިއްލަ އިދާރާތަކުގައި މެޓާނިޓީ އަދި ޕެޓާނިޓީ ޗުއްޓީ ހަރުދަނާކުރުން
- ދަރިން ލިބުމަށް ހުރަސްއެޅޭ ސިއްހީ މައްސަލަތަކަށް ރަނގަޅަށް އިޖާބަ ދިނުން
ދިރާސާގައި ބައިވެރިވި 56 ޕަސެންޓް އަންހެނުން ބުނީ ގިނަ ދަރިން ބޭނުން ނުވާ ކަމަށެވެ. އަދި 28 ޕަސެންޓު މީހުން ވަނީ ތިން ކުދިންނަކީ ދަރިން ހޯދަން އެންމެ ރަނގަޅު އަދަދު ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު، އެ އަދަދަށް ދަރިން ނުހޯދަ އެވެ.
ޒުވާނުން ބޭނުންވަނީ ބޮޑެތި އާއިލާތައް ނަމަވެސް މުއައްސަސާތަކާއި އިގްތިސާދީ ހުރަސްތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގައި ދަރިން ހޯދާ ވަރު 1990 ވަނަ އަހަރު ހުރީ 6.4 ރޭޓު އެވެ. އޭގެ 32 އަހަރު ފަހުން، 2022 ވަނަ އަހަރު އެ ރޭޓު ވަނީ 1.7 އަށް ތިރިވެފަ އެވެ. ސާކުގެ ގައުމުތަކަށް ބަލާއިރު އެންމެ ފާޓިލިޓީ ރޭޓު އެންމެ މަތީ އަފްޣާނިސްތާނުގަ އެވެ.
(18-45 އަހަރާ ދެމެދުގެ އަންހެނުން)
- ދިރިއުޅުމާއި ކުދިން ބެލެހެއްޓުމުގެ ހަރަދު އިތުރުވުމުން ބޮޑު އާއިލާއެއް ބަލަހައްޓަން އުނދަގޫވުން
- އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާން އަންހެނުން ދަރިން ހޯދުން ފަސްކުރާ ސަބަބުތަކުގެ ތެރޭގައި ތައުލީމާއި ވަޒީފާ އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް އިސްކަންދިނުން
- އުމުރުން 30 އަހަރާއި 45 އަހަރާ ދެމެދުގެ އަންހެނުން ބުނާ ގޮތުގައި ދަރިން ހޯދުމުގައި މާލީ ދަތިކަމާއި ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ހީނަރުވުމާއި ދަރިމައިވުމުގެ މައްސަލަ ދިމާވުން
(ސިއްހީ ދާއިރާގެ ތަޖުރިބާކާރުން)
- ފިރިހެނުންނަށް ދަރިން ނުލިބުމާއި އެއާ ގުޅޭ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުލިބުން
- މަސައްކަތުގެ މާހައުލުގައި ހުރަސްތައް ހުރުމާއި ދަރިން ބެލުމުގެ އެކަށީގެންވާ ސަޕޯޓު ނުލިބުން
- ޑޭކެއާގެ ހިދުމަތް ފުޅާކުރުމާއި އެތިކަލް ފާޓިލިޓީ ޕްރޮޓޮކޯލްތައް ތަންފީޒުކުރުން
(ޕޮލިސީ ހަދާ ފަރާތްތައް)
- ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތެއް ނެތުން
- ޑޭޓާ ސިސްޓަމްތަކާއި ހުރިހާ ކުދިން ޝާމިލްވާ ގޮތަށް ޗައިލްޑް ކެއާ ސިސްޓަމަކަށް ވަކާލާތުކުރުން
- މަސައްކަތުގެ މާހައުލާއި ބޯހިޔާވަހިކަމުގެ ހާލަތު ހުރިގޮތުން ދަރިން ހޯދަން ހުރަސް އެޅުން
ފޯކަސް ގްރޫޕު ބައްދަލުވުންތަކުގައި ފިރިހެނުން ބުނީ ދަރިން ހޯދުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރާ ކަމަށެވެ. އެކަމަކު، މާލީ ހާލަތާއި ބޯހިޔާވަހިކަމަކީ އެއަށް އެޅޭ ހުރަސްކަމަށް ބުންޏެވެ. އޭގެ އިތުރުން އަންހެނުންގެ ވަޒީފާގެ ދާއިރާގައި ކުރާ އުއްމީދުތަކަށް ތާއީދުކުރިއަސް ފިރިހެނުންނަށް މަސައްކަތުގެ މާހައުލުގައި އެ ސަޕޯޓެއް ނޯންނަ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބޭ..
19 May 2025
ސާޅިހުން މައްޗަށް މިދިޔަޢި.. އަދި ނެތް އަމިއްލަ ބިމެއް ގޯއްޗެއް.
މިނިމަލް
18 May 2025
އާން!! ދެމަފިރިން ހޯދާލާރިން ދެކޮޅުނުޖެހޭ، ކޮންމެ އަހަރަކު ތަކެތީގެ އަގު އެހާ ބޮޑުވޭ އެބަ، އުޅޭނެ ގެދޮރެއް ނެތް، ކުއްޔަށް ނަގައިގެން މި މާލޭގަ މި ޖެހެނީ އުޅެން، މި ނޫން ގޮތެއް ނެތް. މީކީ އެއްވެސް ސަރުކާރަކުން ވެރިކަމަށް އައިސް ބަލާ ކަންކަމެއް ނޫން.
ހސނ
17 May 2025
ތިޔަ ސަރވޭ އަކީ ވަރަށް ފެންވަރު ދަށްކޮށް ޑިޒައިންކޮށްފަ އޮތް ސަރވޭއެއް. އަޅުގަނޑު އެމްއްންޔޫ ގަ ކިޔަވޭ ކުދިންވެސް ތިއަށްވުރެ ރަނގަޅަށް ސަރވޭ ތައްޔާރުކުރުން އެކަށީގެންވޭ.
ހިސަން
18 May 2025
ސާރވޭ އެއްނޫން. ރިސާޗެއް. ސާރވޭއަކީ ރިސާޗުކުރަން ބޭނުންކުރާ އެއް ޓޫލް
އަނގަ ފަތަރާސީ
18 May 2025
ދެން ފެންވަރު މަތިކޮއް ތި މީހުން ސާވޭ ހަދާބަލަ ކަންނެތް ވެފަ ނުތިބެ
ޕުލޭނަރު
17 May 2025
ރަށްރަށަށް ކެރީން ކެޕަެސިޓީއެއް ކަނޑައަޅަން އެބަޖެހޭ. ތަރަށްގީގެ މަސްރޫއުތަކަށް އިސްކަން ދިނުމުގައި ބަލަންވީ އެޔަށް. އާބާދީ ތޮއްޖައްސައިގެން ހައްލެއްނެތް.ބޮޑު ކުރެވެންނެތް ކުދި ކުދި ރައްރަށް ނުބަދަލު މަސްރަުއުތަށް ދީގެން ވާކަށްނެތް. ޢަމިއްލައެދުމާ ސިޔާސީ މަންފާއަށް ހަލާކުމިވަނީ ގައުމު
ޑިވެހިމީހާ
17 May 2025
ތިޔަވާހައަކީ މާކިރިން އަހަރެމެން ދައްކާވާހަކަ. މިތާހެ ސޯސަލް މައްސަލަތަށް އިންތިހާއަށް. ކޮންނެ ސަރުކާރަކުން ވެސް ފާޓެއްގެ ޔޫތު މިނިސްޓުރީއަކާ ޖެންޑާ މިނިސްޓުރީއެއް ހަދައިގެން ވާނުވާގަ. މިއުޅެނީ ޖެންޑާ ހަމަ ނުވެގެނެއް ނޫނޭ. ޜަގަޅު ސޯސަލް ސުޓުރަކްޗާއެއް މިތާ ބިލްޑު ކުރަން ފުރަތަމަ ޖެހޭނީ. ރަށްރަށުގެ ސައިޒަށް ބަލާ ބޮޑުކުރެވެން އޮތްރަށްރަށަށް މީހުން އާބާދުކޮށް ތަރަށްގީ ކުރެވިގެން ވާނީ. ދެމީހުނަށް އުޅެވޭރަށްރަށް ހިއްކާޕޯޓު އެޅުމަކީ ތަރައްގީއެއްނޫން
ގުދުގުދާބެއްޔާ
17 May 2025
ދެން ހުރިހާ ދޮގުވެރިން ދޮގުހަދާފަ މާލެއަންނަން ވީނު! ވަރިހަމަ ރަށުގަ މަންމަ ބައްޕަ އަދި ތިމާގެ ފަޅުރަށެއް ވަރުގެ ގޯތި އޮތަސް! ކައުންސިލުން ދޮގު ލިއުން ހުށަހަޅައިގެން މާލޭގަ 18 އަހަރު އުޅެފައޭ ވަނީ ކިޔައިގެން ލިޔުން ހޯދައި ފުލެޓައް އެދެންވީނު!
ކޮބާހޭ؟؟؟
17 May 2025
ދަރިން ނުހޭދޭނެ ހުރިހާ ގޮތަކަށް ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންނަށް. ކޮބާ އަލަތު ކައިވެނި ފުލެޓު؟ ކޮބާ ކިޑްސް ޑޭ ކެޔާ؟ ކޮބާ ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ކުރުން؟ ކޮބާ އެފޯޑަބަލް ހައުސިން؟ ކޮބާ އެފޯޑަބަލް ފާޓިލިޓީ އެންޑް މެޓާނިޓީ ކެޔާ؟ ޢެހުރިހާ އެއްޗެއްގެ ބަދަލުގައި ހާހުން ސިޔާސީ މަގާމު ހަދަނީ މުއިއްޒު
ރޭވިގެން ހަދާ ޖަރީމާ ސިޔާސަތު
17 May 2025
ސަރުކާރުތަކުން ސިޔާސަތު ކަޑަ އަޅަނީ ރައްޔިތުން އަބަދު ސްޓުރެސްގައި ގޭނެން ޖެހޭގޮތައް. ގެދޮރުވެރިކަމާ ވަޒީފާ މިކަހަލަ އެތައް ދައްޗެއް. ސަރުކާރުން ބޭނުންވަނީ އެގޮތައް ބޯތަޅަން ރައްޔިތުން ބައިތިއްބާފަ އެމީހުން ހިންގާ ޖަރީމަަ ތަކަށް ރައްޔިތުން ފާރަވެރި ވާން ވަގުތު ނުދޭން.
0000ކކ
17 May 2025
ދަރިންތިބި މީހުންނަށް ބޯހިޔާވަހިކަމެއް ސަރުކާރުން މަގުފަހި ކޮދީފިއްޔާ ކިހާ ރަނގަޅު. މިހާރު މިޖެހެނީ ދަރިން ބޭރުމީހެއްގެ އަތމައްޗަށް ދޫކޮށްފަދާން
ޕޮލިޓިކްސް
17 May 2025
ވެރިންނަށް ރަގަޅު ވާނީ އާބާދި ކުޑަވި ވަރެއް. އޭރަށް ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ ވެލްފެއާއަށް ހަރަދު ކުރާން ޖެހޭ ވަރު މަދުވެ ކުރައުޑް ކޮންޓުރޯލު ކުރަން ފަސޭހަވޭ. އާބާދީ ބޮޑުވީމަ ސަރުކާރުން ކުރަން ޖެހޭ ހަރަދު ބޮޑުވީމަ ސިޔާސީ މަގާމުތަކަށް މިލިއަނުން މުސާރައެއް ވެސް ނުދެވޭނެތާ. އެހެންވީމަ ސިސްޓަމް ހަދާފަ އޮންނަނީ ސީދާ ރައްޔިތުން ގަނަތަޅުވާ ސްޓުރެސް ކުރާ ގޮތައް. އޭރަށް ޕޮލިޓިކްސްއާ ވިސްނާނެ ޓައިމެއް ރައްޔިތު މީހަ އަކަށް ނޯންނާނެ ތާ! އެއީ ގޭމަކީ!
ސިޔާސީ ރައްޔިތު
17 May 2025
ސަރުކާރުން ހަދާ ދޯހަޅި ސިޔާސަތުތަކާ އެސިޔާސަތުގެ ދަށުން ކުރާ ކަންކަމުން ސީދާ ރައްޔިތުމީހާގެ ޖީބާ، ދިރިއުޅުމާ، ބޭސްފަރުވާ، ބޯހިޔާވަހިކަމަށް ނުރަގަޅު އަސަރު ކުރޭ. އެހެންވީމަ ވެރިން ކިތަންމެ މޭކެރިޔަސް އަހަރުމެން ރައްޔިތުން ސިޔާސީ ވާނެ!!
ވެރިންގެ ވެރިކަން 3 ބާރޯ
17 May 2025
އަސްލު ތެދެެއް. މައުމޫން ވެސް އަސްލު އާބާދީ ކޮންޓުރޯލު ކުރުވީ އެހެންވެ
ރަމީޒ
17 May 2025
އަދި ކޮބާ ސިޔާސީ މީހުން ނަގާހާ ކަޓުތައް ބަޖެޓުން؟