ހައި ކޯޓު: އުއްދޫ އަތުލި މައްސަލައިގައި ސަންއިން ކުރާ ދައުވާ ބާތިލެއް ނުކުރި
18 މެއި 2025 - 16:19
ސަން އިންވެސްޓްމެންޓް ކުންފުންޏަށް ދޫކުރި ދ. އުއްދޫގެ އެއްބަސްވުން އާ ނުކުރަން ނިންމައި، ސަރުކާރުން އެރަށް އަތުލި މައްސަލާގައި ސަންއިން ކުރާ ދައުވާގެ އިސްތިއުނާފު ފޯމް ބާތިލް ކުރަން ދައުލަތުން އެދުނު ނަމަވެސް، އެކަން ކުރާނެ ހާލަތެއް ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ކުންފުންޏަށް ދޫކޮށްފައި އޮތް އުއްދޫގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ މުއްދަތު އާ ނުކުރަން ނިންމައި، އެ ރަށް ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް، އެ ނިންމުން ތަންފީޒު ކުރުން ފަސްކުރަން ސަން ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.
އެ މައްސަލަ ހުށަހެޅީ އުއްދޫ ތިންވަނަ ފަރާތަކާ ހަވާލުނުކޮށް، އެ ކުންފުންޏާ ދައުލަތާ ދެމެދު އޮތް އެއްބަސްވުމުން ކުރިއަށް ގެންދިޔުމުގެ ވަގުތީ އަމުރަކަށް އެދި އެވެ. އެކަމަކު، ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި ސަން ކުންފުނީގެ ފަރާތުން އިސްތިއުނާފު ކުރުމުން ދައުލަތުން ވަނީ އިއުތިރާޒެއް ހުށަހަޅައިފަ އެވެ. އެއީ އިސްތިއުނާފަކީ މަދަނީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އަދި އެ މައްސަލައަކީ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރަން ހުށަހަޅާ މައްސަލައެއް ކަމަށް ބުނެ އެވެ.
އެހެންކަމުން ދައުލަތުން އެދުނީ އެ މައްސަލައިގެ ދައުވާ ބާތިލްކޮށް ދިނުމަށެވެ.
ނަމަވެސް، ހައި ކޯޓުން މިދިޔަ ހަފުތާގައި ނިންމި ނިންމުމުގައި ބުނީ އެ ދައުވާ ފޯމް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އިސްތިއުނާފު ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، އެ އިސްތިއުނާފަކީ ޝަރީއަތުގެ ތެރެއިން ބަލައިގެން މެނުވީ ގޮތެއް ނުނިންމޭ ހާލަތެއް ވުޖޫދުގައި އޮތުމުގެ އިހުތިމާލު އޮތް އިސްތިއުނާފެއް ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގޮތުން ކަން ޝަރީއަތަށް ބުރަނުވެވޭ ކަމަށް ވެސް ނިންމުމުގައިވެ އެވެ. އެހެންވެ، އެ މައްސަލާގައި ދައުލަތުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ދައުލަތާއި ސަން ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން އުއްދޫއޭ ކިޔާ ފަޅު ރަށް އެ ކުންފުންޏާ ހަވާލުކުރީ 2003 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ އެއްބަސްވުމުގެ މުއްދަތު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.
އެ މުއްދަތު އިތުރުކުރަން މަޝްވަރާ ކުރަމުން ދަނިކޮށް ދައުލަތުން ސަން ކުންފުންޏަށް އަންގާފައިވަނީ 60 ދުވަސް ތެރޭގައި ރަށުގައި ހުރި ސަން ކުންފުނީގެ މުދާ ހުސްކޮށް، ރަށް ހަވާލު ކުރުމަށެވެ. އުއްދޫގެ މައްސަލަ ސަން ކުންފުނިން ކޯޓަށް ހުށަހެޅިއިރު، ސިޔާމްގެ މަސްލަހަތު އޮންނަ އެހެން ކުންފުންޏަކަށް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ނ. މިނާވަރު ވެސް ސަރުކާރުން ދާދިފަހުން ވަނީ އަތުލައިފަ އެވެ. އެތަން އަތުލީ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާތީ ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
20 May 2025
ޝިޔާމް ރިޔާސީ އިންތިޚާބުގައި ވާދަކުރާތީ ޖެހިގެން އުޅޭ ކަމެއް ބާ ނޫނީ ޑީލެއްގެ ކަންކަން ސަކަރާތްކޮށް ދިއައީބާ. އެހެނީ ރާއްޖޭގައި އޮތް ފަޅުރަށެއް ވެއްޖިެްޔާ އޮންނާނީ ކޮންމެވެސް މަހުޖަނަކަށް ދީފައި. ނޫނީ މާލޭގެ ކޮންމެވެސް ބޮޑު އާއިލާއެއްގެ ނަމުގައި. 21 ވަނަ ގުރުނުގައި ވެސް އަދިވެސް މިއޮތީ ފިއުޑަލް ނިޒާމު. މިވާހަކަ ދައްކާ ބަޔަކު ނެތް
ބުހުތާނު
19 May 2025
މަހީކުރީ ޤައުމުގެ މިކަހަލަ ހަރުމުދާތައް ބައްކޮށްގެންނއުޅެނީ ޥިލާ ކިޔާ ތަނަކުން އެކަނިކަމަށް. އެކަމަކު މިހާރު އެބައެނގޭ މީގެ އެތައް ބަޔަކު އެބަތިބިކަން. ރަށްތައް ބައްކޮށްގެން ކަމެއްނުކޮށް އެގްރިމެންޓް އާކޮށްލަ ކޮށްލާ.
އައްޓަމަސް
18 May 2025
ކުޑަވަކީލުއަށް ބުނަން އޮތީ މަގޭ ތަނެއް މީހަކަށް 20 އަހަރަށް ކުއްޔަށް ދީފައި މުއްދަތު ހަމަވީމައި އަތުލުމުން ކޮންމައްސަކައެއް ހޭ ޖެހޭނީ؟ އަދި މިކަން ގާނޫނާއި ޚިލާފުވާނީ ކިހިނަކުންބާ؟
ކުޑަ ވަކީލު
19 May 2025
މިދައްކަނީ ކަން ކުރި ގޮތުގެ ވާހަކައެއްނޫން. ތަން އަތުލެވޭ ނުލެވޭ ވާހަކައެއްނޫން. މައްސަލަތައް ހިންގުމަށް ދަތިކުރަން ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން އަންނަ ވަކީލުން ކޮންމެ ދައުރެއްގަވެސް ކަންކުރާ ގޮތުގެ ވާހަކަ. މައްސަލަ ބަލާފަ ކޯޓުން ނިންމާނެތާ އަތުލުމާ ގުޅޭގޮތުން. އަދި ބުނެލަން ތިހެން މުއްދަތު ހަމަވެގެން ކޯޓަށް ނުގޮސް ގަދަކަމުން ގަދަބާރުން ނެރިގެން ދިމާވެދާނެ ކަންކަމަށް ވިސްނާތި. ގާނޫނީ ފިލާވަޅު މިތާ ނަގައިނުދެވޭނެ.
އ އަހްމަދު
18 May 2025
އަޅުގަނޑުހިތައްއަރަނީ ތިޔަމައްސަލަޔާ ހަވާލުވެގެންހުރިގާޒީގެ ސުލޫކީމައްސަލައެއް ފެންމަތިނުވެދާނެބާއޭ
ރަގަޅު ވެދާނެ we've.
18 May 2025
މާމުއި ކޮޅެއް ބޯލާށެވެ.
ކުޑަ ވަކީލު
18 May 2025
ދައުލަތުން މައްސަލަތައް ލަސްކުރަން ބޭނުންކުރާ އުކުޅެއް އިޖުރާއީ އިއުތިރާޒަކީ. ކޯޓުތަކުން ވެއްޖެ ބޭކާރު ގޮތުގައި މިހެން ނަގާ ނުކުތާތައް ހުއްޓުވަން. މައްސަލައަށް ޖަވާބުދާރީނުވެ ނޫނީ ޖަވާބުދާރީވާން އިތުރު ވަގުތު ހޯދަން ކުޅިވަރަކަށް ހަދައިގެން ދައުލަތުން ކުރާ ކަމެއްމިއީ. މިހެން ކަންކުރުމުން ކޯޓުގެ ވަގުތު ގެއްލި ހައްގު ހޯދުމަށް އެދި ދާމީހުންނަށް ގެއްލުންވޭ.
ނާޗޯވާލީ
19 May 2025
ވަކީލު ބާބޫއަށް އެނގޭތަ ތިޔަ ކޯޓުތަކުގައި މައްސަލަތައް ނުނިންމާ ފުނިޖަހާފަ ހުރިވަރު. އެއްވެސް ސަރުކާރަކުން ކަހާވެސް ނުލާނެ. އޮޑީޓް އޮފީހަކުން ރައީސް އޮފީހަކު ކޮރަޕްޝަން އޮފީހަކުންވެސް މިބައެއް ނުބަލާނެ.
ޙައްގުބެ
19 May 2025
ކުއްޔަށް ދިން ތަނެއް މުއްދަތު ހަމަވުމުން އެގްރިމެންޓު އާ ނުކުރަން ނިންމީމަ ކޮން ހައްގެއް ގެއްލިގެން؟ ޢެގްރިމެންޓް އާ ކޮށް އޭނައަށް އުމުރަށް އެ ރަށް ދީފަ ބޭއްވުމަކީ އޭނާގެ ހައްގެއްތަ؟