ލައިފްސްޓައިލް / ކުޑަކުދިން

މި ކުއްޖާގެ ވަސިއްޔަތަކީ މަންމަ ކައިރީގައި ވަޅުލުން

ކެންސަރު ޖެހި މަރާ ހަނގުރާމަކުރަމުންދާ ފިލިޕް

މަރުގެ ތުންފަތްމަތީގައިވާ ކުޑަ ފިރިހެންކުއްޖެއްގެ އެންމެ ފަހުގެ ވަސިއްޔަތް ފުރިހަމަ ކޮށްދިނުމަށްޓަކައި ފައިސާ އެއްކުރުމުގެ ކެމްޕޭނެއް އިންޓަނެޓުގައި މިހާރު ކުރިޔަށް އެބަދެ އެވެ. މި ކުއްޖާގެ އެންމެ ފަހުގެ އެދުމަކީ މަރުވުމުން މަންމައާ އެއް ސަންދޯކެއްގައި ވަޅުލައިދިނުމެވެ.

ޕޮލެންޑު ކުއްޖެއް ކަމަށްވާ ފިލިޕް ކޯންސީ ލިއުކީމިއާ ނުވަތަ ލޭގެ ކެންސަރަށް ޑައިގްނޯސްވީ މިދިޔަ އަހަރު އެވެ. އެހާ ހިސާބުން ފެށިގެން އޭނާ އުޅެމުންދަނީ ލަންޑަންގެ ގްރޭޓް އޯމަންޑް ސްޓްރީޓް ހޮސްޕިޓަލުގަ އެވެ. ނަމަވެސް މިހާތަނަށް ކުރި ފަރުވާ އާއި ސްޓެމް ސެލް ޓްރާންސްޕްލާންޓް އަދި ކީމޯތެރަޕީން ވެސް ހަތް އަހަރުގެ މި ކުއްޖާއަށް ޝިފާއެއް ނުލިބުނެވެ. ކެންސަރު މިހާރު ވަނީ ކުއްޖާގެ ގޮހޮރާއި ލިވަ ފަދަ ތަންތަނަށް ފެތުރިފަ އެވެ. ވޭންތައް ލުއިކޮށްދީ ހިތްހަމަޖައްސައި ދިނުމުގެ ފަރުވާއެއް ފިޔަވައި އެހެން ފަރުވާއެއް މިހާރު ނުދެ އެވެ.

މި ކުޑަ ކުއްޖާއަށް ވެސް އޭނާ ދެން މާ ގިނަ ދުވަހަކު ދުނިޔޭގައި ނުހުންނާނެކަން ޔަގީންވެ އެވެ. އެހެންވެ އޭނާގެ އެދުމަކީ ޕޮލެންޑުގައި އޮތް އޭނާގެ މަންމަގެ މަހާނަ ކައިރީގައި ވަޅުލުމެވެ.

ޕޮލެންޑްގެ ދެކުނުގައިވާ ވެޑޮވިސް އަވަށުގައި ދިރިއުޅެމުންދިޔަ މި ފިރިހެންކުއްޖާގެ މަންމަ މަރުވީ 2011 ވަނަ އަހަރު އެވެ. އޭރު އެ އަންހެންމީހާގެ އުމުރުން 33 އަހަރެވެ. އަދި ފިލިޕަށް އެންމެ ދެ އަހަރެވެ.

މިހާރު މި ކުއްޖާގެ ބައްޕަ ޕިއޮޓްރޭ ކުވާންސީ ދަނީ ދަރިފުޅުގެ އެންމެ ފަހުގެ އެދުން ފުރިހަމަ ކޮށްދިނުމަށް ބޭނުންވާ 6500 ޕައުންޑް ހޯދުމަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގަމުންނެވެ.

ފިލިޕްގެ ބައްޕަ ބުނި ގޮތުގައި މަންމަ މަރުވި ހަދާނެއް ދަރިފުޅުގެ ހުންނާނެކަމެއް ނޭނގެ އެވެ. އެއީ އޭރު އޭނާ ވަރަށް ކުޑަވީމަ އެވެ. ނަމަވެސް ވާހަކަ ދެއްކޭވަރު ވީ ފަހުން އޭނާ ގޮވައިގެން މަންމަގެ މަހާނަ ކައިރިއަށް ދާ ކަމަށާއި އެތަނުގައި ހުރެގެން އޭނާ މަންމައާ ވާހަކަ ދައްކާ ކަމަށްވެ އެވެ.

ފިލިޕްގެ ބައްޕަ އަކީ ވެސް ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުރި އަދި އެއް ކިޑްނީ ހަލާކުވެފައިވާ ވަރަށް ބަލި މީހެކެވެ. އެހެންވެ ދަރިފުޅު ވަޅުލުމުގެ އިންތިޒާމް ކުރެވޭ ވަރަށް ވެސް އޭނާގެ އަތުގައި ފައިސާއެއް ނެތެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅު ގޮވައިގެން ޕޮލެންޑަށް ދާން ޖެހޭނީ އޭނާ އެކަންޏެވެ. ފިލިޕްގެ ދޮންމަންމަ އާއި ފިލިޕްގެ ކޮއްކޮމެން ޖެހޭނީ ލަންޑަންގައި ތިބޭށެވެ.

"ފިލިޕް ބޭނުންވަނީ އޭނާގެ މަންމައާ އެކު ވަޅުލާން. އެހެންވެ އަހަރެން ޖެހޭނީ އެކަން އިންތިޒާމުކުރަން. އޭނާ ގަބޫލުކުރަނީ އެހެން ހެދީމަ މަންމަ އޭނާ ބަލަހައްޓާނެ ކަމަށް،" ފިލިޕްގެ ބައްޕަ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދަރިފުޅު އުޅޭ ހާލު ފެނިފައި އާއިލާ ވަނީ ވަރަށް ބޮޑު ހިތާމައެއްގަ އެވެ.

"މިހާރު ދަރިފުޅު އޮތީ ވަރަށް ހާލުގަ. ގިނަ ފަހަރަށް ޚަބަރު ހުސްވެފައި އޮތަސް ހޭވެރިކަންވާ ފަހަރު ވެސް ހަށިގަނޑަށް ލިބޭ ތަދާއި ވޭނުން ރޮއި ރޮއި އޮންނަނީ. އެ މަންޒަރު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ކުދިކުދިވޭ،" ފިލިޕްގެ ބައްޕަ ބުންޏެވެ.

ފިލިޕްގެ ބައްޕަގެ ކެމްޕެއިނަށް ތަރުހީބު ބޮޑެވެ. އެންމެ 24 ގަޑިއިރުގެ ތެރޭގައި 11،000 ޕައުންޑް ވަނީ ލިބިފަ އެވެ.

0 ކޮމެންޓް, 130 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 98%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454