"އައިންމަތީ ދޫނީގެ އިތުރުން ކުރިން ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދަކަށް ފެނުން ތޭރަވާ ވަނީ މިދިޔަ 30-20 އަހަރު ތެރޭގައި ގާތްގަނޑަކަށް އެއްކޮށްހެން ރާއްޖެއިން ގެއްލިފައި."
އައްޑޫގެ ރަށެއް މަތިން ދޮންދީންޏެއް އުދުހިފައި ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 މެއި 2025 - 12:02
ރާއްޖެއިން އާންމުކޮށް ފެންނަ، މިތަނުގައި އާލާވާ ދޫންޏާއި ނުވާ ދޫނީގެ ހާލަތު މީގެ ކުރިން އެނގޭކަށް ނުހުރެ އެވެ. ނަމަވެސް، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެންމެ މަތީ ޒިންމާ އުފުލާ އީޕީއޭ އިން މިހާރު ވަނީ ތާރީހުގައި ފުރަތަމަ ފަހަރަށް އެ މަސައްކަތް ކޮށްފަ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ބަޔޯޑައިވާސިޓީ ދުވަހާ ދިމާކޮށް "ދިވެހިރާއްޖޭގައި އާލާވާ ދޫނި އަދި ހިޖުރަކުރާ ދޫނީގެ ހާލަތު"ގެ ރިޕޯޓު އީޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ.
މިއީ އޯޝަން ކަންޓްރީ ޕާޓްނާޝިޕް ޕްރޮގްރާމް (އޭސީޕީޕީ)ގެ މާލީ އެހީތެރިކަމާ އެކު، ނިއުޒިލެންޑުގެ އޯކްލަންޑް ޔުނިވާސިޓީ އާއި އައިލްސް ކޮންސަލްޓިން ޕްރައިވެޓް ލިމިޑެޓުން އީޕީއޭއަށް ތައްޔާރުކޮށްދިން ރިޕޯޓެކެވެ.
ސަރުކާރުން ރާއްޖޭގައި 207 ބާވަތެއްގެ ދޫނި ހިމާޔަތް ކޮށްފައިވެ އެވެ. އީޕީއޭގެ މި ރިޕޯޓު ތައްޔާރު ކުރުމަށް، އެ ހުރިހާ ދޫންޏެެއްގެ ތެރެއިން ހިމާޔަތް ކުރުމަށް އިސްކަންދޭ މިންގަނޑުތަކަށް ބަލައި 29 ބާވަތެއްގެ ދޫނި ޝޯޓްލިސްޓް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އާލާވާ ދޫންޏާއި ރާއްޖޭގައި އާލާ ނުވާ، އެކަމަކު އާންމުކޮށް ފެންނަ ހިޖުރަކުރާ ދޫނިތައް ހިމެނެ އެވެ.
މި ރިޕޯޓަކީ 2025 ގައި ދިވެހިރާއްޖޭގައި ވިހާއާލާވާ ދޫނީގެ ބާވަތްތަކާއި ދިވެހިރާއްޖޭގައި އާލާ ނުވާ ނަމަވެސް ދިވެހިރާއްޖެއިން އާންމުކޮށް ފެންނަ މޫސުމީ ދޫނީގެ އަދުގެ ހާލަތު ދެނެގަތުމަށް ކުރެވުނު ދިރާސާގެ ރިޕޯޓެވެ.https://t.co/8LulONXLyehttps://t.co/EZIU1ttz8g@MoEnvmv @MoTmv pic.twitter.com/h3OTQ4HakT
— EPA Maldives (@EPAMaldives) May 22, 2025
އީޕީއޭގެ ރިޕޯޓަށް މައުލޫމާތު އެއްކުރީ އެކި ރަށްރަށުގައި ތިބި މި ފަދަ މައުލޫމާތު މުއްސަނދި މީހުންނާއި ކަމާ ގުޅޭ މާހިރުންނާ އެކު ކުރި 37 އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށެވެ. މިއީ މި 29 ބާވަތުގެ ދޫނި ރާއްޖޭގެ އަތޮޅުތަކުން ފެންނަ އަދަދާއި ބިސް އަޅާ އަދި ނިދަން އަރާ ހިސާބުތަކާ ގުޅޭ މައުލޫމާތު އެއްކޮށް، މިގޮތަށް އެކުލަވައިލި ފުރަތަމަ ރިޕޯޓެވެ.
އެ ރިޕޯޓުގައި ބުނި ގޮތުގައި، 10 ބާވަތެއްގެ އައިންމަތީ ދޫންޏާއި ހަތަރު ބާވަތެއްގެ މާކަނާ އާއި ތިން ބާވަތެއްގެ ކަނބިއްޔާއި ރާއްޖެއަށް ނިސްބަތްވާ، އެއްގަމުގައި އުޅޭ ދޫނީގެ ދެ ބާވަތެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އާލާވެ އެވެ.
އައްޑޫ ހިތަދޫގެ ގަހެއްގައި އިން ޅަ ދޮންދީނިއެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރާއްޖޭގެ އެކި ހިސާބުތަކުން އައިންމަތީ ދޫނިތައް ފެންނަ އަދަދާއި އެ ދޫނިތަކުގެ އާބާދީ ދަށްވަމުން ދާކަން، އެ ރިޕޯޓަށް އިންޓަވިއު ދިން މީހުން ބުންޏެވެ.
"އައިންމަތީ ދޫނީގެ އިތުރުން ކުރިން ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދަކަށް ފެނުނު ތޭރަވާ ވަނީ މިދިޔަ 30-20 އަހަރު ތެރޭގައި ގާތްގަނޑަކަށް އެއްކޮށްހެން ރާއްޖެއިން ގެއްލިފަ އެވެ،" އެ ރިޕޯޓުގައި ބުންޏެވެ.
އައިންމަތީ ދޫނިތައް މަދުވުމާއި ރާއްޖޭގައި އާލާވާ ބައެއް ދޫނިތައް ބައެއް ރަށްރަށުން އެއްކޮށް ގެއްލުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައް ކަމަށް، އެ ރިޕޯޓަށް އިންޓަވިއު ދިން މީހުން ބުނި ކަންކަމުގެ ތެރޭގައި ހިމެނެނީ؛
• ރަށްރަށް އަންނަ އުމްރާނީ ތަރައްގީ
• ވެލި ނެގުން
• ގަސްގަހާގެހި ކެނޑުން
• ވިޔަފާރިކުރުމަށް ދޫނީގެ ބިސް ނެގުމާއި ދޫނި ހިފުން
• ދޫނި ބިސްއަޅާ ރަށްރަށަށް މީހުންގެ ފަރާތުން ކުރިމަތިވާ އެކި ކަހަލަ އުނދަގޫތައް
ރިޕޯޓުގައި ބުނީ މި ކަހަލަ ގެއްލުންތަކުގެ ސަބަބުން މާކަނާ އާއި ކަނބިލި ފަދަ އެއްގަމުގައި އުޅޭ ދޫނީގެ ބާވަތްތަކަށް ކޮށްފައިވާ އަސަރު ކުޑަ ކަމަށެވެ. ނަމަވެސް މީގެ ކުރިން ގިނަ އަދަދަކަށް ރާއްޖެއިން ފެނުން ބައެއް ދޫނިތަކުގެ ތެރޭގައި ހިމެނޭ ކަނބިލި، މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ ވަލު ސަރަހައްދު އެއްކޮށް ނެތިދިޔުމުގެ ސަބަބުން މިހާރު ފެންނަ ވަރު މަދުވެ، ބައެއް ރަށްރަށުން އެއްގޮތަކަށް ވެސް ނުފެންނަ ކަމަށް ބުންޏެވެ.
ދިރާސާވެރިން ލަފާކުރާ ގޮތުގައި، ދުނިޔޭގައި އުޅޭ އައިންމަންތީ ދޫނީގެ 25 ޕަސެންޓް ދިރިއުޅެނީ އީކުއޭޓާ ސަރަހައްދުގަ އެވެ. އެއީ ގާތްގަނޑަކަށް 31 މިލިއަނެއްހާ ދޫޏްނެވެ. އެ ސޮރުމެން ބިސްއަޅައި އުޅެނީ އިންޑޯ-ޕެސިފިކްގައި އުފެދިފައިވާ އަތޮޅުތަކުގެ ރަށްތަކުގަ އެވެ. އަތޮޅުތަކަކީ ހިޖުރަކުރާ ބައެއް ދޫނިތައް ފިނިމޫސުމުގައި ހިޖުރަކުރާ ސަރަހައްދަށް ދިއުމުގެ މަގުމަތީގައި އެ މޫސުން ނިމެންދެން އެތަނެއްގައި މަޑުކުރާ ސަރަހައްދުތަކެވެ.
"އެޓޯލް މާސް އެފްކްޓް"އާ އެކު، ކަނޑުގެ ފުން ހިސާބުތަކުން "އަޕްވެލިން" އުފެދުމުގެ ސަބަބުން އަތޮޅުތަކުގެ ވަށައިގެންވާ ކަނޑުގެ ދިރުންތައް އިތުރުވެ، މި ސަރަހައްދުތަކަކީ އާލާވާ އަދި އާލާ ނުވާ އައިންމަތީ ދޫނިތަކަށް ކާނާ ހޯދުމަށް މުހިންމު ތަންތަނަށް ވެ އެވެ. ދޫނި ޝިކާރަކުރާ އެހެން ދިރުންތައް ނޫޅޭ ރަށްރަށަކީ އެ ސޮރުމެންނަށް ހިމާޔަތް ލިބޭ، ނިދަން އަރަން އެކަށީގެންވާ ތަންތަނެވެ.
"އަޕްވެލިން" އަކީ ކަނޑުގެ ފުންމިނުގައި ހުންނަ ކާނާ އިން މުއްސަނދި ފެން، ކަނޑުގެ މަތީފަށަލަ އަށް އަރާ ގުދުރަތީ ދައުރުވުމެކެވެ. މިކަން ހިނގަނީ ވައި އޮޔާ އެކު، މަތީފަށަލައިގައި ހުންނަ ފެން އެއްގަމާ ދުރަށް ޖައްސާލުމުން، އެ ހުސްވާ ޖާގަ ފުރުމަށް ކަނޑުގެ ފުނުގައި ހުންނަ ފެން މައްޗަށް އަރާ ހިނދެވެ. މިގޮތަށް މައްޗަށް އަރާ ފެނުގައި ކަނޑުގެ އަޑިން ލިބޭ ކާނާތައް ހުރެ އެވެ. މިއީ، ފައިޓޯޕްލާންކްޓަން ހެދިބޮޑުވުމަށާއި ކަނޑުގެ ކާނާގެ ސިލްސިލާގެ އަސާސް އެކުލެވުމަށް ވަރަށް މުހިންމު ކަމެކެވެ.
އިންޑިއާ ކަނޑުގައި ދެހާހެއްހާ ރަށް އޮތްއިރު، އޭގެ ތެރެއިން 60 ޕަސެންޓް ރަށް އޮތީ ރާއްޖޭގަ އެވެ. ރާއްޖެ އުފެދިފައި އޮންނަ ތަނުގެ ގޮތުން މާކަނޑުގައި ދައުރުވާ ބޮޑެތި އޮއިވަރުތައް މި ހިސާބަށް ފޯރަ އެވެ. ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ސަބަބުން އަތޮޅުތަކުގެ ވަށައިގެންވާ ކަނޑުތަކުގައި، ކަނޑުގެ ފުން ހިސާބުތަކުގައި "އަޕްވެލިން" އުފެދުމަށް ދިމާވެ އެވެ.
މިގޮތަށް ކަނޑުގެ ފުން ހިސާބުތަކުން "އަޕްވެލިން" އުފެދުމުގެ ސަބަބުން ކަނޑުގެ ދިރުންތައް އާދަޔާ ހިލާފަށް އިތުރުވެ، އެކި ވައްތަރުގެ ބޮޑެތި މަސްމަހާމެހި ރާއްޖެއިން ގިނަ އަދަދަކަށް ފެނެ އެވެ. ރާއްޖޭގެ މަސްވެރިން ގިނަ އަދަދަކަށް މަސް ބަނާ ސަރަހައްދުތައް ދެމެހެއްޓުމަށް އެހީތެރިވެދިނުމުގެ އިތުރުން އިންޑިއާ ކަނޑުގެ އެކި ހިސާބުތަކުގައި އުޅޭ އައިންމަތީ ދޫނިތައް ކާނާ ހޯދުމަށް މުހިންމު ސަރަހައްދުތައް މީގެ ސަބަބުން އުފެދެ އެވެ.
އެހެންވެ، ރާއްޖެއަކީ ފިނިމޫސުމުގައި ހިޖުރަކުރާ ދޫނިތަކުގެ މުހިންމު "ޓްރާންސިޓް ހަބް" އެކެވެ.
ހދ. ކުޅުދުއްފުށީ ކުޅީގައި ގުޑުގުޑާ ދޫނިތަކެއް: މި ވެސް ހިޖުރަކުރާ ދުވަސްވަރު ރާއްޖެއަށް އަންނަ ދޫންޏެއް.-- ފޮޓޯ: ޖައުފަރު
މިގޮތަށް މި ފަހުން ދިވެހިންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު ދޫންޏަކަށް ގުޑުގުޑާ ވާނެ އެވެ. އިރުވައި މޫސުން ފެށޭ ދުވަސްވަރު ފުރަހަޅަ އަދި އުތުރަހަޅަ ނަކަތުގައި ކަނޑު ގަދަވެ، ވައި ބާރުވާން ފެށުމުން އުތުރުގެ އަތޮޅުތަކުގެ ކުޅި، ފާ އަދި ޗަސްބިންތަކުގައި މަދު އަދަދަކަށް މި ދޫނި މަޑުކޮށްގެން ތިބެ އެވެ. އަދި މީގެ 20-30 އަހަރު ކުރިން މެދު ރާއްޖެ ތެރެ އާއި ދެކުނުގެ ރަށްރަށުން ވެސް މި ދޫނި ފެނިފައިވާ ކަމަށްވެ އެވެ.
ރާއްޖެއިން ގުޑުގުޑާ ދޫނި ފެންނަ ސަރަހައްދުތައް | މައުލޫމާތު: ދިވެހިރާއްޖޭގައި އާލާވާ ދޫނި އަދި ހިޖުރަކުރާ ދޫނީގެ ހާލަތު 2025
އައްޑޫގެ ރަމްޒެއްގެ ގޮތުގައި މި ހުރިހާ ދުވަހު ބެލެވުނު ދޮންދީނި އަކީ މިހާރު ހަމައެކަނި އެ އަތޮޅަށް ހާއްސަ ދޫންޏެއް ނޫންކަން މި ރިޕޯޓުން ހާމަވެ އެވެ. އައްޑޫގައި އުޅޭ ދޮންދީނީގެ އާބާދީ ދަށްވަމުންދާކަން ވެސް ފާހަގަކުރެވިފައިވެ އެވެ. މި ރިޕޯޓުގައި ބުނި ގޮތުގައި، އައްޑޫގެ އިތުރުން ހުވަދޫގައި ވެސް މިހާރު ދޮންދީނި އާލާވެ އެވެ.
ނުވަދިހައިގެ އަހަރުތަކުގައި ބަޔަކު އައްޑޫން، ގދ. ގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހަވޮޑިގަލާ އަށް ދޮންދީނި ގެންދިޔަ އެވެ. އޭގެ ފަހުން އެ ރަށުގައި ދޮންދީނި ބިސްއަޅާ އާލާވާން ފެށި އެވެ. މި ފަހުން ހަވޮޑިގަލާއާ ކައިރި އެހެން ބައެެއް ރަށްރަށުން ވެސް ދޮންދީނި ފެނިފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އައްޑޫގެ ރަށެއްގެ މަތިން ދެ ދޮންދީނި އުދުހިފައި ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ރިޕޯޓުގައި ބުނިގޮތުގައި، ހަވޮޑިގަލާގައި 200-100 އެއްހާ ދޮންދީނި އުޅޭ ކަމަށް އަންދާޒާކުރެވެ އެވެ. ގއ. ދެއްވަމާގަލާއިން ދޮންދީނި ފެނުނު ނަމަވެސް ބިސް އަޅާ ކަމަކަށް ފާހަގައެއް ނުކުރެވެ އެވެ. ގއ. ހިތާދޫގައި ވެސް ދޮންދީނި މިހާރު އާލާވެ އެވެ.
ދޮންދީނި ފެނުނު ރަށްތަކުގެ ތެރޭގައި މީހުން އުޅޭ ދެ ރަށް ކަމަށްވާ ގދ. މަޑަވެއްޔާއި އެ އަތޮޅު ތިނަދޫ ހިމެނެ އެވެ. އަދި އެ ރަށްރަށުގެ އަނބުގަސްތަކާއި ބަނބުކެޔޮގަސްތަކުގައި ދޮންދީނި ހާލި ހަދަ އެވެ.
ރާއްޖޭގައި އެންމެ ގިނައިން ދޮންދީނި އުޅޭ އައްޑޫގައި، ހާއްސަކޮށް ގަމާއި ފޭދޫގައި މި ފަހުން ދޮންދީނީގެ އާބާދީ މަދުވުމުގެ ބައެއް ސަބަބުތައް ކަމަށް ބެލެވިފައި ވަނީ އުމްރާނީ ތަރައްގީ އާއި ވަލު ސަރަހައްދު ކުޑަކުރުމާއި ގަސް ކެނޑުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ރާއްޖެއިން ދޮންދީނި ފެންނަ ސަރަހައްދުތައް | މައުލޫމާތު: ދިވެހިރާއްޖޭގައި އާލާވާ ދޫނި އަދި ހިޖުރަކުރާ ދޫނީގެ ހާލަތު 2025
"އައްޑޫގައި ގިނަ އަދަދަކަށް ބިސް އަޅާ، 500 ދޮންދީނި އުޅޭ ކަމަށް އަންދާޒާ ކުރެވޭ. ކުރިއާ އަޅާބަލާއިރު މިހާރު ފެންނަ އަދަދު މަދު،" އެ ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ބުނި ގޮތުގައި، މި ފަހުން އައްޑޫގައި އާލާވާން ފެށި ކާޅަކީ ދޮންދީންޏަށް އޮތް ނުރައްކަލެކެވެ. ހާލި ހަދާ ދޮންދީންޏަށް ކާޅު އުނދަގޫކޮށް، ޅަ ދޮންދީނި މަރާ މަންޒަރު ފެނިފައިވާ ކަމަށް ރިޕޯޓަށް އިންޓަވިއު ދިން މީހުން ބުނެފައިވެ އެވެ.
ފުވައްމުލަކު ކައިރިން ވެސް ކަނޑުމަތިން ދޮންދީނި އާންމުކޮށް ފެނެ އެވެ. ފުވައްމުލަކުގެ ނޭޗާ ޕާކުގައި ދޮންދީނި ނިދަން އަރާ ތިއްބާ ވެސް މިދިޔަ އަހަރު ފެނިފައިވެ އެވެ. ފުވައްމުލަކު ކަނޑުމަތިން އާންމުކޮށް 50 ދޮންދީނި ފެންނަ ކަމަށް އަންދާޒާކުރެވެ އެވެ.
އައްޑޫ ގަމުގެ ގަހެއްގެ އޮފިގަނޑެއް މަތީގައި ދޮންދީނިއެއް މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އައްޑޫގައި ދޮންދީނި އާލާވާން ފެށީ 20 ވަނަ ގަރުނުގައި ކަމަށާއި ފުވައްމުލަކުން މި ދޫނި އެންމެ ފުރަތަމަ ފެނިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ 1993 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ކަމަށް ދިރާސާވެރިންގެ ލިޔުންތަކާ ހަވާލާދީ އީޕީއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ލ. އަތޮޅުގެ ދެކުނު ސަރަހައްދުތަކުން ވެސް މަސްވެރިންނަށް މި ދޫނި ފެނިފައި އެބަހުއްޓެވެ.
އައްޑޫއާ މާ ދުރުން ކ. ކާށިދޫން އެއްފަހަރު، އަދި ހއ. މެދަފުށިން އެއްފަހަރު ދޮންދީނި ފެނިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ. އެކަމަކު އެ ތަންތަނުގައި މި ދޫނި އާލާ ނުވެ އެވެ.
ރާއްޖޭގެ ގައުމީ ދޫނި ކަމަށްވާ ކަނބިއްޔަކީ ގިނަ ހިސާބުތަކެއްގައި އުޅޭ ރާއްޖޭގައި ބިސް އަޅާ އާލާވާ ދޫންޏެކެވެ. ނަމަވެސް މި ދޫނީގެ އާބާދީ މަދުވަމުންދާ ކަމަށާއި ބައެއް ރަށްރަށުން މި ދޫނި އެއްގޮތަކަށް ވެސް މިހާރު ނުފެންނަ ކަމަށް އީޕީއޭގެ ރިޕޯޓަށް އިންޓަވިއު ދިން މީހުން ބުންޏެވެ.
ކަނބިލީގެ އާބާދީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ރަށްރަށުގައި ގަސް ކެނޑުމާއި މި ދޫނި އުޅޭ ގުދުރަތީ ގަސްބޯ މާހައުލު ނެތިގެން ދިއުމެވެ.
"މި ދޫނި ގޮވާ އަޑު އިވޭލެއް މަދުވަމުން އަންނަ ކަމަށް އިންޓަވިއު ދިން ބައެއް ފަރާތްތަކުން ފާހަގަކުރި އިރު، ބައެއް ބައިވެރިން ބުނި ގޮތުގައި ކަނބިލި އުޅޭ ގުދުރަތީ ގަސްބޯ ސަރަހައްދުތައް ނެތިގެންދާތީ މިހާރު ކުރިއަށް ވުރެ ގިނައިން މި ދޫނި މީހުން ދިރިނޫޅޭ ސަރަހައްދުތަކުންނާއި ދަނޑުވެރިކަން ކުރާ ސަރަހައްދުތަކުން ފެނެ އެވެ،" އެ ރިޕޯޓުގައި ބުންޏެވެ.
ރާއްޖެއިން ކަނބިލި ފެންނަ ސަރަހައްދުތައް | މައުލޫމާތު: ދިވެހިރާއްޖޭގައި އާލާވާ ދޫނި އަދި ހިޖުރަކުރާ ދޫނީގެ ހާލަތު 2025
ވާ ނެތް ރަށްރަށުން މި ދޫނި މިހާރު އެއްވެސް ވަރަކަށް ނުފެނެ އެވެ. ރަށުގެ ބޮޑުމިނާއި މި ދޫނީގެ މާހައުލު ކަމަށްވާ ގަސްބޯ ސަރަހައްދު އޮންނަ މިންވަރުން ރަށެއްގައި 3-2، ނުވަތަ 8-7، ނުވަތަ 20-10 ދޫނި އުޅެދާނެ ކަމަށްވެ އެވެ.
އީޕީއޭގެ ރިޕޯޓުގައި ބުނި ގޮތުގައި، ތޭރަވާއަކީ މީގެ ކުރިން ރާއްޖޭގައި ވަރަށް އާންމު އަދި ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދަކަށް ފެނުން ދޫންޏެއް ނަމަވެސް މި ދޫނި މިހާރު ރާއްޖެއިން އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ގެއްލިފަ އެވެ. މި ދޫނި ރާއްޖެއިން އާންމުކޮށް ފެންނަނީ އިރުވައި މޫސުމުގެ ކުރީކޮޅުގައި ވައިގަދަވާ ދުވަސްވަރެވެ.
އައްޑޫ ނޭޗާ ޕާކުން 2020 ވަނަ އަހަރު ފެނުނު ތޭރަވާއެއް.-- ފޮޓޯ: އަހްމަދު އާތިފް
"މި ދޫނި މިހާރު ނުފެންނަ ސަބަބުތަކުގެ ތެރޭގައި އިންޓަވިއު ދިން ގިނަ ފަރާތްތަކުން ފާހަގަކޮށްފައި ވަނީ ފަޅު ކޮނުމާއި ބިން ހިއްކުމާއި ވެލި ނެގުމާއި އަދި ރިސޯޓު ތަރައްގީކުރުމުގެ ސަބަބުން ފިނޮޅުތަކައް ގެއްލުން ލިބުމާއި ފިނޮޅުތައް ހަލާކުވުމުވެ. އަދި މީގެ އިތުރުން މީގެ ކުރިން ގިނަ އަދަދަކަށް ގޭގޭގައި ގެންގުޅުމަށް ތޭރަވާ ހިފުން ވެސް ސަބަބެއްގެ ގޮތުގައި އިންޓަވިއު ދިން ގިނަ ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ،" އެ ރިޕޯޓުގައިވެ އެވެ.
ތޭރަވާއަކީ ސާފުތާހިރުކޮށް ހުންނަ ތަންތަން ކަމުދާ ދޫންޏެކެވެ. ބިންމަތިން ފިޔަވަޅެއްގެ ނިޝާން ފެނުނަސް ތޭރަވާ އެ ސަރަހައްދަކުން ނުފެންނާނެ އެވެ. ތޭރަވާއަކީ އަލިގަދަ ތަންތަނާ ދުރުން އުޅޭ ދޫންޏެއް ކަމަށާއި މި ދޫނި މިހާރު ނުފެންނަ އެއް ސަބަބަކީ "ލައިޓް ޕޮލިއުޝަން" ކަމަށް އީޕީއޭގެ ރިޕޯޓަށް އިންޓަވިއު ދިން މީހުން ފާހަގަކޮށްފައިވެ އެވެ.
ރާއްޖެއިން ތޭރަވާ ފެންނަ ސަރަހައްދުތައް | މައުލޫމާތު: ދިވެހިރާއްޖޭގައި އާލާވާ ދޫނި އަދި ހިޖުރަކުރާ ދޫނީގެ ހާލަތު
ލ. މާބައިދު އާއި މަޑަވެލިން އިންޓަވިއު ދިން 39 އަހަރުގެ ދެ މީހުން ބުނި ގޮތުގައި، އެ މީހުންނަށް އަދި މިހާތަނަށް ތޭރަވާއެއް ފެނިފައި ނުވެ އެވެ. އެކަމަކު، އެ މީހުންގެ މައިންބަފައިންނަށް އަދި ކާފަމާމަމެންނަށް ހާހުން ގުނާލެވޭހާ ގިނަ އަދަދަކަށް ތޭރަވާ ކުރިން ފެނިފައި ހުރި ކަމަށް ބުނެފައިވެ އެވެ. ތ. ވޭމަންޑޫން އިންޓަވިއު ދިން މީހަކު ބުނީ މީގެ ކުރިން ފިނޮޅުތަކުން ސަތޭކައިން ގުނާލެވޭ ވަރަށް ތޭރަވާ ފެންނަ ކަމަށެވެ.
• ބިސްއެޅި ނަމަވެސް މަދުން ފެންނަ ދޫނީގެ ބާވަތްތައް އާލާވާ މިންވަރާ ގުޅޭ މައުލޫމާތާއި އައިންމަތީ ދޫނިތައް ބިސް އަޅާ ކަމަށް ފާހަގަކުރެވިފައިވާ މުހިންމު ރަށްތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން
• އާންމުކޮށް ފެންނަ އާލާވާ ދޫނިތަކުގެ މައުލޫމާތު ދިގު މުއްދަތަކަށް އެއްކުރުމަށް ބޭނުންކުރެވޭނެ ސްޓޭންޑަޑައިޒްޑް މޮނިޓަރިން ޕްރޮޓޮކޯލްތައް ތައްޔާރުކޮށް ކަނޑައެޅުން
• އާލާވާ އައިންމަތީ ދޫނިތަކަށް ގެއްލުން ނުވާނޭހެން ރަށްތައް ތަރައްގީކުރެވޭނެ ގޮތްތައް ހޯދުމަށް ރިސޯޓުތަކާއި ބިންވެރިން އަދި ޑިވެލޮޕަރުންނާ މަޝްވަރާކުރުން
• ރާއްޖެއަށް ނިސްބަތްވާ ކަމަށް ލަފާކުރެވޭ ހަތަރު (ސަބް ސްޕީޝީސް) ބާވަތެއްގެ ދޫނީގެ ޓެކްސޮނޮމިކް ސްޓޭޓަސް ކަށަވަރުކުރުން
• ރާއްޖެއިން ފެންނަ ދޫނީގެ ބާވަތްތަކާ ގުޅޭ ގޮތުންނާއި ސަގާފީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެ ދޫނިތަކުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުން
އައްޑޫ ގަމުގެ ގަހެއްގެ އޮފިގަނޑެއް މަތީގައި ދޮންދީނިއެއް މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އީޕީއޭ އިން ބުނީ ރާއްޖޭގައި ދޫނި އުޅޭނޫޅޭ ގޮތް މިހާތަނަށް މޮނިޓާކުރެވިފައި ނުވާތީ، ދޫނިތަކާ ގުޅޭ އެކި ކަހަލަ ދިރާސާތަކާއި ހިމާޔަތްކުރުމާއި އަލުން އިޔާދަކުރުމާއި ސިޔާސަތުތައް ކަނޑައެޅުން އަދި ބައިނަލްއަގުވާމީ ފެންވަރުގައި ދޫނި ރައްކާތެރިކުރުމަށް ކަނޑައެޅޭ ސިޔާސަތުތައް ފުޅާދާއިރާއެއްގައި ބަލައިގަތުމަށް އޮތް ބޮޑު ހުރަހަކަށް އެކަން ވެފައިވާ ކަމަށެވެ.
މި ރިޕޯޓަކީ އެ ހުރަސް ކުޑަކުރުމަށް އެ އެޖެންސީން ކުރާ މަސައްކަތުގައި ކުރި މުހިންމު މަސައްކަތެކެވެ.
އީޕީއޭގެ އެއް ކަންބޮޑުވުމަކީ ރާއްޖެއަށް އައިންމަތީ ދޫނިތައް މުހިންމު ނަމަވެސް، މި ދިރުންތައް ރައްކާތެރިކުރުމާއި މި ދިރުންތައް އުޅޭ ތަންތަން އަލުން އިޔާދަކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަމެއް ނުވަތަ އެހީތެރިކަމެއް ވެސް ރާއްޖެ އަށް ލިބިފައި ނުވުމެވެ.
އީޕީއޭ އިން ބުނި ގޮތުގައި، މި ރިޕޯޓް ތައްޔާރުކުރީ ވެސް، ރަށްރަށަށް ހަލުވިކަމާ އެކު އުމްރާނީ ތަރައްގީ އަންނައިރު، ވަލު ސަރަހައްދުތައް ނެތިގެންދިޔުމާއި ދޫނިތައް އުޅޭ މާހައުލުތަކަށް ބަދަލު ގެނައުމާއި ބިން ހިއްކުމާއި މާހައުލާ ނުގުޅޭ ދިރުންތައް ތައާރަފުކުރުމާއި ފެތުރުން ކަހަލަ ކަންކަމުގެ ސަބަބުން ރާއްޖޭގައި އުޅޭ ދޫނިތަކުގެ އެސެސްމެންޓެއް ހެދުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމަކަށް ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބޭ
23 May 2025
ތޭރަވާ ދޫ އައިން ހަދާފައި އައިސް ފިނޮޅުގައި ޖައްސައިގެން ތިބޭ މަންޒަރު ވަރަށް ގިނައިން އަހަރުން ކުޑައިރު ދުށިން.. އެ ފިނޮޅު ގެއްލުމާއެކު އޭގެ ފަހުން ތޭރަވާ އެއް ނުދެކެން ...
ދޫނިދާނެ
23 May 2025
މީނޭނގި ވާކަމެއްނޫން، ދޫނި އާލާވެގެން ސަރުކާރަށް ލިބޭ ލާރިއެއްނެތް، އެސޮރުމެން އާލާވާ ތަންތަނުގަ ރެސޯޓު ހެދީމަ މާ ގިނަ ލާރި ލިބޭ..
ކައުންސިލް ތިނަދޫ.
22 May 2025
ތިނަދޫ ކައުންސިލުންވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ ކާޅު ތިނަދުއަށް އަރާ ފޭބުމަކީ މަނާ ކަމެއް ކަމަށް. އަދި ތިނަދުއަށް އަރައިފި ނަމަ އެ ކާޅެއް ވުޖޫދުން ގެއްލުވާލުމުގެ ބާރު ރަށުގެ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ކަމަށް ވެސް ނިންމާ އިއުލާން ކުރާނެ.
އޮނަރަބްލް އަފީފު ދީދީ
22 May 2025
ފަޅުރަަށް ތަކުގެތެރެއިން ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ފެހިކަން ނެތްވަރަށް ގަސްތައް ހެދިގައިވާ އައްޑޫ ވިލިގިލި ރިސޯޓަކަށް ހެދުމުގެކުރިން އެރަށަކީ ދޮންދީނިގެ އިތުރުން ކަޅުދޫނި (Lesser Noddy) އާއި މާރަނގަ (Brown Noddy) އަދި ހޯގޮޅާ (Streaked Shearwater) އާދަޔާއި ޙިލާފަށް ގިނަ އަދަދަކަށް ވަޒަނެއްގެ ގޮތުގައި އެރަށްހަދައިގެން އެތަނުގައި ދިރިއުޅުނު ދޫނިތަކެއްކަން އައްޑޫގެ ހުރިހާ ރައްޔިތުނަށް އިގޭނެ. މިދޫނިތައް ރަށްދޫކޮށް ދިޔައީ އެއްނޫން ފޮނުވާލީ.
އޮނަރަބްލް އަފީފު ދީދީ
22 May 2025
މިހާރުވެސް 15 ހާހަށް ވުރެ ގިނަ އަދަދަކަށް ދިވެހި ރުއް ހުރި ވިލިގިލި ރިސޯޓަކަށް ބަދަލުކޮށް ހިންގިއިރު ރަށުގެ ގަސްތަކަށް މަތީގައިދެންނެވި ދޫނިތަށް ސީ ލާފައިހުންނާތީ ރިސޯޓް ހިންގަންތިބި ބިދޭސީ އޯނަރުން ރަށުގެ ރުކާއި ގަސްތަކުގައި ފުލަޓްލައިޓް ހަރުކޮށް ދުނިތަކަށް އުދަނގޫކޮށް މުޅިރަށުން މިދެންނެވިދޫނިތައް ބޭރުކޮށް ހުސްކުރި. މިކަމަށް އޭރު ރިސޯޓްގައި މަސައްކަތްކުރި ދިވެހިމުވައްޒިފުން ހެކިވާނެ. މިފަދަ ކަންކަން ހުއްޓުވައިގެން ނޫނީ ވެށި ހިމާޔަތް ނުކުރެވޭނެ.
ތަޖުރިބާ
22 May 2025
ތިއިންޓަވިއުއެއް ދެއްވިބޭފުޅުން އިންޓަވިއުދެއްވާފަތިވަނީ ވަރަށްވެސް ޑިޕުލޮމެޓިކުކޮށް. މައިގަނޑު ސަބަބަކީ ރަންބިސްއަޅާކުކުޅު ރަންބިސްއެޅުވުމަށް ރަށްރަށާއި ކަނޑުފަޅު އެކަމަށްދީ އެސޮރުމެން ބިސްއަޅާ އާބާދީވުމަށްކީއްކުރަން އަރާމުކޮށްލަން ޖައްސާލާނެފަސްކޮޅެއް މިހާރު މިރާއްޖޭގަނެތްކަން. ރީތިމިސާލަކަށް ޅ އަތޮޅު ހުދުފުށި ފުދޭނެ. މިކަހަލަ ކިތަންމެރަށަކާއި ފިނޮޅު ރާއްޖޭގެ އެކިހިސާބުގައި ހުންނާނެ. ތިރިޕޯޓެއް ތިހެދުނީ ވާނެހައެއްޗެއްވީފަހުން. ޝުކުރިއްޔާ!
ކަނބިލިބޭ
22 May 2025
ގައިމު ހދ. ނޮޅިވަރަންފަރުގައި ކަނބިއްޔެއް ނުފެންނަ މަގެއްގައި ދުއްވާފައި ނުދެވޭނެ. އެހެޔޮ ކޮންމެ ގަޑިޔަކަސް. އެކަތި ދޭތި ފެންނާނެ އަބަދުވެސް. މިރިޕޯޓުގެ އިން ޗާޓުން ކަނބިލި ފެންނަކަމަށް މާކު ޖަހާފައެއް ނެތް. ވެދާނެ މިރަށަށް ސާވޭ ކުރަން ނާންނަނީކަމަށްްވެސް.
ހައްޕު
22 May 2025
ތޭރަވާ ( ދޫނި ) ގެއްލުނަސް ތޭރަވާ ( ލަވަކިޔާ ) ނުގެއްލެންޏާ ދިވެހިންނަށް އެނިމުނީ. ....
ބުޅާގޯނި
22 May 2025
ކާޅު ގިނަވުމަކީ އުދުހޭ ކުދި ދޫނި ތަކަށް ހުރި ބޮޑު ނުރައްކަލެއް ވީމާ ކާޅު މަދުކުރުމަކީީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ ހުޅުމާލޭގައި ކާޅު ހާލީގާ ބިސް އަޅައިގެ އުޅޭއިރު އެގަހެއްގެ ކައިރިންވެސް ހިގާފާ ވެސް ނުދެވޭނެ އައިސް ބޮލުގައި ކޮށާ ފައިން ބޮލުގާ ވަކިއަލާ ހަދާވަރުން އުޅުމަށް ދަތިވެއްޖެއެވެ ކާޅާ ދެކޮޅަށް މަނުކުންނާނީ
ދޮންތީ.
22 May 2025
ހުޅުމާލެއިން ކާޅު ހުސްކޮށްގެން ނުވާނެ. ކާޅު ހުރީމާ ދޭތެރެއަކުން ބެލްކަންޏަށް ނިކުތީމަވެސް ފޫހިފިލާ. ކާޅެއް ގޮވާ އަޑު ނީވޭ ނަމަ ވަރަށް މިސްވެސް ވޭ. ކާޅާ ކާޅު ހަމަ ރީއްޗެއް. ކާއްކާއް ކާއް ގޮވާތީ ވަކިން ރީތި. އަޑުވެސް ސަޅި.
ހޭދެބައި
22 May 2025
ޑައިނަސޯއާ މެމޮތްވެސް ވީގެއްލިފަ، އޭރު އަދި އިންސާނުން ދުނިޔެއަށް ނުވެސްއާދޭ!!!!.