ޝަމީމަށް ހަމަލާދިން މައްސަލާގައި ދައުވާކުރި މީހުން-- ފޮޓޯ: ޕޮލިސް
23 މެއި 2025 - 22:28
ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލާގައި ދައުވާ ލިބުނު ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާން ދެތިން ދުވަހަށް ވެފައި ވާއިރު އެކަމުގައި އަދިވެސް ގޮތެއް ނުނިންމާކަން އެނގިއްޖެ އެވެ.
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް، ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއާ ގުޅިގެން މިދިޔަ މަހުގެ 14 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. މި ހުކުމް އިސްތިއުނާފު ކުރުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ އެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ބައެއް މާއްދާތަކުގެ ދަށުން ނަމަ 30 ދުވަސް ތެރޭ ދައުވާކުރަން ޖެހެ އެވެ. އަދި އިސްތިއުނާފަށް ވެސް މި ބާވަތުގެ މައްސަލަތަކުގައި ލިބޭނީ 30 ދުވަހެވެ.
އިސްތިއުނާފުކުރުމާ މެދު ރަސްމީކޮށް އަދި ގޮތެއް ކަނޑަނޭޅިޔަސް، ވިސްނުން ހުރީ އިސްތިއުނާފް ނުކުރަން ކަމަށް ވަނީ އެނގިފަ އެވެ. އެކަމާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދިނެވެ.
މި މައްސަލައިގެ އިސްތިއުނާފާ މެދު އަމަލުކުރާ ގޮތުން ޕީޖީ އޮފީހުގެ ބައެއް ވަކީލުންގެ މެދުގައި ހިތްހަމަނުޖެހުންތައް އެބަހުރި ކަމަށް ވެސް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ފަރުވާއަށް ފަހު ޕީޖީ ހުސެއިން ޝަމީމް ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި ފޮޓޯއެއް.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝަމީމަށް މަރުތޭލަކުން ހަމަލާދިނީ އޭނާއަށް ފާރަލަމުން ގޮސް، އޭނާ ދިރިއުޅޭ ގެ ކައިރިންނެެވެ. އެ މަންޒަރު ހުރީ ސީސީޓީވީ ކެމެރާއަށް ވެސް އަރައިފަ އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ ކުރި ހަތް މީހުންނަކީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމް އެވެ.
އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ. އެ ހުރި ތަފާތަކީ އެކި އިމާރާތްތަކުގެ ސީސީޓީވީ ކެމެރާގެ ގަޑި ހަމަކޮށްފައި ހުރި ގޮތުން އައިސްފައި ހުރި ފަރަގު ކަމަށްވެ އެވެ.
ނަމަވެސް ހުކުމްގައިވާ ގޮތުން އެކި ކެމެރާތަކުން ނަގާފައިވާ ފުޓޭޖުތަކުން، ގަޑި ތަފާތުކޮށް ފެންނަން ހުރުމުން ފުޓޭޖުގެ ސީކުއެންސް ބްރޭކްވެފައިވާ ކަމަށް ބަލަންޖެހެ އެވެ. ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭންޖެހޭ ކަމަށް މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ވިދާޅުވި އެވެ.
ޝަރީއަތުގެ މަރުހަލާގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރި ސަބަބާ މެދު ސުވާލުކޮށްފައި ނެތް ނަމަވެސް ހުކުމްގައި ގާޒީ ލިޔުއްވާފައިވާ ގޮތުގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރުމުން އެންމެ މުހިންމު ހެއްކާ މެދު ޝައްކެއް އުފެދި، ދެވޭ ބުރަދަން ދަށްވެ އެވެ.
ކުރީގެ ޕީޖީ ހުސެއިން ޝަމީމް.
އެ ވީޑިއޯގައިވާ ފުށުއެރުމުގެ ނަތީޖާއަކީ ކުށުގެ އަމަލު ހިންގީ ދައުވާ ލިބޭ ފަރާތްތައް ކަމާ މެދު އެކަށީގެންވާ ޝައްކެއް އުފެދުން ކަމަށް ހުކުމްގައިވެ އެވެ.
އެ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަަސާސީ ހެކީގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދިދާނެ ކަމެއް ފާހަގަވުމުން އެކަމަށް ދައުލަތުން އެޑްރެސް ނުކުރުމަކީ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅަން ޖެހުނު މައިގަނޑު ސަބަބު ކަމަށާއި އެކަން ސާފުވާ މިންވަރަށް ޝަރީއަތަށް ހެކި ހުށަހެޅުނު ނަމަ، މައްސަލައިގެ ނިންމުން ތަފާތުވާނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
25 May 2025
"އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ." ކުށެއްކުރިތޯ ނޫންތޯ ބެލުމުގެ ބަދަލުގައި މައްސަލަ ބެލުމުގެ ކޮންމެސް އިޖްރާޢަތެއްގެ މައްޗަށް ކުށް ސާބިތުނުކޮށް މައްސަލަ ނިންމާލަނީއެވެ. މިއީ ކަނޑައެޅިގެން ބޭނުންވާ މީހުން ދޫކޮށްލައިގެން ނާޖާއިޒް ފައިދާ ލިބިގަތުމަށް ހަދާގޮތެއްކަމަށް ބ
ކަޅު ތުއްތު
24 May 2025
ދައުލަތް ހިމާޔަތް ކުރަން ތިބި މުއައްސަސާއެއް ، އިދާރާއެއގެ މުވައްޒަފުންނަށް ނުލިބުނު ހައްގެއް އާނމު ރައްޔިތަކަށް ލިބޭނެ ކަމަށް ހީކުރުމަކީވެސް މޮޔަކަމެެއް… އަދުލު އިންސާފަށް އެއްވެސް ޔަގީން ކަމެއްނެތް
ސަލާމްމް
24 May 2025
މީ ސަރުކާރެއްގެ ތެރެއަށް މީހުންގެލޭ ހުއްދަކުރާ ފިކުރު ވަދެފައޮތް މިންވަރު ދައްކަދޭ ފުރިހަމަ ދަލީލެއް. ދިވެހި ރައްޔިތެއްގެ ފުރާނައަކީ އެއްވެސް އަގެއްނެތް އެއްޗެއް.
ތައްހާނި..
24 May 2025
ރާއްޖޭގެ އެއްވެސް ތާކުން ނަގާ ސީސީޓީވީ ފޫޓޭޖެއް ތޮގޮތައް ބަރާބަރަށް ޓައިމްސްޓޭމްޕް ދިމައެއް ނުވާނެ. ދެން ސުވާލު އުފެދޭ ޝަރީއަތުގަ ގާޒީ މިސުވާލުނުކޮށް ހުކުމުގަ މިވާހަކަހިމެނި މަގުސަދު. ހަމަގައިމުވެސް ޝަރީއަތުގަ މި ސުވާލު ކުރިނަމަ އެެއަށް ސާފު ޖަވާބެއް ލިބުނީސް. ބެެލެވެނީ ކުއްވެރިން ދޫކޮށްލަން ގަސްތުގަ ދެއްކި ބަހަނާއެއް ކަމަށް.
ބަޑިތަކުރު
25 May 2025
އެހީތެރިންގާތުގައި މިވެނި މީހަކު ދޫކޮށްލެވޭނެގޮތެއް އިންތޯ ބަލައިދީބަލާށޭ ބުނާ ޤާޟީން މިއަދުވެސް ތިޔަ ކޯޓްތަކުގައި ތިބިނަމަ އެތަންތަނުން ކުށެއްކުރިތޯ ނޫންތޯ ބެލުމަށްވުރެ ބޮޑަށް އިސްކަންދޭނީ ޤާނޫނުގެ ތޮއްޑުން އެމީހަކު ދުއްވާލައިގެން ނާޖާއިޒްފައިދާއެއް ނެގޭތޯއެވެ.
ހާސަރު
24 May 2025
އަމަން އަމާންކަން ބެލެހެއްޓުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބިލިއަނުން ޚަރަދު ކުރާއިރު ލިބޭ ރައްކާތެރިކަމެއްނެތް!
ސޭޑްޕީޖީ
24 May 2025
ހައްހައްހާ. ކޮމެންޓްކުރަން ބޭނުންވިޔަސް ނެތް ކުރެވޭކަށް.
ވަތަން މީވަތަން
24 May 2025
ކޯުޓުން މިމީހުން ދުކޮށް ލުމަށް ކެމެރާ ގަޑީގެ ފަރަގު ބަހަނާ އަކަށް ދެއްކިޔަސް ތަހުޤީޤުތަކުން އެއީ ސިދާ އެމީހުން ކަމަސް ސާބިތުވާއިރު ދޫކޮށް ލެވިގެން ނުވާނެ ކަމަށް ދެކެން. މީ ކަނޑައެޅިގެން ގަސްދުގައި ދޫކޮށް ލުން. ބޯހަލާކި
ސައްތާރް
24 May 2025
ޢިސްތިއުނާފް ނުކުރީމަ ހާދަހީވޭ…….!
ރުވާންޑާ
24 May 2025
ސަމީމަށް ހަމަލަނުވެސް ދޭކަމަށް ނިންމަންވީނު؟
ރުބޭލް މިއާ
24 May 2025
ގައުމުގެ ޕީޖީއަކަށް އިންސާފު ނުލިބުނު. ގައުމުގެ ސުޕްރިންކޯޓުގެ ޖަޖުންނަކަށް އިންސާފެއް ނުލިބުނު. ސަދޫމުގައިވެސް މިއަށްވުރެ ރަނގަޅު.