މިދިޔަ ޖެނުއަރީ މަހު އިންޑޮނީޝިއާގެ ރަށަކަށް ދިޔަ ރޮހިންޖާއިންގެ ބަޔަކު އެއްގަމަށް ފޭބުން މަނާކުރުމުން އުޅަނދުގައި މަޑުކޮށްގެން: ރޮހިންޖާއިންނަށް ލިބެމުންދާ އަނިޔާއިން ސަލާމަތްވާން އުޅުމުގެ ތެރޭގައި އެތައް ސަތޭކަ ބައެއްގެ ފުރާނަ ދަނީ ގެއްލެމުން. -- ފޮޓޯ: އޭއެފްޕީ
25 މެއި 2025 - 06:38
މިއަންމާގެ ބައިމަދު މުސްލިމުންގެ ނަސްލު ކަމަށްވާ ރޮހިންޖާއިންގެ 427 މީހަކު ރައްކާތެރިކަން ހޯދަން ދެ އުޅަނދެއްގައި އެހެން ގައުމަކަށް ދާން އުޅުމުގެ ތެރޭގައި ގެނބިގެން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އދ. އިން ބުނެފި އެވެ.
މިކަން މިހެން ވެފައިވާ ނަމަ މިއީ މިއަހަރުގެ މިހާތަނަށް ރޮހިންޖާ ރެފިއުޖީންނަށް ދިމާވި އެންމެ ނުރައްކާތެރި ކަނޑުމަތީގެ ހާދިސާ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރު (ޔޫއެންއެޗްސީއާރް) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޔޫއެންއެޗްސީއާރް އިން ބުނި ގޮތުގައި މި ދެ ހާދިސާ ހިނގާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހާއި 10 ވަނަ ދުވަހު އެވެ.
ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް މިޔަންމާގައި އަނިޔާލިބެމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ. ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު އެ މީހުންގެ އަމިއްލަ ވަޒަނުގައި އަނިޔާވެރިކަމާއި ދާޚިލީ ހަނގުރާމައިން ސަލާމަތްވާން، ފުރާނަ ނުރައްކަލަށް ހުށަހެޅިގެން ކަނޑުމަގުން އެހެން ގައުމުތަކަށް ދާން މަސައްކަތްކުރެ އެވެ.
"މިޔަންމާގެ އައްސޭރިފަށާ ކައިރީގައި މި މަހުގެ ކުރީކޮޅު ދެ ބޯޓެގައި ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާތީ އދ.ގެ ރެފިއުޖީ އެޖެންސީން ވަރަށް ބޮޑަށް ކަންބޮޑުވޭ،" ބަޔާނުގައިވެ އެވެ.
ޔޫއެންއެޗްސީއާރުން ބުނީ އުޅަނދުތަކަށް ދިމާވި ހާދިސާއާ ގުޅޭ މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު 267 މީހުންނާ އެކު ދަތުރުކުރި ފުރަތަމަ ބޯޓު ފަރަކަށް އަރައި މި މަހުގެ ނުވަ ވަނަ ދުވަހު އަޑިއަށް ދިޔައީ އެވެ. އެ ބޯޓުން ސަލާމަތްވީ އެންމެ 66 މީހުން ކަމަށް އދ. އިން ބުންޏެވެ.
އދ.ގެ އެޖެންސީން ބުނީ މި މަހުގެ 10 ވަނަ ދުވަހު 247 ރޮހިންޖާ މުސްލިމުންނާ އެކު ދަތުރުކުރި ދެ ވަނަ އުޅަނދެއް ބަންޑުން ޖަހާލާފައިވާ ކަމަށާއި އެއިން ސަލާމަތްވީ އެންމެ 21 މީހުން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ބޯޓުގައި ތިބި ރޮހިންޖާ ދަރިކޮޅުގެ މީހުން ނަކީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ރެފިއުޖީ ކޭމްޕުތަކުން ފުރައިގެން ނުވަތަ މިޔަންމާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ރަކީން އިން ނުކުމެގެން ދިޔަ މީހުން ކަމަށެވެ. ރަކީން އަކީ މިއަންމާ ސިފައިންނާއި ހަނގުރާމަވެރި ގްރޫޕެއް ކަމަށްވާ އަރަކަން އާމީއާ ދެމެދު މި ފަހުން ހަމަލާތައް ވަރުގަދަވެފައިވާ ސަރަހައްދެކެވެ.
ޔޫއެންއެޗްސީއާރުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ކަނޑުމަތީގެ ހާދިސާތަކުގައި ގާތްގަނޑަކަށް 657 ރޮހިންޖާ މުސްލިމުން ވަނީ މަރުވެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy