ބޮޑީ ކެމެރާ އަޅުވައިގެން ހުރި އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީއެއްގެ މައުލޫމާތު ސާފުކުރަނީ.-- ފޮޓޯ: އިމިގްރޭޝަން
25 މެއި 2025 - 10:52
މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.
އެ އިދާރާ އިން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލެ 1 ގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
އެ އޮޕަރޭޝަންގައި ފުރަތަމަ ފަހަރަށް އިމިގްރޭޝަން އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރި ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނައިރު އިމްގްރޭޝަނުން ވަނީ އިމިގްރޭޝަން ވޮޗް އިން ބިދޭސީންނާއި ގުޅޭ ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.
ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ވެސް ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ. ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން އެ މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފަ އެވެ.
ދިވެހި ފުލުހުން ވެސް 2022 ވަނަ އަހަރު ވަނީ ބޯޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފަ އެވެ. މުޒާހަރާތަކާއި ބޮޑެތި އޮޕަރޭޝަން ތަކުގައި ފުލުހުން މިހާރު އެ ކެމެރާތައް ބޭނުން ކުރެ އެވެ. ޖަލު އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާފައި ވަނީ 2023 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
25 May 2025
ދިވެހި ފަހުރުވެރި ޕޮލިހުންވެސް ތިޔާ އެއްޗެއް ބޭނުންކުރޭ! ކަމެއް ޖެހޭއިރު ތިޔާ އޮންނަނީ ނިވިފަ! ތިޔާއަކަށް ޕލިހަކު މަމެންނާ ދިމާލަށް ހަޑިއެއްޗެހި ގޮވާ އަޑެއްވެސް ނާރާ!
ޢަލީ ކުރުސީ
25 May 2025
ގެއަށް ވަދެފަ ނައްޓާލަން ހަނދާން ކުރާތި! އަލަށް ފަށާ ކަންކަމުގަ ހަދާން ނެތިދާނެ ފުރަތަމަ ކޮޅުގައި!
ރާވެރިބެ
25 May 2025
ގައުމިއްޔަތު ވަޒީރު ކޮބައިތޯ؟ "ބޮޑީ ވޯން ކެމެރާ" އަށް ކިޔާނެ ދިވެހި ނަމެއް ހަދާލަންވީ ނޫންތޯ؟ ޅެމަކާ ގުޅުވާލީމަ ފައްކާވާނެ. މިސާލަކަށް ހަށިގަނޑުގަ އަޅުވާ ކެމެރާ!
ޖަމީލުބެ
25 May 2025
ތިކަމުން ކޮން ފައިދާއެއް ވާނީ! ގުޅިގެން ހިންގާ ޖަރީމާތައް ފެންނަ ފަދަ ކެމެރާއެއްތަ؟
ސަސި
25 May 2025
ބޯޑީ ވޯން ކެމެރާ ނޫނީ ސީސީޓީވީ ފުޓޭޖް ހުއްޓަސް ފެންނާނީ ފެންނަން ބޭނުންވާ އެއްޗެއް. ފޮޓޯ ވީޑިއޯ ބޭނުން ޖެހޭއިރު ކެމެރާ އޮން ނުކުރެވި، ރެކޯޑަރ މައްސަލަ ޖެހުމަކީ އިއްތިފާގެއްނޫން