ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅުނު 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފި އެވެ.
އެ އިދާރާ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އާންމު ސިއްހަތަށް ގެއްލުންވާ ގޮތަށް ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ދެ އެކޮމޮޑޭޝަން ބްލޮކެއް ރެއިޑް އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ނުވަ ފިރިހެނުން ފުރަތަމަ ތަނުން ހައްޔަރު ކޮށްފައިވާއިރު، ދެ ވަނަ ތަނުން ތިން އަންހެނަކާއި ދެ ފިރިހެނުން ހިމެނޭހެން ޖުމްލަ 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ މަހު ވިދާޅުވެފައި ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީންގެ ތެރެއިން 5،000 އެއްހާ މީހުން މިދިޔަ އެއް އަހަރު ތެރޭ ޑީޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް، ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި އެކިއެކި ކުށްތަކަށް އަރައިގެންފައިވާ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީން އެ އޮޕަރޭޝަނުގައި ޑީޕޯޓް ކޮށްފައިވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބިދޭސީން ދިރިއުޅޭ ތަންތަންނާއި މަސައްކަތްކުރާ ތަންތަން ވެސް އިމިގްރޭޝަނުން އަނަނީ ބަލައި ފާސްކުރަމުންނެވެ.