އިންޑިއާގެ ކޮޗީ ބޭރަށް އަޑިއަށްދިޔަ "އެމްއެސްސީ އެލްސާ 3" އަޑިއަށް ދިއުމުގެ ކުރިން އަރިއަޅާލާފައި: މި ބޯޓުން މިހާރު ދަނީ ތެޔޮ ލީކުވަމުން. -- ފޮޓޯ: އޭއެފްޕީ
26 މެއި 2025 - 15:55
އިންޑިއާގެ ދެކުނުން އަޑިއަށް ދިޔަ ކާގޯ ބޯޓުން ތެޔޮ ލީކުވާތީ ކޮންޓްރޯލްކުރުމަށް އިންޑިއާގެ ކޯސްޓް ގާޑުން މަސައްކަތް ފަށައިފި އެވެ.
ކެރެލާ ސަރުކާރުން ބުނީ އިއްޔެ އަޑިއަށްދިޔަ، ނުރައްކާތެރި ކާގޯ ހުރި 184 މީޓަރު (603 ފޫޓް) ގެ އެމްއެސްސީ އެލްސާ 3 އިން ލީކުވާ ތެޔޮ ކޮންޓްރޯލްކުރަން ދެ އުޅަނދެއް ބޭނުންކުރަމުން އަންނަ ކަމަށެވެ.
ލައިބީރީއާގެ މި ބޯޓު 640 ކޮންޓެއިނަރާ އެކު އަޑިއަށް ދިޔައިރު އޭގެތެރޭގައި ނުރައްކާތެރި ކާގޯ ހުރި 13 ކޮންޓެއިނަރު ހިމެނެ އެވެ. އަދި އޭގެ ތެރޭގައި ފާޓިލައިޒާ އާއި ސްޓީލް އުފެއްދުމަށް ބޭނުންކުރާ ކެމިކަލެއް ކަމަށްވާ ކެލްސިއަމް ބާއިޑް ހުރި 12 ކޮންޓެއިނަރު ވެސް ހިމެނެ އެވެ.
ބޯޓުގައި 370 ޓަނުގެ ފިއުލް އާއި ތެޔޮ ވެސް ހުއްޓެވެ.
"ތެޔޮ ލީކުވުން ކޮންޓްރޯލްކުރުމަށް ކޯސްޓް ގާޑުން މިހާރު ދަނީ ދެ އުޅަނދެއް ބޭނުންކޮށްގެން މަސައްކަތްކުރަމުން،" ކެރެލާ ސަރުކާރުން ނެރުނު ބަޔާނުގައި ބުންޏެވެ.
"އެމްއެސްސީ އެލްސާ 3" އިން ކަނޑަށް ބޭރުވި ބައެއް ކޮންޓެއިނާތައް އޮޔާދަނީ.
"ޑޯނިއާ މަތިންދާބޯޓެއް ބޭނުންކޮށްގެން ދަނީ ލީކުވާ ތެޔޮ ނައްތާލުމަށް ޑަސްޓް ސްޕްރޭކުރުމުގެ މަސައްކަތް ވެސް ކުރަމުން."
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނީ 24 މީހުން ތިބި ބޯޓު އަޑިއަށް ދިޔައީ ކޮޗީގެ ހުޅަނގު ދެކުނުން 38 ނޯޓިކަލް މޭލު ބޭރަށް ކަމަށާއި ބޯޓު އަޑިއަށް ދިޔައީ ދިޔަވެގެން ކަމަށެވެ. އެހީތެރިކަން ބޭނުންވެގެން ބޯޓުން އަންގާފައިވަނީ އިންޑިއާގެ ވިޒިންޖަމް އާއި ކޮޗިންގެ ބަނދަރާ ދެމެދު ދަތުރުކުރަމުން، ހޮނިހިރު ދުވަހު އެވެ. އެއާ އެކު ބޯޓުގައި ތިބި އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ.
ބޯޓުގައި ހުރި ބައެއް ކޮންޓެއިނާތައް އިންޑިއާގެ އައްސޭރިފަށުގެ ބައެއް ހިސާބުތަކަށް ލައްގާފައި ވާއިރު ސަރުކާރުން ވަނީ އެ އެއްޗެހީގައި އަތް ނުލުމަށާއި ކައިރި ވެސް ނުވުމަށް އަންގައިފަ އެވެ. އަދި ދިމާވެދާނެ ހާދިސާއަކަށް އެ ސަރަހައްދުތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy