ކުރީގެ ޕީޖީ ޝަމީމް: ތުހުމަތުވާ މީހުން ސަލާމަތްވި މައްސަލަ ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައި - ފޮޓޯ: މިހާރު
27 މެއި 2025 - 09:21
ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ދައުވާ ލިބުނު ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މައްސަލަ ހުށަހަޅައިފި އެވެ.
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް، ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއާ ގުޅިގެން މިދިޔަ މަހުގެ 14 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. މި ހުކުމް އިސްތިއުނާފު ކުރުމުގެ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނި ގޮތުގައި އިއްޔެގެ ވަގުތެއްގައި މައްސަލަ ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި މައްސަލަ އިސްތިއުނާފުކުރަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމައިފަ އެވެ.
އެ އޮފީހުން އެދިފައިވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށްދިނުމަށާއި މައްސަލަ އަލުން ބަލަން އެ ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝަމީމަށް މަރުތޭލަކުން ހަމަލާދިނީ އޭނާއަށް ފާރަލަމުން ގޮސް، އޭނާ ދިރިއުޅޭ ގެ ކައިރިންނެެވެ. އެ މަންޒަރު ހުރީ ސީސީޓީވީ ކެމެރާއަށް ވެސް އަރައިފަ އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ ކުރި ހަތް މީހުންނަކީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމް އެވެ.
އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ. އެ ހުރި ތަފާތަކީ އެކި އިމާރާތްތަކުގެ ސީސީޓީވީ ކެމެރާގެ ގަޑި ހަމަކޮށްފައި ހުރި ގޮތުން އައިސްފައި ހުރި ފަރަގު ކަމަށްވެ އެވެ.
ނަމަވެސް ހުކުމްގައިވާ ގޮތުން އެކި ކެމެރާތަކުން ނަގާފައިވާ ފުޓޭޖުތަކުން، ގަޑި ތަފާތުކޮށް ފެންނަން ހުރުމުން ފުޓޭޖުގެ ސީކުއެންސް ބްރޭކްވެފައިވާ ކަމަށް ބަލަންޖެހެ އެވެ. ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭންޖެހޭ ކަމަށް މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ވިދާޅުވި އެވެ.
ޝަރީއަތުގެ މަރުހަލާގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރި ސަބަބާ މެދު ސުވާލުކޮށްފައި ނެތް ނަމަވެސް ހުކުމްގައި ގާޒީ ލިޔުއްވާފައިވާ ގޮތުގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރުމުން އެންމެ މުހިންމު ހެއްކާ މެދު ޝައްކެއް އުފެދި، ދެވޭ ބުރަދަން ދަށްވެ އެވެ.
އެ ވީޑިއޯގައިވާ ފުށުއެރުމުގެ ނަތީޖާއަކީ ކުށުގެ އަމަލު ހިންގީ ދައުވާ ލިބޭ ފަރާތްތައް ކަމާ މެދު އެކަށީގެންވާ ޝައްކެއް އުފެދުން ކަމަށް ހުކުމްގައިވެ އެވެ.
އެ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަަސާސީ ހެކީގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދިދާނެ ކަމެއް ފާހަގަވުމުން އެކަމަށް ދައުލަތުން އެޑްރެސް ނުކުރުމަކީ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅަން ޖެހުނު މައިގަނޑު ސަބަބު ކަމަށާއި އެކަން ސާފުވާ މިންވަރަށް ޝަރީއަތަށް ހެކި ހުށަހެޅުނު ނަމަ، މައްސަލައިގެ ނިންމުން ތަފާތުވާނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަމްބެ
27 May 2025
ތޭންކްސް އައްބާސް