ހިންމަފުށި ސްކޫލުން މިދިޔަ އަހަރު "ބެސްޓް އޯލް ރައުންޑު"ގައި ހިމެނުނު ދަރިވަރަކަށް ޝޭޝްކޮޅު ހަވާލުކޮށްދެނީ.--
27 މެއި 2025 - 12:10
ކ. ހިންމަފުށީ ކައުންސިލް ހަރަދުގައި، ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ސްކޮލާޝިޕްތަކަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެ ރަށު ކައުންސިލް ރައީސް ހަސަން ފާއިޒް "މިހާރު" އަށް މިއަދު ވިދާޅުވީ އެފަދަ ސްކޮލާޝިޕެއް ދިނުމަށް ކައުންސިލުން ނިންމީ ރަށުގެ ދަރިވަރުންގެ ތެރެއިން ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުން ކިޔެވުމަށް ބާރު އެޅުމަށް ކަމަށެވެ. އަދި ރަގަޅު ނަތީޖާ ހޯދުމަށް ހިތްވަރު ދިނުމާއި ރަށުގައި ތައުލީމީ ގޮތުން ކުރިއަރާފައިވާ ދަރިން ބިނާކުރުމުގެ މަގުސަދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސްކޮލާޝިޕަށް އެދޭ ދަރިވަރަކު ކިޔަވަން ބޭނުންވާ ދާއިރާއަކުން ޑިގްރީން ފެށިގެން ޕީއެޗްޑީ އަށް ކިޔެވޭނެ. ނުވަތަ ޑޮކްޓަރުކަން ކަހަލަ އެއްޗެއް ވެއްޖެ ނަމަ އޭގެން ކިޔެވޭ އެންމެ މައްޗަކަށް ކިޔެވޭނެ،" ފާއިޒު ވިދާޅުވި އެވެ.
ހިންމަފުށީ ސްކޫލު ދަރިވަރުންތަކެއް.---
ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތަށް ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން 15 ދުވަހެވެ. އެޕްލިކޭޝަން ހުށަހެޅޭނީ މިދިޔަ ހަތަރު އަހަރު ގްރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން މަތީ ވަނަތަށް ހާސިލް ކޮށްފައިވާ ދަރިވަރުންނަށެވެ. އަދި މި އަހަރުން ފެށިގެން ފެށިގެން ބެސްޓް އޯލް ރައުންޑަށް ހޮވޭ ދަރިވަރުން ސްކޫލުން އެ މަގާމަށް ހޮވުނުކަން އިއުލާނުކުރާތާ އެއް މަސް ދުވަސް ތެރޭ ސްކޮލާޝިޕަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ހިންމަފުށީ ކައުންސިލް އިދާރާ އިން ބުންޏެވެ.
ހިންމަފުށި ސްކޫލުގައި 2021 އިން 2024 ގެ ނިޔަލަށް ތައުލީމު ހާސިލްކޮށް ގްރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން ގަދަ 10 ހާސިލް ކޮށްފައިވާ ދަރިވަރުން ޖެހެނީ އެ ސްކޮލާޝިޕަށް އެދި ހުށަހަޅާށެވެ.
މި އަހަރުން ފެށިގެން އެ ސްކޫލުން ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން "ބެސްޓް އޯލް ރައުންޑް" ހާސިލްކުރާ ދަރިވަރަށާއި ގައުމީ ގަދަ 10 ގެ ވަނައެއް ހާސިލް ކުރާ ހިންމަފުށީގެ ކުދިންނަށް ސްކޮލާޝިޕް ދޭން ނިންމާފައިވާ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
- ސްކޮލާޝިޕްގެ ދަށުން ފައިސާ ދެނީ ކޯހުގެ ޓިއުޝަން ފީ، ރެޖިސްޓްރޭޝަން ފީ، އިދާރީ ފީ އަދި ކޯހާ ގުޅުން ހުރި ހުރިހާ ފީ ތަކެއް ވެސް ހިމަނައިގެން.
- ސްކޮލާޝިޕްގެ ދަށުން ސްޓައިޕެންޑްގެ ގޮތުގައި ރާއްޖޭގައި ތިބެގެން ކިޔަވާ ކޯސްތަކަށް 2،500ރ.
- ސްކޮލާޝިޕްގެ ދަށުން ސްޓައިޕެންޑްގެ ގޮތުގައި ރާއްޖޭން ބޭރުގައި ތިބެގެން ކިޔަވާ ކޯސްތަކަށް 5،000ރ.
ހިންހިންމަފުށީ ސްކޫލު ގްރޭޖުއޭޝަނެއްގައި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކުރަނީ--
ސްކޮލާޝިޕްގައި ކިޔަވަމުން އައި ކޯސް ދޫކޮށްލައިފި ނަމަ އެ ކޯހަށް ވާ ފައިސާ އެ ދަރިވަރަކު ކައުންސިލަށް ދައްކަން ޖެހެ އެވެ. ކިޔަވައިގެން އައިސް އެ ދަރިވަރު ރަށަށް ހިދުމަތް ކުރަން ވެސް އުސޫލުގައިވެ އެވެ. އެއީ:
- ކޯހުގެ މުއްދަތަކީ ހަތަރު އަހަރު ނުވަތަ ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއް ނަމަ ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންމަފުށީގެ އިދާރާއެއްގައި މަސައްކަތް ކުރަން ޖެހޭ.
- ކޯހުގެ މުއްދަތު ހަތަރު އަހަރަށް ވުރެ ދިގު ނަމަ ހަތް އަހަރު ދުވަހުގެ މުއްދަތަށް ހިންމަފުށީގެ އިދާރާއެއްގައި މަސައްކަތް ކުރަން ޖެހޭ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޯންޓްގޯބެކްޓުރަށް
27 May 2025
ވަރަށް ރަނގަޅުކަމެކެވެ. އެކަމަކު، ރަށަށް އަނބުރާ ދާންޖެހުން އެހާ ސަޅިއެއްނޫން. މާ ފައިދާވާނެ ކިއެވުމަށްފަހު ބޭރުގައި ތިބެގެން ފުރަތަމަ އެކްސްޕީރިއެންސް ހޯދައިގެން ރަށަށް ކަމެއްކޮށްދިނީއާ.
ޑރ.ޖަންޖަބީލް
27 May 2025
ކައުންސިލްތަކުން ރަށަށް ޚިދުމަތް ކުރަން ޝަރުތުކޮށް ރަށުގެ ކުރި އެރުމަށް ސްކޮލާޝިޕްދީގެން މީހުން ބިނާކުރުން ވަރަށް ރަނގަޅު. ހަމަ އެއާއެކު، ޕީ.އެޗް.ޑީ ލެވެލް އަށް ދިނުމުގެ ބަދަލުގައި ރަށަށް ބޭނުންވާ ދާއިރާތަކަށް އިސްކަންދީގެން ޕްރޮފެޝަނަލް މީހުން އުފައްދާނަމަ ގިނަ ފުރުސަތު ދެވި ގިނަ މީހުން އުފެއްދޭނެ. ކައުންސިލުން މިކަން ކުރަނީ ކައުންސިލްގެ އާމްދަނީންތޯ ސުވާލު އުފެދޭ. ދައުލަތުން ދޭ ފައިސާއިންނަމަ މިއީ އަލުން ގައުމީ ފެންވަރުގަ ވިސްނަންޖެހޭ ކަމެއް.
ޑރ ހިންމަފުށި
27 May 2025
ޕީއެޗްޑީ އަށް ބެލުމަށްވުރެ، ރަށަށް ފައިދާހުރި ދާއިރާތަކަށް އިސްކަންދިނުން މުހިއްމު! ހިންމަފުށީ ކައުންސިލްއަކީ، ގިނަ ޢަދަދަކަށް ފައިސާ ބިމުކުލީގެ ގޮތުގައި ވަންނަ ރަށެއް، އެކަން ކުރެވޭނެ ޤާބިލްކަން ހުުންނާނެ އިތުރަށް ފްލެޓްއަޅަންވެސް ފެނޭ! އެއީ 15 މިނިޓުން ދެވޭ ހިސާބުގައި އޮތްރަށަކަށްވެފައި ގިނަބަޔަކު ފްލެޓް ބޭނުންވާނެތީ! އެއީ ވެސް ކައުންސިލުން ބައިވެރިވެގެން އެހެން ކުންފުނިތަކަށް ހުޅުވާލައިގެން ކުރެވިދާނެ ކަމެއް!