އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯ ކެނެޑާގެ ލަވަކިޔުންތެރިޔާ ޖޯޑަން ލޫޓްސް (ޖޫޓްސް)ގެ ކައިވެނީގެ ފޮޓޯއެއް.-- ފޮޓޯ: ވޯގް މެގަޒިން
28 މެއި 2025 - 06:10
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯ ކެނެޑާގެ ލަވަކިޔުންތެރިޔާ ޖޯޑަން ލޫޓްސް (ޖޫޓްސް) އާ އިއްޔެ ކައިވެނިކޮށްފި އެވެ.
ވޯގް މެގަޒިން އިން ރިޕޯޓްކުރި ގޮތުގައި 32 އަހަރުގެ ޑެމީ އާއި 34 އަހަރު ޖޫޓްސް ކައިވެނިކުރީ އެމެރިކާގެ ކެލިފޯނިއާގަ އެވެ.
އެ މީހުންގެ ކައިވެނީގެ ބައެއް ފޮޓޯތައް ވެސް ވޯގް މެގަޒިނުން ޕޯސްޓުކޮށްފައިވެ އެވެ.
ޑެމީ އާއި ޖޫޓްސް ދިމާވީ 2022 ވަނަ އަހަރު ގެނެސްދިން ޑެމީގެ އަލްބަމެއްގެ މަސައްކަތް ކުރި ދުވަސްވަރު އެވެ. އެ ދެމީހުން ޑިސެމްބަރު 2023 ގައި އެންގޭޖުވުމުގެ ކުރިން ލޯބީގެ ގޮތުން ގުޅިގެބް ދެ އަހަރެއްހާ ދުވަހު އުޅުނު ކަމަށް ރިޕޯޓްތައް ބުންޏެވެ.
ޖޫޓްސް ވަނީ ޑެމީގެ އަލްބަމްގެ ބައެއް ލަވަތައް ވެސް އޭނާއާ އެކު ލިޔެފަ އެވެ. އޭގެ ތެރޭގައި "ހެޕީ އެންޑިން" އާއި "ސިޓީ އޮފް އޭންޖެލްސް" ކަހަލަ ލަވަތައް ހިމެނެ އެވެ.
ލަވަކިޔުންތެރިއެއްގެ އިތުރުން ޑެމީއަކީ އެކްޓަރެކެވެ. ޑެމީ އޭނާގެ ކެރިއަރު ފެށީ ޑިޒްނީ ޗެނަލް އިން ދެހާހުގެ ކުރީކޮޅު ގެނެސްދިން ކުޑަކުދިންގެ ޝޯ "ބާނީ އެންޑް ފްރެންޑްސް" އިންނެވެ. އަދި ފަހުން އެ ޗެނަލުން ގެނެސްދިން "ކޭމްޕް ރޮކް" އާއި "ސޮނީ ވިތު އަ ޗާންސް" އިން އޭނާއަށް ބޮޑު މަޝްހޫރު ކަމެއް ލިބުނެވެ.
ޑެމީ މިހާތަނަށް ވަނީ 8 މިއުޒިކް އަލްބަމެއް ނެރެފަ އެވެ.
ޑެމީ ކައިވެނިކުރި ޖޫޓްސްއަކީ އީމޯ، ޕަންކް ޕޮޕް އެންޑް ޓްރެޕް ކަހަލަ މިއުޒިކް ހެދުމަށް މަޝްހޫރު އާޓިސްޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy