ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީ.
29 މެއި 2025 - 10:41
ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީއަށް ޑެންގޫ ހުން ޖެހިގެން އޭނާގެ އާ ފިލްމުގެ ޝޫޓިން އިއްޔެ މެދުކަނޑާލައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިމްރާން ޑެންގޫއަށް ޕޮޒިޓިވްކަން އެނގުނީ އޭނާ ކުޅޭ ފުރަތަމަ ތެލުގޫ ފިލްމު "އޯޖީ" ޝޫޓިންގައި އުޅެނިކޮށް މާ ބޮޑަށް ބަލިވެގެން ހޮސްޕިޓަލަށް ގެންދިއުމުންނެވެ.
އެ ފިލްމުގެ މަންޒަރުތައް ނަގަނީ އިންޑިއާގެ މުމްބާއީގަ އެވެ.
އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، ފިލްމުގެ ޕްރޮޑަކްޝަން ހައުސްއާ ހަވާލާދީ ބައެއް މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވެ އެވެ.
ނަމަވެސް، އިމްރާން ބަލިވުމާ އެކު އެ ފިލްމުގެ ޝޫޓިން މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ގޭންގްސްޓާ އެކްޝަން ފިލްމެއް ކަމަށްވާ "އޯޖީ"ގައި އިމްރާންއާ އެކު މުހިންމު ރޯލުތައް ކުޅެނީ ޕަވަން ކަލްޔާން އާއި ޕްރިޔަންކާ މޯހަން އަދި އަރްޖުން ދާސް އެވެ.
ވަރަށް ބޮޑު ބަޖެޓަކުން ހަދާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ ފިލްމުގެ ބަޖެޓަކީ 2.5 ބިލިއަން އިންޑިއަން ރުޕީސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy