އެފްއޭއެމުން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި: ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތަށް އެހީވާން ގާތްގަނޑަކަށް 3000 ޑޮލަރުގެ މުސާރައިގެ މުވައްޒަފަކު ވަނީ އިއުލާން ނުކޮށް ނަގާފަ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ޖޫން 2025 - 08:32
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތަށް އެހީވާން 2،800 ޑޮލަރު ( 43،288ރ.) ގެ މުސާރައެއް ދޭ ގޮތަށް އިއުލާން ނުކޮށް މުވައްޒަފަކު ނަގައިފި އެވެ.
އެފްއޭއެމްގެ ފަރާތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިހާރު ހަމަޖައްސާފައިވާ، ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން ވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވާން ވެސް ކައިރިވެފައިވުމުން މަސައްކަތްތައް ހަލުވި ކުރަން އެކަމަށް މުވައްޒަފެއް ނަގާފައިވާކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ އެ މުވައްޒަފު ނެގީ ފީފާގެ ވެސް ހުއްދަ ލިބިގެން ކަމަށެވެ.
މިހާރު ވެސް އެފްއޭއެމްގައި އެކްޓިން ޖެނެރަލް ސެކްރެޓަރީއަކު ވެސް ހުންނަވަ އެވެ.
ސިމަން ވިދާޅުވީ އިދާރީ އެހެން ކަންކަމުގައި އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވެސް ވަރަށް އަވަދިނެތި އުޅުއްވާތީ ނޯމަލައިޒޭޝަން މަސައްކަތް ހަލުވި ކުރަން އެކަމަށް ހާއްސަ މުވައްޒަފެއް މުހިންމު ކަމަށެވެ.
އެ ކޮމިޓީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހުރޫ މަގާމުގައި ހުންނެވި އިރު އެފްއޭއެމްގެ އެހެން ޑިޕާޓްމެންޓްތަކަށް ވެސް މުވައްޒަފުން ނެގީ އިއުލާންކޮށްގެންނެވެ. އަދި ފުލު ޓައިމްކޮށް ޖެނަރަލް ސެކްރެޓަރީ އެއްވެސް ނެގީ ގެޒެޓްގައި ވެސް ޖަހައި އާންމުކޮށް އިއުލާން ކޮށްގެންނެވެ.
އެކަމަކު އެ ޕްރެކްޓިސް ނޯމަލައިޒޭޝަން ކޮމިޓީން ދޫކޮށްލައި އެ ކޮމިޓީގެ މަސައްކަތަށް އެހީވާ މުވައްޒަފު ނެގީ ވަކި މީހަކު އިހްތިޔާރުކޮށްގެންނެވެ.
"ފީފާގެ ވެސް އެޕްރޫވާ އެކު އަޅުގަނޑުމެން ސްޓާފް ނެގީ ހެޑް ހަންޓް އުސޫލުން. ހެޑް ހަންޓް އުސޫލުން މި މަސައްކަތަށް ސްޓާފަކު ނެގުމުގެ އިހްތިޔާރު އަޅުގަނޑުމެންނަށް ފީފާއިން ދީފަ އޮތީ،" ސިމަން "މިހާރު" އަށް ވިދާޅުވި އެވެ.
އެ މުސާރަ އޭނާ އަށް ހަމަޖައްސާފައި ވަނީ ފީފާއިން އެފްއޭއެމަށް ދޭ އޮޕަރޭޝަނަލް ބަޖެޓުންނެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނަށް ސީދާ މުސާރަ ދެނީ ފީފާއިންނެވެ. އެ ކޮމިޓީގެ މެންބަރުންނަށް 4،000 ޑޮލަރު އަދި ކޮމިޓީގެ ޗެއާމަނަށް ގާތްގަނޑަކަށް 6،000 ޑޮލަރު ދެ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އަންނަ މަހު 31 ގައި ހަމަ ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަޅޭއަލި
02 June 2025
ތިހާ ބޮޑު މުސާރައަކަށް ނޫނަސް ތިކަމަށް އެހީވާން ދާނެ މީހުން ބައިވަރު. އަދިވެސް އެއީ ޑޮލަރުން. ކަޅު މާރުކޭޓުން ނަމަ 19 ރުފިޔާއަށް ޑޮލަރެއް ބެލިއަސް އެއީ 53200 ރުފިޔާ. 30000 ރުފިޔާގެ މުސާރައަށް ދާނެ މީހުން ބައިވަރު.
ދޮންކަރާ
02 June 2025
މައްސަލައެއްނޫން. ތީ ކީ ސަރުކާރު އޮފީހެއް ނޫން.
ހެޑުހަންޑި
02 June 2025
ހެޑް ހަންޓް އެއީ ހަމަ ނަމެއް. ކަމަކީ ތިމާ.ބޭނުންވާ މީހަކު ބޭނުން މުސާރަޔަކަށް ވަޒީއަށް ނެގުން. އެމްއޭސީއެލްގަވެސް މިހާރު ތި ހެޑުހަންޓު ކުރާވަރުން އޮބިނޯވޭ. މަގާމު ނެތަސް ހެޑުހަންޓުކޮށްފަ ބޭނުންވާ މީހާއަށް އެމީހާ ބޭނުން މުސާރައެއްގަ އެ ދެނީ ވަޒީފާ. ތަނަށް އައިއްސަ ފުރަތަމަ ދަސްކުރަނީ.
ޖަލީލީ
02 June 2025
ކޮރަޕްޝަންގެ ބޮޑު ހާއްޔެއް. ދިވެހިރާއްޖޭގެ ފުޓުބޯޅަ ދަނީ ދުވަހުން ދުވަހަށް ދަށަށް
އައްލާ ބެއްޔާ
02 June 2025
ދެން ތި ފުޓްބޯޅަ ދޫކޮށްފައި ބަށި ، ފޯލި ކުޅުން ، ފައިގަތަޅާ ކަހަލަ ދިވެހިން ކުރިން ވެސް ކުޅުނު ކުޅިވަރުތައް ކުރިއަރުވަން ވީ. އޭރުން ބޭކާރު ހަރަދު ކުރަން ނުޖެހި ބޭރު ޖަމިއްޔާތަކުގެ ނުފޫޒުން ސަލާމަތްވެ ގައުމިއްޔަތު ލޯބި އިތުރުވެ އަދި ރަގަޅު ކަސްރަތަކަށް ވެސް ވާނެ. ތި ފުޓްބޯޅައަށް އެތަކެއް މިލިއަން ހަރަދުކޮށް ރައްޔިތަކަށް ގައުމަކަށް ވާ ފައިދާއެއް ނެތް. ވަކި ބަޔަކު އެއިން މުއްސަދި ވަނީ.
ޢަލީ ބަލީ
03 June 2025
100 ގެ ވާހަކަ އެއް
ބަބްސް
02 June 2025
ގިނަ ވެރިން އުޅުއްވާނީ އަމިއްލަ ވިޔަފާރީގަޔާއި ކޮފީ ތަކުގައި " އަވަދިނެތި " ދެން ޖެހޭނީ ކޮންމެ އިންގިއްޔަކަށް މީހަކު ލާންތާ ...
ސަސި
02 June 2025
5000 ޑޮލަރ ދީގެންވެސް ތިތަން ހަމަ އަކަަށް އަޅުވަން އެބަޖެހޭދޯ
މިސްޓަރ ޓިނޭ
02 June 2025
މީބޮޑުހާއްޔެއް، ސަހަލު އެކަކުވެސް އެބހުރިބާ