ޚަބަރު / ކުޑަކުދިންނަށް އަނިޔާކުރުން

ދަރިއަކާ ބެހިގެން އިއްވި 15 އަހަރުގެ ޖަލު ހުކުމެއްގެ މައްސަލަ އަލުން ބަލަނީ

މައްސަލަ އަލުން ބަލަން ހުކުމްކުރީ ކުއްޖާ ދެއްކި ވާހަކަތަކާއި ހެކިންގެ ބަޔާންތަކުގައި ހުރި ފުށުއެރުންތަކާ މެދު ޝަރީއަތުގައި ސުވާލުކޮށް އެކަށީގެންވާ ވަރަށް ހެކި ވަޒަންކުރުމަށް

ޖިންސީ އަނިޔާތަކާ ދެކޮޅަށް 2020 ވަނަ އަހަރު މާލޭގައި ކުރި މުޒާހަރާއެއްގައި ބަޔަކު އަޑު އުފުލަނީ. -- ފޮޓޯ: މިހާރު

ފިރިހެނަކު އޭނާގެ ދަރިއަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެގެން އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމެއް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ކުޑަކުދިންގެ ކަރާމާތާ ގުޅޭ މައްސަލައެއް ކަމަށް ވާތީ މި މައްސަލައިގައި ހުކުމްކުރި ކޯޓުގެ ނަން ހައި ކޯޓުން ވަނީ ސިއްރުކޮށްފަ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އެއީ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން އިއްވާފައިވާ ހުކުމެވެ. ހުކުމުގައިވާ ގޮތުން އެއީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހުށަހަޅައި އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުކުމްކޮށްފައިވާ މައްސަލައެކެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ 15 އަހަރުގެ ޖަލު ހުކުމް އައި މުހައްމަދު ނިޔާޒް ކިޔާ މީހަކު އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް ބުނެފައިވަނީ ހަ އަހަރުގެ ދަރިފުޅުގެ ކުރިމަތީ ފަރާތާއި މޭމަތީގައި އަތްލި ކަމަށް ބުނެ ހުކުމްކޮށްފައިވާ ވަނީ، ސުޕްރީމް ކޯޓުގެ ހުކުމެއްގައި ކަނޑައަޅާފައިވާ މިންވަރަށް ހެކި ނެތި ކަމަށެވެ. އަދި ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ ރ. ގައި ބުނާ، މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބުނާ މާއްދާއާ ވެސް ހިލާފަށް ކަމަށެވެ.

ހައި ކޯޓުގައި އޭނާ ބުނެފައިވަނީ ކުއްޖާގެ ހީސްދޮއްވާއިރު ގައިގައި އަތް ނުލެވި އެކަން ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި ކުއްޖާއަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށް އެ ކުއްޖާ ބެލި ޑޮކްޓަރުގެ ރިޕޯޓުން ވެސް އެނގޭ ކަމަށެވެ. ތަހުގީގުގައި ކުއްޖާ ދައްކާފައިވާ ވާހަކަ އަކީ ކުއްޖާގެ މަންމަ، ކުއްޖާގެ ބައްޕައާ މެދު އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން ކުރި ނޭދެވޭ ސުވާލުތަކަކާ ހެދި ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ޖަލު ހުކުމް އައި މީހާ ބުނެފައިވެ އެވެ. އެހެންވެ ކުއްޖާގެ މަންމަގެ ހެކިބަހާ މެދު ސުވާލު އުފެދޭ ކަމަށް ބުންޏެވެ. މިއީ ވަރިވެފައިވާ ދެ މީހުންނެވެ.

ހައި ކޯޓު ކުރިމަތިން މީހަކު ހިނގާފައި ދަނީ: އެ ކޯޓުން ވަނީ ދަރިއަކާ ބެހުނުކަމުގެ ކުށް ސާބިތުވި ބައްޕައެއްގެ މައްސަލަ ދަށު ކޯޓުން އަލުން ބަލަން ހުކުމްކޮށްފައި. -- ފޮޓޯ: މިހާރު

ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހެދި މީހާ ޝަރީއަތަށް ހާޒިރުކޮށް ރިޕޯޓާ މެދު ހުރި ސުވާލުތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައި ނުވާ ކަމަށާއި ހުކުމް ކުރުމުގައި އެ ރިޕޯޓަށް ބުރަވެފައިވަނީ ގޯސްކޮށް ކަމަށް ވެސް އިސްތިއުނާފުގައި ބުންޏެވެ. މީގެ އިތުރުން، ހާދިސާ ހިނގި ކަމަށް ބުނާ ތާރީހެއް އަދި ވަގުތެއް ވެސް އެނގެން ނެތް ކަމަށާއި އެހެންވެ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފް ދައުވާއެއް ކަމަށް ވެސް މުހައްމަދު ނިޔާޒް ބުންޏެވެ.

ނަމަވެސް ދައުލަތުން ކޯޓުގައި ބުނީ ކުއްޖާ ދައްކާފައި ހުރި ވާހަކަތަކަކީ އެ އުމުރުގެ ކުއްޖަކު ހަދަހަދައިގެން ދައްކާނެ ކަހަލަ ވާހަކަ ނޫން ކަމަށެވެ. ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓްގައި، ކުއްޖާއަށް އަނިޔާއެއް ވެފައި ނެތް ކަމަށް އޮތުމަކީ ކުއްޖާ ކިޔައިދިން ކަންކަން ބަލައިނުގަނެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ބުންޏެވެ. މި މައްސަލައިގައި ސީދާ ކުއްޖާގެ ބަޔާނެއް ނެތް ކަމަށް މުހައްމަދު ނިޔާޒް ބުނެފައި ވާތީ ދައުލަތުން ބުނީ ކުއްޖާގެ އިންޓަވިއު އާއި ވީޑިއޯ ރެކޯޑިން ދަށު ކޯޓަށް ހުށަހަޅައި ކުއްޖާގެ ބަސް ޝަރީއަތަށް ކަށަވަރުކުރި ކަމަށެވެ.

މުހައްމަދު ނިޔާޒާއި ދައުލަތުގެ ވާހަކަތަކަށް ފަހު ހައި ކޯޓުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން ކުއްޖާގެ މަންމަ ވަނީ ކުއްޖާ ނިދީގައި އޮވެ، "ބައްޕަ ތިހެން ނުހަދާށޭ" ކިޔައި ވާހަކަ ދައްކާތީ ޝައްކުވެގެން ކުއްޖާއާ ސުވާލުކުރި ކަމަށް ބުނެ ޝަރީއަތުގައި ހެކިބަސް ދީފަ އެވެ. ބައްޕަ އަތްލާ ކަމަށާއި [އެހެން ބައެއް ކަންކަން ވެސް] ކުރުވާ ކަމަށް ބުނެ އެ ވާހަކަ ކިޔައިދިނީ ވަރަށް ގިނައިން އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ކަމަށް ކުއްޖާގެ މަންމަ ބުނެފައިވެ އެވެ. އަދި ބައްޕަގެ ފޯނުން ހުތުރު ވީޑިއޯތައް ދައްކާ ކަމަށް ކުއްޖާ ބުނި ކަމަށް ވެސް މަންމަ ހެކިބަސް ދީފައިވެ އެވެ.

ކުއްޖާގެ މަންމަ ތަހުގީގަށް ދެ ބަޔާނެއް ދީފައި ވާއިރު، ދަރިފުޅު ގައިގައި ބައްޕަ އަތްލިޔަސް އެ ވާހަކަ އެއްވެސް މީހެއްގެ ގާތު ނުބުނާށޭ ކުއްޖާ ގާތު ބުނި ކަމަށް އެއް ބަޔާނުގައި އޮވެ އެވެ. އަދި އެފަދަ ތަނެއްގައި ދުވަހަކު ވެސް ބައްޕަ އަތްލިތޯ ސުވާލުކުރުމުން އެފަދަ ވާހަކައެއް ވެސް ނުދައްކާ ކަމަށާއި އަތް ވެސް ނުލާ ކަމަށް ކުއްޖާ ބުނި ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމަކު ދެ ވަނައަށް ދިން ބަޔާނުގައި ކުއްޖާ ފެންވަރުވާއިރު އާއި ހީސްދޮއްވާއިރު ގައިގައި އަތްލާ ކަމަށާއި ޖިންސީ އެކި އަމަލުތައް ކުއްޖާ ލައްވާ ހިންގުވާ ކަމަށް ބުނެފައިވެ އެވެ. އަދި ކުއްޖާ އެ ވާހަކަ ކުރިން ނުދެއްކީ އެއްވެސް މީހަކު ގާތު އެ ވާހަކަ ނުބުނަން ބައްޕަ ބުނެފައި އޮތުމުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ހައި ކޯޓުން ނިންމީ ކުއްޖާގެ އެސެސްމަންޓް ރިޕޯޓްގައި ހުރި ވާހަކަތައް ކަށަވަރުކޮށް، ކުއްޖާގެ ވާހަކަތަކަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ ގޮތަށް، އާދަޔާ ހިލާފަށް ތެދު ކިޔައިދިނުމެއްތޯ ވަޒަންކުރެވިފައި ނުވާ ކަމަށް

ހަމަ މިފަދަ ގޮތަކަށް ކުއްޖާގެ މަންމަ ފަރާތު މާމަ ވެސް ޝަރީއަތަށް ހެކިބަސް ދީފައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ކުއްޖާގެ މަންމަ އާއި ބައްޕަގެ ބަހުން ވެސް ދެ މީހުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާކަން ހެކިބަހުން އެނގޭ ކަމަށެވެ. އަދި ކުއްޖާގެ ވާހަކަތަކާއި ކުއްޖާގެ މަންމަ އާއި މާމަގެ ބަހާ ބޮޑެތި ފުށުއެރުންތަކެއް ހުރި ނަމަވެސް އެ ހެކިބަސް މުޅިން އެއްފަރާތްކުރަން ނުޖެހޭ ކަމަށް ދަށު ކޯޓުން ހުކުމްކުރި އިރު ބުނެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ތަހުގީގުގައި ކުއްޖާ ނުދައްކާ ގިނަ ވާހަކަތަކެއް ސައިކޮލޮޖިސްޓަށް ކުއްޖާ ކިޔައިދީފައިވެ އެވެ. އޭގެ ތެރޭގައި، ކުއްޖާ ލައްވާ ޖިންސީ އަމަލުތައް ހިންގުވާ ކަމަށާއި ކުއްޖާއާ މެދު އެފަދަ ކަންތައްތަކެއް ކުރި ކަމަށާއި ހުތުރު ވީޑިއޯ ދައްކާ ކަމަށް ބުނެ ގިނަ ތަފްސީލްތަކެއް ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެކަމަކު ކުއްޖާގެ ބަހާއި މަންމަ އާއި މާމަގެ ހެކިބަހާ ފުށުއަރާއިރު ސައިކޮލޮޖިކަލް އެސެސްމަންޓުގައި ހުރި ވާހަކަތަކަކީ ހަމަ ހަގީގަތުގައި ވެސް ކުއްޖާ ދެއްކި ވާހަކަތޯ ކަށަވަރުކުރުމަށް، ސައިކޮލޮޖިކަލް އެސެސްމަންޓް ހެދި މީހާ ދަށު ކޯޓަށް ހާޒިރުކޮށްފައެއް ނުވެ އެވެ. އަދި އޭނާ ހާޒިރު ނުކުރި ސަބަބެއް ވެސް މައްސަލަ ނިންމި ގޮތުގެ ރިޕޯޓަކު ނެތެވެ.

ޝަރީއަތުން މިގޮތަށް ނިންމީ އެސެސްމަންޓް ހެދި މީހާއާ ސުވާލުކުރަން ޖެހޭނެ ކަމަށް ބުނެ، ދައުވާ ލިބޭ މީހާ އާއި ދައުލަތުން ވެސް އިތުރިރާޒުކުރަމުން ދަނިކޮށެވެ. ދަށު ކޯޓުގެ ބަޔާންތަކުން އެނގޭ ގޮތުގައި، އެސެސްމަންޓު ހެދި މީހާ ހާޒިރު ނުކުރީ އޭނާއަށް ހާޒިރުވެވެން ނެތުމުން އެކަމަށް ވަރަށް ދިގު މުއްދަތެއް ނަގާނެ ކަމަށް ގާޒީ ވިދާޅުވުމަށް ފަހުގަ އެވެ.

އެހެންވެ ހައި ކޯޓުން ނިންމީ ކުއްޖާގެ އެސެސްމަންޓް ރިޕޯޓްގައި ހުރި ވާހަކަތައް ކަށަވަރުކޮށް، ކުއްޖާގެ ވާހަކަތަކަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ ގޮތަށް، އާދަޔާ ހިލާފަށް ތެދު ކިޔައިދިނުމެއްތޯ ވަޒަންކުރެވިފައި ނުވާ ކަމަށެވެ. އެސެސްމެންޓް ހެދި މީހާ ކޯޓަށް ހާޒިރުކޮށް ދިފާއުން އެ ހެކިވެރިޔާއާ ސުވާލުކުރަން ފުރުސަތުދީ، މައްސަލައިގައި ދެން ހުރި ހެކިތައް ޝަރީއަތުން އަލުން ވަޒަންކުރުމަށް ފަހުގައި ނޫނީ މި މައްސަލައިގައި އިންސާފަށް ވާސިލުނުވެވޭނެ ކަމަށް ހައި ކޯޓުން ބުންޏެވެ.

މި ކަންކަމަށް ބަލައި ހައި ކޯޓުން ހުކުމް ކުރީ އެ އިރުޝާދާ އެއްގޮތަށް ދަށުކޯޓުން އަލުން ޝަރީއަތް ހިންގުމަށްޓަކައި މައްސަލަ އަލުން އެ ކޯޓަށް ފޮނުވުމާ އެކު މިހާރު ކޮށްފައިވާ 15 އަހަރުގެ ޖަލު ހުކުމް ބާތިލްކުރުމަށެވެ.

5 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯލް

02 June 2025

މިވަރު މީހުން ދަރިން ނުހޯދާނީ. ދެމަފިރިންގެ މެދުގައި އޮތް ނުތަނަވަސްކަމެއްގައި ކުއްޖާގެ މުޅި ދިރިއުޅުން ހަލާކުވީ.

The name is already taken The name is available. Register?

ޖަލީލީ

02 June 2025

މިޒަމާނުގައި ކަންތަށްތަށް ހުންނަގޮތުން ހަމަ ތުހުމަތެއްވާ އިރަށް އެމީހާ އެއީ ކުއްވެރިއަކަށް އެބަ ހަދާ އެއްވެސް ހެއްކެތް ގަރީނާއެއް ނެތަސް. ރޭވުންތެރިކަމާއެކު ސުޓޭޖު ކޮށްގެން މީހުންގެ ބޮލުގައި ބޮޑަތި އިލްޒާމްތަށް ވެސް އެބަ އަޅުވާ. މައްސަލައިގެ ތުހުމަތާއި ދިފާއުއާއި ދެކަމަށް ވަރަށް ރަނގަޅަށް ބެލުމަށްފަހު ގާޒީ ހުކުމަށް ވާސިލްވާންވާނީ.

The name is already taken The name is available. Register?

ބަޑިތަކުރު

02 June 2025

ޝައްކެއްނެތް މިންވަރަށް މިފަދަ މައްސަލައެއް ސާބިތުކުރުމަކީ މުސްތަހީލު ކަމެކެވެ. ތިވީގޮތުން ދެން އެމީހާ ކުށެއްކޮށްފައި އޮތަސް އަލުން މައްސަލަ ބަލާ ނިމޭއިރު ކުށެއް ކުރިކަމަކަށް ވާނެހެނެއް ހީއެއް ނުވެއެވެ.

The name is already taken The name is available. Register?

ހެކި

02 June 2025

ދެން ހަމަ ހީވާއިރަށްވެސް 15 އަހަރަށް ހުކުމެއް ކުރަންވީ؟ ބަލަ ދެންވެސް ހުރީ ހަމަ އިންސާނެކޭ. އެފަދަ ހާލަތެއްގަ ހުރެދާނެ ހަގީގަތުގަވެސް އެފަދަ ކުށެއް ނުކުރާ މީހެއް. އެހެންވީމާ ޔަގީންކުރަން ނުޖެހޭބާ؟

The name is already taken The name is available. Register?

އލށފތ.

02 June 2025

މިގައުމުގަ އަލައް ވާކަމެއް ނޫން ކުޑަކުދިންނާ ބެހުމަކީ، ނޯމަލައިޒް ކުރެވޭނެ ކަމެއް ނޫން، ގޮތްކުޑަ އަމަލެއް، ހަރުކަށި އަދަބު ދީ ނުވިތާކައް ނައްތާލަންޖެހޭ ކަމެއް. އަނެއް ކަމަކީ ވަކި މަދެއް ނޫން ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތަކުގަ މިކަހަލަ އިލްޒާމް ބޮލުގަ އަޅައިގެން މުޅި އުމުރު ކުއްވެރިވެފަ ތިބެން ޖެހޭ މީހުން ހަމައެކަނި ބުނެލާ ބަހަކައް. އެހާވެސް އަޙްލާގު ރަނގަޅު މީހުން މިގައުމުގަ އުޅެނީ. ހަމަ ބުނެލާ ބަހަކައް ބޭނުން ހުކުމެއް ކޮއް މީހުންގެ ހަލާކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454