ހައި ކޯޓުގެ އަމުރަށް ކްރިކެޓް ކޯޗް ހައްޔަރުކޮށްފި

އެތައް ބަޔަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ހުއްޓައި ދޫވި ގައުމީ ކްރިކެޓް ކޯޗު، އާސިފް ޚާން އަލުން ހައްޔަރުކުރަން ހައި ކޯޓުން މިއަދު ކުރި އަމުރަށް އޭނާ އަލުން ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ 46 އަހަރުގެ މީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

އާސިފް ޚާން އަލުން ހައްޔަރުކުރަން އަމުރު ނެރުނީ އޭނާ ފުރަތަމަ ހައްޔަރުކޮށް، ބަންދުގެ މުއްދަތަށް ގެންދިއުން ލަސްވެގެން ދޫކޮށްލަން ޖެހި، އޭގެ ފަހުން ކްރިމިނަލް ކޯޓުން އަމުރެއް ނުދިން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، މި މީހާ ދޫވީ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ނުގެންދިއުމުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ސައުތު އެފްރިކާ އަށް ނިސްބަތްވާ ކޯޗު ބަންދުން ދޫވީ ތަހުގީގު ކުރާ ފުލުސް އޮފިސަރަށް ގަޑި އޮޅުމުންނެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ކޯޗު ފުރަތަމަ ހައްޔަރުކުރީ ފުރަން އެއާޕޯޓުގައި ހުއްޓަ އެވެ. އޭނާ ފުރުންމަނާކޮށް، ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ.

ކޯޗުގެ މައްސަލައިގައި ކްރިކެޓް ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި، ބަޔާނުގައި ބުނެފައި ވަނީ، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނޭ ކަމަށެވެ.