ހުޅުމާލޭ ހާފްވޭ ހައުސް: މިތަނުގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު ވަނީ މަސްތުގެ ހާލަތުގައި ހައްޔަރުކޮށްފައި. -- މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
11 ޖޫން 2025 - 05:57
މަސްތުން ސަލާމަތްވާން ބޭނުންވާ މީހުންނަށް ހުޅުމާލޭގައި ހިންގާ ހާފްވޭ ހައުސްގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަސްތުގެ ހާލަތުގައި އެތަނުގެ ތެރެއިން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ އިކުލީލް އިބްރާހިމް، ވިދާތަރި/ގއ. ކަނޑުހުޅުދޫ އަދި އުމުރުން 33 އަހަރުގެ އަބްދުﷲ ޝާފިއު، ރެޑްރޯސް/އދ. މަހިބަދޫ އެވެ.
މި ދެ މީހުން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނެފައިވަނީ މި ދެ މީހުން ހައްޔަރުކުރީ ހާފްވޭ ހައުސް ބަލައި ފާސްކުރުމުގެ ތެރޭގައި މި މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ޝައްކުވެގެން ކަމަށެވެ. އެ މީހުން އޭރު ރަނގަޅަށް އިށީނދެގެން ވެސް ނުތިބެވޭ ކަމަށާއި އިށީނދެ އިންނައިރު ވެއްޓޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެހެންވެ ދެ މީހުން ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިކުލީލް ވަނީ އޯޕީއައި، ބެންޒޯ އަށް ޕޮޒިޓިވް ވެފަ އެވެ. އަދި އަބްދުﷲ ވަނީ އޯޕީއައި އަށް ޕޮޒިޓިވް ވެފަ އެވެ.
މި ދެ މީހުން ވެސް ކޯޓުގައި ބުނީ އެ މީހުންނަކީ މަސްތުވާތަކެތި. ބޭނުންކުރާ މީހުން ކަމަށް އެއްބަސްވެފައި ވާނެ ކަމަށާއި އެ މީހުންނަކީ އެކަމުން ސަލާމަތްވާން ފަރުވާ ބޭނުންވާ ކަމަށް ވެސް ބުނެފައިވާނެ ކަމަށެވެ.
މިހާތަނަށް 27 ފަހަރަކު ހައްޔަރުކޮށްފައިވާ އިކުލީލް ކޯޓުގައި ބުނީ އޭނާ އަކީ "ސައިކޭޓްރިސްޓް ބޭސް ކާ މީހެއް" ކަމަށެވެ. އަދި ކާ ކަމަށް ބުނާ ބޭސްތަކެއް ވެސް އޭނާ ކިޔައިދީފައިވެ އެވެ. ހާފްވޭ ހައުސްގައި މަސްތުވާތަކެތި ބޭނުންކޮށްފައި ނުވާނެ ކަމަށާއި އެއީ ޑްރަގް އެންފޯސްމަންޓުގެ ބޭފުޅުން 24 ގަޑިއިރު ބަލަހައްޓާ އަދި ވަށައިގެން ކެމެރާ ހަރުކޮށްފައިވާ ތަނަކަށް ވާތީ އެކަހަކަ ކަމެއް ނުވެސް ކުރެވޭނެ ކަމަށް އިކުލީލް އޭނާގެ ދިފާއުގައި ބުނެފައިވެ އެވެ.
ހާފްވޭ ހައުސްގައި މިހާރު 30 ދުވަސް ވެއްޖެ ކަމަށާއި އޭނާގެ އަތުން ފުލުހުންނަށް މަސްތުވާއެއްޗެއް ނުވެސް ފެންނަ ކަމަށާއި އަދި އޭނާ އަކީ މިހާރު އެ ބޭނުންކުރާ މީހެއް ނޫން ކަމަށް ވެސް އިކުލީލް ބުންޏެވެ. އެކަމަކު ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވީ ކާ ބޭހުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ބުންޏެވެ.
މީގެ ކުރިން 42 ފަހަރު ހައްޔަރުކޮށްފައިވާ އަބްދުﷲ ވެސް ބުނީ އޭނާ އަކީ ކޮންޓްރޯލްޑް ޑްރަގްސް ބޭނުންކުރާ މީހެއް ކަމަށާއި އެކަމުގެ ލިޔުން ވެސް އޮންނާނެ ކަމަށެވެ. އަދި ޑްރަގަށް ޕޮޒިޓިވީ ބޭހުން ކަމަށް އަބްދުﷲ ވެސް ބުންޏެވެ.
މި ދެ މީހުން ހާފްވޭ ހައުސްގައި ޑްރަގްސް ބޭނުން ނުކުރާ ކަމަށާއި މަސްތުވެގެން ތިބި ކަމަށް ބެލެވުނީ ކާންދޭ ބޭހަކުން ކަމަށް ބުނި ނަމަވެސް ފުލުހުން ކޯޓުގައި ބުނީ މައްސަލަ ހުށަހެޅީ ވެސް ހާފްވޭ ހައުސް ބަލަހައްޓާ އެންޑީއޭ އިން ކަމަށާއި އެއީ މި ދެ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ.
އެހެންވެ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ މި ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ!!
11 June 2025
ހުރިހާތަނެއް ކޮރަޕްޓްވުވުމުގެ ނަތީޖާ.
ދެބައިކުޅަގެ
11 June 2025
ހާފްވޭ ހައުސް ގަ ތިބެން ވާނީ ހާފް މަސްތުގަ! އެއީ ކޮޅަށް ނުހުރެވުނަސް އިށީނދެގެން ތިބެވޭ ވަރަށް. މައްސަލައަކަށް މިވީ ފުލް ކޮށް މަސްތުވެ ނުވެސް އިށީނދެވޭ ވަރުވީމަ!
ޢަލިއ
11 June 2025
ހއ ގަ އޮންނާނެ ބެރިންމަދޫ ކިޔާރަށެއް ތި އެންމެން އެރަށަށް ގެންގޮސް ބައިތިއްބަ ބަލަ ވާގޮތެއް ބަލަން. އެރަށަށް މީހަކު އެރިޔަނުދީ ވަށައިގެން ފެންނަގޮތަށް އެންޓަނާއެއްޖަހާ ކެމެރާ ހަރުކޮށްފަ ބަހައްޓަންވާނެ، ނިމުނީ
އަޝްރަފް ޝަރީފް
11 June 2025
ބޭކާރު ޓެކްސް ފައިސާ. ނަތީޖާ ސުމެއް. އައިސޮލޭޓް ވަކިން ހުރިރަށްރަށާށް ތިޔަމީހުން ފޮނުވާފަ، ސިނާއީ މަސައްކަތުގައި ބުރަކޮށް ގެންގުޅެންޖެހޭ. ޖަލުގައި ކާންދީފަ ތިއްބާކަށް ނެޖެހޭ. ތީ ބަލިބަޔެއްނޫން. ތީ ގަސްދުގައި ހަރާމްކަމަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާ ބައިގަނޑެއް.
ހާފެއްގެހާފް
11 June 2025
ޕާރޓޭސް ގެ ސްޓޯރީސް ތަކަށް ފޮތެއް ވެސް ލިޔެވޭނެ.
އައިމިނާ
11 June 2025
އެއްވެސް އިތުބާރެއް އޮންނަތަނެއް ނޫން.
ރަދީފްއޮފިޝަލް / ގުދަން
11 June 2025
ބަޑިބޭސް ގުދަނަކުން އަލިފާން ފެނުން ކަހަލަ ކަމެއް ދެއްތޮ!!! އިފް ޔޫ ނޯ ޔޫ ނޯ. ވ.ވެދުން
ހަމީދާ
11 June 2025
ތިތަނަކީ ތިކަމަށް އަޮންނަ ތަނެއް ތިތާގަ އުޅެ ކުދިން ފަރުވާ އަށް ވުރެ ބޮޑަށް ތިތަނުގެ ބޭނުން ހިފަނީ މަސްތުވާން ، ބަލަ ތިމީހުންނަށް ދޭން އޮންނަ އަދަބެއް ދީބަލަ
ޑރ ވާންޗޯ
11 June 2025
42 ފަހަރު ހައްޔަރުކުރާއިރުވެސް އަދިވެސް ރިހެބަށްތޯ ގެންދަންޖެހޭނީ؟. ކިހާވަރަކަށް ކިތައްފަހަރު މަސްތުވެގެންތިއްބާ ހައްޔަރުކުރީމަތޯ ކުއްވެރިވެގެން އަދަބެއް ކަނޑައެޅެނީ؟.
މަބުނީ
11 June 2025
އަޖައިބެކޭ. ޑިމާކުރަފީގައި އެއަށް ކިޔަނީ ބައްޔެކޯ. އެހެވެ ފަރުވާކުރަނީ. ފަރުވާ ކުރިވަރަކަށް ބަލިބޮޑުވަނީ. އަދަބު ކަނޑައަޅާނީ ކުށެއްނަމަތާ.
ޒިހާނިއޯ
11 June 2025
މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެއް. އެބޭނުންކުރުމަކީ ފާފަވެރިވާ އަދި ގާނޫނީ ގޮތުންވެސް ކުށެއް. މަސްތުވާތަކެއްޗަށް ދެވިހިފުމަކީ ނުރައްކާތެރި ބައްޔެއް. އެއީ މަސްތުވާތަކެތި ޙަރާމް ކުރެއްވުމުގެ އެއް ޙިކުމަތް. ދެވިހިފުމުގެ ބައްޔަށް ފަރުވާކުރުމަކީ މީހާ މަސްތުވުމުގެ ކުށުން ބަރީއަވުމަށް އޮންނަ ހުއްޖަތެއް ނޫން. މިވާހަކަ ކޮންމެވެސް ބަޔަކު އެބަޖެހޭ މިރާއްޖޭގެ ޕީޖީއާއި ކޯޓުތަކުގެ ގާޒީންނަށް ބުނެދޭން.!
ޜާގީ
11 June 2025
މަސްތުވުމުގެ މާނައަކީ ކޮބާ ބުއްދިފިލާ ދިޔުންތަ ފުރަތަމަ އޭގެ އަސްލުމާނަ ކިޔާލަ ދީބަލަ
ދަނޑުން
11 June 2025
ގާނޫނުތައް ވަރުގަދަ ކުރަންޖެހޭ.....
ގާނޫނު
11 June 2025
ގާނޫނު އެކަތައިން ނުވަތަ ދަގަޑުން ހެދިޔަސް އެއަށް "ފުރިހަމައަށް" އަމަލު ނުކުރާނަމަ މިހުރިހާ ކަމެއްވެސް ވާނެ.....