ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖުގެ އަޅުކަމަށް ދިޔަ މީހުން މިނާއަށް ދިއުމަށް ދަތުރު ކުރަނީ -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
11 ޖޫން 2025 - 12:48
ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ރޭ އިލްތިމާސްކޮށްފި އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވަނީ ހައްޖުގެ އަޅުކަމަށް ފަހު މީހުން އަނބުރާ އަންނައިރު، ތޮއްޖެހުން ކުޑަކޮށް، ރޯގާތައް ފެތުރުން ކުޑަކުރުމަށް މަދުން މީހުން ދިއުމަށް އެދިވަޑައިގެންފަ އެވެ.
ހައްޖުގެ އަޅުކަމަށް މި އަހަރު ރާއްޖެއިން 1،000 މީހުން ދިޔަ އެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން ހައްޖާޖީން ރާއްޖެ އަންނަން ފަށާނެ އެވެ.
ހަމްޒަތު ވިދާޅުވީ ހައްޖާއި އުމްރާގެ އަޅުކަން ނިންމުމަށް ފަހު މީހުން އަނބުރާ ރާއްޖެ އަންނަ ދުވަސްވަރާއި ވިއްސާރަ މޫސުމުގައި މަދިރި ގިނަވާތީ ރޯގާތައް އިތުރުވާ ކަމަށެވެ. އެއީ ޖޫން، ޖުލައި، އޮގަސްޓު އަދި ޑިސެމްބަރާއި ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
މި އަހަރު އެ ޓްރެންޑުގައި ބަދަލުތަކެއް އުޅެނީ، ހަމްޒަތު ވިދާޅުވި ގޮތުގައި، ބަންދުތައް ގިނަވެ، ދަތުރުކުރުން ގިނަވުމުން ކަމަށް ވެދާނެ ކަމަށެވެ. އެއާއެކު، އެކެއްގެ ފަރާތުން އަނެކަކަށް ރޯގާ ޖެހި، ބަލި ފެތުރިގެންދެ އެވެ.
އެހެންވެ، ހައްޖުވެރިން ބަލައި އެއާޕޯޓަށް ދާ ނަމަ މާސްކު އަޅައިގެން ދިއުމާއި ހައްޖުވެރިން އަންނައިރު ރޯގާގެ އަލާމާތެއް ހުރި ނަމަ މާސްކު އަޅަން ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އޭގެ އިތުރުން ހައްޖުން އަނބުރާ އަންނަތާ 14 ދުވަސްތެރޭގައި، ރޯގާއެއް ހުރި ނަމަ ޑޮކްޓަރަށް ދައްކައި ދަތުރުގެ ހިސްޓްރީ ކިޔައިދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވިދާޅުވީ ހައްޖުވެރިން އަންނައިރު އެއާޕޯޓު ފުރެންދެން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ތިބޭ އެއާޕޯޓުގައި ތިބޭ ކަމަށެވެ.
އެކަމަކު، ގިނަ މީހުން ބަލި ޖައްސަން އެއާޕޯޓުގައި ތިބުމަށްވުރެ މަދު ބަޔަކު ދިއުން ވަރަށް މުހިއްމުކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.
އޭނާ ވަނީ ހައްޖުވެރިން އެނބުރި އައުމަށް ފަހު، ބޮޑެތި އެއްވުންތައް ދެ ހަފުތާ ވަންދެން ނުބޭއްވުމަށް އިލްތިމާސްކުރައްވައިފަ އެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އެދިވަޑައިގެންނެވި އެވެ.
ރޯގާގެ އަލާމާތެއް ހުރިހަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ފުރަތަމަ ވެސް ގޭގައި ޕެނެޑޯލް ކައިގެން ހުން ތިރިވޭތޯ ބެލުމަށް އިޔާޒު ލަފާދެއްވި އެވެ. އަދި ހޮސްޕިޓަލަށް ދާނީ، އޭނާ ވިދާޅުވި ގޮތުގައި ގޭގައި ކުދިން ނުބެލޭ ވަރަށް ހުން ގޯސް ކަމަށް ގަބޫލުކުރެވޭނަމަ އެވެ. އެ ހާލަތުގައި ވީހާ ވެސް އަވަހަށް ފަރުވާ ހޯދަން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިތުރައްވެސް
12 June 2025
އިތުރަށްވެސް ފިޔަވަޅު އަޅަންޖެހޭ. ބަލާ ނުދިޔެއެއްކަމަކު އަންނަބަޔަކު އައިސް ތޮއްޖެހިފަ އޮތްމާލެގެ ޓެކްސީތަކުގައާއި ބަހުގަ ދަތުރުކޮށް ވެކުސިން ނުޖަހާ ތިބި އެތައްބަޔަކަށް ރޯގާފެތުރުމުގެ ފުރުސަތު ވަރަށްބޮޑު. އަދި މިއުޅެނީ ސުކޫލް ބަންދު ރޯގާއިން ސަލާމަތްނުވެ. އިންސާނީ ހައްގަކީ ހަމައެކަނި އެ 1000 މީހުންގެ އެކަނި ހައްގެއްނޫން.
ކަލީމާ
12 June 2025
ނޫން! ނޫން! ދާންވާނެ! ކޮންމެ ރައްޔިތެެއްވެސް ބޭނުން ވާކަމެއް މިހިނދުން މިހިނދަށް ކުރެވެންޖެހޭނެ! ހެޔޮ މީހުންގެ ސިއްހަތަށް ގެއްލުންވިޔަސް (މިސާލަކަށް މަގުމަތީގަ ސިނގިރޭޓް ބޯ މީހުން) އަދި އާއިލާގެ އަދި ދައުލަތުގެ ދަރަނި ކިތަންމެ ބޮޑުވިޔަސް! މިގައުމުގެ މައިންބަފައިން އަދި ދައުލަތުގެ ވެރިންގެ ހަރުދަނާކަމެއް ނެތި ގައުމު އިސްލާހް ނުކުރެވޭނެ! އަދި އެއްފަހަރު މިފްކޯއިން މަސްކޭސް ބަހާލާ! ސިނގިރޭޓް ތުއްތު ކުދީންކައިރީގަ ބޯލާ ބޯހަލާކު
ދެރަސޮރު
11 June 2025
ކޯޕަރޭޝަނަށް ފައިސާ ދައްކާއިރު، ވަކި އަހަރެއްގެ ކިއު އަށް އަރުވަނީ އަހަރަކު 500 ކޯޓާ ކޯޕަރޭޝަނަށް ލިބޭކަމަށް ބަލައިގެން، އެކަމަކު 1000 ކޯޓާލިބުމުން ވެސް ކުރިން ފައިސާ ދައްކާފަ ކިއު އަށް އަރާފަ ތިބި މީހުންގެ ތެރޭން އަރަރު އަވަސް ވާގޮތެއް ނޯވޭ ކޯޕަރޭޝަނަށް އިތުރަށް ލިބޭ 500 ގެންދަނީ ސިޔާސީ ވެރިން އަންގާ ބަޔަކު ޚާއްސަކޮށް އެމީހުންގެ ގާތް މީހުން، މި ގޮތަށް އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެ ހައްޖަށް ދިއުން އޯކޭ ވެއްޖެ ؟؟؟
ރަދީފްއޮފިޝަލް / އޮބިއެޅުވުން
11 June 2025
އަހަރުމެން ދާނަން.ތިހެން ލިމިޓްކުރުވަން ވާހަކަ ނުދެއްކޭނެ.
ކިމް
11 June 2025
ހައްޖު އުމްރާއިން އަންނަ މީހުން ދުވަސްކޮޅަކަށް ކަރަންޓީންކުރުން ކިހެނެއްވާނީ؟
ކާރޑޭޝިއަން
11 June 2025
ތިޔައީ އިންސާނީ ހައްގުތަކަށް އަރައިގަތުން