އެއާ އިންޑިއާގެ ބޯޓެއް އޭޕްރަންގައި: އިއްޔެ އާއި މިއަދު އެ އެއާލައިނުގެ ދެ ބޯޓަކަށް މައްސަލަ ކުރިމަތިވި
17 ޖޫން 2025 - 10:29
އެއާ އިންޑިއާގެ އިތުރު ދެ މަތިންދާބޯޓަކަށް ވެސް އިއްޔެ އާއި މިއަދު މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.
މިއަދު މައްސަލަ ކުރިމަތިވީ އެމެރިކާގެ ސެންފްރެންސެސްކޯ އިން ފުރައިގެން އިންޑިއާގެ މުމްބާއީ އަށް ދަތުރު ކުރި އެއާ އިންޑިއާގެ "އޭ1180" ފްލައިޓަށެވެ.
މުމްބާއީ އަށް ދަތުރުކުރުމުގެ މަރުހަލާގައި ކޮލްކަތާ އަށް އެ ބޯޓު ޓްރާންސިޓްގައި މަޑުކުރި އެވެ. ބޯޓް ކޮލްކަތާގެ އެއާޕޯޓަށް ޖެއްސީ ރޭ ދަންވަރު 12:45 ގަ އެވެ.
އެ ދަތުރުގައި ސެންފްރެންސެސްކޯ އެއާޕޯޓުން ނައްޓާލުމުގެ ކުރިން ވެސް އެ ބޯޓުގެ އެއް އިންޖީނަށް މައްސަލައެއް ކުރިމަތިވި އެވެ. އޭގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިއަށް ފުރޭ ގޮތެއް ނުވި އެވެ.
އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ ސެންފްރެންސެސްކޯ އެއާޕޯޓުން ނައްޓާލުމުގެ ކުރިން މައްސަލަ ޖެހުނީ ބޯޓްގެ ވާތް ފަރާތު އިންޖީނަށް ކަމަށެވެ. އަދި ބޯޓް ފުރުން ލަސްވި ނަމަވެސް ކަނޑައެޅިފައިވާ ގަޑިއަށް ކަލްކަތާ އެއާޕޯޓަށް ޖެއްސި އެވެ.
މުމްބާއީ އަށް ދަތުރު ފަށަން ތައްޔާރުވެފައި ވަނިކޮށް މިއަދު ހެނދުނު ބޯޓްގެ ޕައިލެޓް އިއުލާންކުރީ ޕަސިންޖަރުންގެ ސަލާމަތަށްޓަކައި މުމްބާއީގެ ދަތުރު ކެންސަލް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ބޯޓްގެ އިންޖީނަކަށް މައްސަލަ ކުރިމަތިވެފައިވާކަން ދަތުރުވެރިންނަށް ސާފުކޮށް ދިނުމުން ފަތިހު 5:20 ހާއިރު ޕަސިންޖަރުން ކަލްކަތާ އެއާޕޯޓަށް ފޭބި އެވެ.
އެ ފްލައިޓް މިހާރު އޮތީ އިންސްޕެކްޝަނަށް އެޕްރޮންގައި ޕާކް ކޮށްފަ އެވެ.
އެއާ އިންޑިއާގެ ދެ ބޯޓަކަށް އިއްޔެ ވެސް މައްސަލަ ކުރިމަތިވި އެވެ. އެންމެ ފުރަތަމަ މައްސަލަ ކުރިމަތިވީ ހޮންކޮންގް އިން ފުރައިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަށް ދަތުރު ކުރި ފްލައިޓަށެވެ. އެ ބޯޓް ހޮންކޮންގް އެއާޕޯޓުން ނައްޓާލިތާ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން އަލުން އަނބުރައި އެ އެއާޕޯޓަށް ޖެއްސީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވުމުންނެވެ.
އިއްޔެ ދެވަނަ މައްސަލައެއް ކުރިމަތިވި އެއާ އިންޑިއާގެ ޑޮމެސްޓިކް ފްލައިޓަކަށެވެ. ނިއުދިއްލީން އިންޑިއާގެ އިރުމަތީ ސަރަހައްދުގެ ސިޓީ ރަންޗީ އަށް އިއްޔެ ދަތުރު ފެށި އެ ބޯޓް ނައްޓާލި ފަހުން ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ އަލުން އަނބުރާ ދިއްލީ އެއާޕޯޓަށް ޖެއްސި އެވެ.
އެކަމަކު ފަހުން މައްސަލަ ހައްލުކޮށް އެ ބޯޓްގެ ދަތުރުތައް ފެށި އެވެ.
އެއާ އިންޑިއާގެ ބޯޓްތަކަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވިއިރު މިދިޔަ ބުރާސްފަތި ދުވަހު އެއާ އިންޑިއާގެ ބޯޓެއް ވެއްޓި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އިންޑިއާގެ އަހްމަދުއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރު ފެށި އެ ބޯޓު ދަތުރު ފެށިތާ އިރުކޮޅެއް ނުވެ، ބޯޓު ވެއްޓި، އެ ބޯޓުން ދަތުރު ކުރި އެންމެ މީހެއް ފިޔަވައި ހުރިހާ އެންމެން ވަނީ މަރުވެފަ އެވެ.
ބޯޓް ވެއްޓުނީ ޑޮކްޓަރުން ދިރިއުޅޭ ހޮސްޓެލް އިމާރާތެއްގެ މައްޗަށެވެ. އެ ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ މިހާތަނަށް 270 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުބްލާ2025
17 June 2025
މިއީ އެހެން އެއާލައިންތަކަށް ވެސް ދިމާވާ ކަންކަން. އެއަރ އިންޑިއާ ފްލައިޓެއް ކްރޭޝްވިއޭ ކިޔާފަ މިކަހަލަ ކުދިކުދި ކަންކަމާގުޅޭ އާޓިކަލް ޖަހަންޏާ އެހެން ހުރިހާ އެއާލައިންތަކަށް ދިމާވާ ޑިލޭތަކުގެ ހަބަރުވެސް ދުވަހުން ދުވަހަށް ޖަހަންވީ. މޯލްޑިވިއަންގެ ކިތައް ފްލައިޓް ދުވާލަކު ޑިލޭވޭ؟
ހަބީބާ
17 June 2025
މޯލްޑިވިއަންގެ ފްލައިޓްތަށް ޑިލޭވަނީ އިންޖީނުގެ ނުވަތަ ބޯޓުގެ މައްސަލަތަކަކުންނޫން. ހިންގުންތެރިކަން ނެތީމަ. އެއާއިންޑިއާގެ މެއިންޓެނެންސް އަދި ބޯޓުތަކުގެ ބާކަމުން އަބަދު މައްސަލަދިމާވެ ދިމާވެ