17 ޖޫން 2025 - 16:31
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މިއަދު ގަރާރެއް ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ބުނީ، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އަދި ރާއްޖޭގެ ކުރިމަގު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އިޔާދަ ކުރުމުގެ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުން ކަމަށެވެ. އެހެންވެ، ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލް ކުރުމަށް އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް ގަރާރުގައި ވެ އެވެ.
މިއަދުގެ ބައްދަލުވުމުގައި 46 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއިރު އެމްޑީޕީއާ ގުޅެން ދެކޮޅު ހެއްދެވީ ހައެއްކަ މެމްބަރުންނެވެ.
ނަޝީދާއި ޑިމޮކްރެޓްސްގެ އެހެން މެމްބަރުން އަލުން އެމްޑީޕީ އަށް ސޮއިކުރައްވަން ގަރާރެއް ފާސްކުރި ނަމަވެސް ޑިމޮކްރެޓްސް ޕާޓީ ދެމިއޮންނާނެ ކަމަށް އެ ޕާޓީގެ އިސްބޭފުޅުން ވިދާޅުވެ އެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކާ ގުޅިގެން ޖުލައި 12، 2023 ގައި އުފެއްދި ޑިމޮކްރެޓްސް ޕާޓީ އުވައިލަން މިއަދު ގަރާރެއް ފާސްކުރިއިރު، ނަޝީދު އިއްޔެ ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ބައްދަލުކުރައްވައިފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތުމުގެ ޝައުގުވެރިން ނަޝީދު ފާޅުކުރައްވަމުން ގެންދަވާ މި ދަނޑިވަަޅުގައި އެ މަނިކުފާނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ފައްޔާޒު ވިދާޅުވީ، ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކުރެއްވި ކަމަށެވެ.
"ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީ ރޫޅާލާނަން. ރޫޅާނާލާން. ތި ކެޔޮގަނޑުގެ ފޫ ވައް ވެއްޓިއްޖެ. ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން،"--- ނަޝީދު ޑިމޮކްރެޓްސް އަށް ސޮއިކުރައްވަން ޖުލައި 13، 2023 ގައި ބޭއްވި ޖަލްސާގައި ވިދާޅުވި.
އެމްޑީޕީގެ ލީޑަޝިޕާއި ގިނަ މެމްބަރުން ވެސް ދެކޭގޮތުގައި 2023 ގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ގެއްލުނު މައިގަނޑު ސަބަބަކީ އޭރުގެ ރައީސް އިބޫ އާއި ނަޝީދާ ދެމެދު އުފެދުނު ހަމަނުޖެހުންތަކާ އެކު، ނަޝީދު ޑިމޮކްރެޓްސް ޕާޓީ އުފައްވައި އެ ޕާޓީން ވެސް އިންތިހާބަށް ނުކުތުމެވެ.
ޑިމޮކްރެޓްސް ޕާޓީ އަށް ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ސޮއިކުރެއްވީ ވެސް އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައި ވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލާއްވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެއްދުމުގެ މައިގަނޑު އަމާޒަކަށްވީ ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެ ތެރެއިން ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުން ކަމަށެވެ.
އެކަމަކު އެ އުސޫލުތައް އެމްޑީޕީން ގެއްލުވައިލުމުން، ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސް އުފައްދަވަން މަޖުބޫރުވި އެ ހަމަތައް ހިފެހެއްޓުމަށްޓަކައި ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.
"އެމްޑީޕީ ރޫޅާލާނަން. ރޫޅާނާލާން. ތި ކެޔޮގަނޑުގެ ފޫ ވައް ވެއްޓިއްޖެ. ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން،" ނަޝީދު އެމްޑީޕީ އަށް ދެއްވި އިންޒާރުގެ ވާހަކަފުޅުގައި ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
18 June 2025
ނަޝީދަކީ ވެރިކަމާ ހެދި މޮޔަވެފައި ހުރި މީހެއް. ޑިމޮކްރަސީގެ ނަންބޯޑު ޖަހައިގެން ޚުދުމުޚުތާރު ވިސްނުމުގެ މީހެއް. މީހުން ހައްލާލާ ބޯކާލަން ވަރަށް މޮޅުވާނެ. މީނާ ވެރިކަންކުރި ގޮތާއި ދީނަށްކުރި ފުރައްސާރައާއި ރާއްޖޭގެ ހަރުމުދާތައް ބޭރުގެ ކުންފުނިތަކަށް އެތަށް މީހުންނެއް ވަޒީފާއިން ވަކިކޮށް، ރާއްޖޭން ބޭރުގައި ކިޔަވާކުދިންނަށް ދޭންޖެހޭ ލާރިކޮޅު ކަނޑާލައި... މިހެން އެތަށް ޖަރީމާއެއް ގައުމާ ދެކޮޅާށް ހިންގާ ހެދި. މިއަދު ދިވެހިންނާށް ހަމަ އޯކޭ
އަސްލު......
18 June 2025
ލަދެއްހަޔާތެއް ނެތްބައެއް ނުލިބޭނެ ނުދޭނަން ވޯޓެއް....
ގޭމްބޯއި
18 June 2025
ތިއީ ކޮންމެހެން ކައުންސިލު އިންތިހާބު ކާމިޔާބުކުރާކަށް ނޫން. ކޮންމެވެސް މަޅިއެއްޖަހައިގެން ރިޔާސީ ޕުރައިމަރީގެ ޓިކެޓު ދަމައިގަންނަންވެގެން. ތިއީ ނިމިދިޔަ ދެއިންތިހާބުގައިވެސް އެޕާޓީއަށް އެތައްގެއްލުމެއް ދިންބައެއް. އަދި ޕާޓީގެ މައިޖަގަހަވެސް ފޭރިގަނެ މަގުމަތިކޮށްލި ބައެއް. އަމިއްލައެދުމުން ފޯވެފައިތިބި މިފަދަބައެއްގެ ފުށުން ޕާޓީ ސަލާމަތްކުރުމަށް ފަރުދީޒިންމާ އަދާކުރަމާ.
ހަސަން ސިނާދު
18 June 2025
އުވިފައި އޮތް ބަޔެއް. ނެތް ޝައުގެއް.
ސިފަތުﷲ ހަސީބް
18 June 2025
މިއޮތީ ރޫޅާލާފައި. ލަދު
މިނޫންގޮތެއް
18 June 2025
mihaaru މިމީހުން ބޭނުންވީމަ ބޭނުން ގޮތަކަށް.
ކަމެކޭދޯ
18 June 2025
މީ ވަރަށް ނުރައްކާތެރި ގުޅުމެކޭ މިގުޅުމުގެ ސަބަބުން މިގައުމުގެ މިނިވަންކަން ގެއްލި އިންޑިއާގެ ދެވަނަ ކަޝްމީރަށް ރާއްޖެ ބަދަލުވުމުގެ ބިރު އެބައޮތޭ މާލެ ވިލިގިލި ބްރިޖް ވެސް ނުނިމިގެން އުޅެނީ އެކަމަށް ކުފޫ ހަމަނުވާ އިންޑިއާ އަށް އެކަން ބޮޑު އަގުގައި ކުރާގޮތަށް ދީގެންނޭ މުއިއްޒު ވެސް ބަދަލުވެފައި ވަނީ އިންޑިއާގެ ޕަޕެޓަކަށޭ މިކަމުގައި ރައީސް ޔާންޓޭ އާއި އުމަރު ނަސީރު ގުޅުން މީ މިގައުމު މިނިވަން ކަން މަތީ އަބަދަށް އޮންނާން ބޭނުން ނަމަ ކުރަން ޖެހޭނެ
ކުރަގިދެލޯ
18 June 2025
ގުޅުމުގެ އެންމެމުހިންމު އެއްބޭނުމަކީ ދެބައިމީހުންވެސް ހާވާފައިހުރި ހަޑީއަދި ކެވިފައިހުރި މިންވަރު ދިވެހި ނިކަމެތި ރައްޔިތުންނަށް ފޮރުވުން
އަލި
18 June 2025
ލަދުހަޔާތަކީ ސިޔާސީ ކަންކަމުގައި ވެސް އޮންނަންޖެހޭ އެއްޗެކެވެ. އެމްޑީޕީ އަށް ގެއްލުންދޭނެ ކަމަށް ބުނި ބަޔަކު އުނބައްޖެހުމަކީ ލަދުގަންނަންޖެހޭ ކަމެކެވެ. އަދި އެމްޑީޕީ އާއި ނުލައި ތިމާމެންކުރި ސިޔާސީ މަސައްކަތް ރައްޔިތުން ބަލައިނުގަތުމުން ދޭހަވަނީ ތިޔައީ އޮއްޓަރެއްނެތް ޕޯޑިއަމް ތަކުގައި އަޑުގަދަކުރަން ފައްކާ ބައިގަނޑެއް ކަމެވެ.
ތައްހާނު..
18 June 2025
ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާ… ރޫޅާ .. އެއްކޮށްލާނަން، އެއްކޮށްލާނަން، އެއްކޮށްލާނަން