ސްރީ ލަންކާގައި ހުންނަ އީސޮފްޓް ކޮލެޖެއް--
18 ޖޫން 2025 - 11:45
ސްރީ ލަންކާގައި މަތީ ތައުލީމުދޭ ބައެއް ކޮލެޖް/ޔުނިވާސިޓީތައް ސަސްޕެންްޑްކޮށްފައިވާތީ އެތަންތަނުގައި، ކިޔެވުން ނުފެށުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެދިއްޖެ އެވެ.
އެމްކިޔުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލަންކާއަށް ކިޔަވަންދާ ދަރިވަރުން ސަމާލުވާން އިލްތިމާސްކުރައްވައި އެމްކިޔުއޭގެ ބަޔާނެއް ހިއްސާކުރައްވައިފަ އެވެ.
އެ ބަޔާނުގައި ބުނީ ސްރީ ލަންކާގެ ޓިވެކްގައި ރަޖިސްޓްރީކޮށްފައިވާ މަތީތައުލީމުދޭ ބައެއް މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްޕަސްތައް ހިމެނޭ ކަމަށް ވެސް ބުންޏެވެ.
އެ ތަންތަނުގައި ކިޔަވަމުން އަންނަ ދަރިވަރުން ވީ އެންމެ އަވަހަކަށް އެ އޮތޯރިޓީއަށް އީމެއިލް ([email protected]) މެދުވެރިކޮށް އަންގަން ވަނީ އެދިފަ އެވެ. އަދި އެ ތަންތަނުގައި ކިޔެވުން ނުފެށުމަށް ވެސް އެ އެމްކިޔުއޭ އިން ވަނީ އެދިފަ އެވެ.
އެމްކިޔުއޭ އިން އިއްޔެ ވަނީ، ކިޔަވަން ބޭރަށް ދާ ބައެއް ދަރިވަރުން އެމްކިއުއޭގެ މުހިއްމު އެއް ލިޔުން ކަމުގައިވާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ނުހޯދާ ކަން ފާހަގަކޮށް ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ އެ ލިޔެކިޔުން ނުހޯދުމުގެ ސަބަބުން، ދަރިވަރުން ކިޔަވައި ނިމިގެން އައިސް ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން ކިޔެވި މަރުކަޒަކީ އެމްކިއުއޭ ގަބޫލުކުރާ މަރުކަޒަކަށް ނުވުމުން އުސޫލުގެ ތެރެއިން ސަނަދު ވެލިޑޭޓް ނުކުރެވޭ ކަމަށެވެ.
"މި ލިޔުން ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީ އެމްކިއުއޭ އިން ގަބޫލުކުރާ މަރުކަޒެއް ކަމާއި، އެ ކިޔަވާ ޕްރޮގްރާމަކީ އެމްއެންކިއުއޭ އަށް ފެތޭ ޕްރޮގްރާމެއް ކަން ބެލުމާއި މީގެ އިތުރުން، އެ މަރުކަޒަކީ އެ ގައުމެއްގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން ގަބޫލުކުރާ މަރުކަޒެއްކަމާއި އެ މަރުކަޒުގައި އެ ޕްރޮގްރާމް ރަޖިސްޓްރީކޮށްފައިވާ ކަން ކަށަވަރު ކުރުމެވެ،" އެމްކިޔުއޭ އިން ބުންޏެވެ.
އެކަން ކަށަވަރުނުކޮށް ސަނަދެއް ހާސިލްކޮށް، ވެލިޑޭޓް ކުރުމަށް އެމްކިއުއޭ އަށް ހުށަހެޅި ނަމަވެސް އެ ކިޔެވި މަރުކަޒަކީ އެމްކިއުއޭ އިން ގަބޫލުކުރާ މަރުކަޒަކަށް ނުވާނަމަ އެކަމުގެ ސަބަބުން ދަރިވަރަށް ލިބޭ ގެއްލުމުގެ ޒިންމާ އެމްކިޔުއޭ އިން ނުނަގާނެ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުބުނާ
18 June 2025
ތީ އުވާލަން ޖެހިފައި ހުރި ސަރުކާރުގެ ވެރިން ގަންނަ ސެޓްފިކެޓްތަށް އެކްރިޑިޓް ކުރަން ހަދާފައި ހުރި ތަނެއް!
ބޮޑުބެގެ ބެއްޔާ
18 June 2025
ރާއްޖޭގަވެސް ފެންވަރުދަށް އެތައް ކޮލެޖެއް ހިންގާ. އުވާލަންވީ ހަމަ. ހުންނާނެ ބަންގާޅު މީހަކު ހިންގާ ކޮލެޖެއްވެސް. ހުސް ވިޔަފާރި.
އިބުރާ
18 June 2025
ތިޔަ ތަނަކުން ރިކޮގްނައިޒް ކޮށްގެން ކޯސް ނިންމާފައި އަންނަ ފަހުން އެބަބުނޭ، ކަލޯ ގަޔާއޭ މިހާރު ތިތަނެއް ބަލައެއް ނުގަންނަމޭ. ދެނޯ.
ހުރުމުޒް
18 June 2025
އަބޫ ޖަހުލު ކައިރިން ވިޔަސް 1+1 ކީ 2 ކަން ދަސްވެއްޖިއްޔާ އެވާނީ ހަމަ ސައްހަ އެއްޗަކަށް ދޯ
ބޮޗޭ
18 June 2025
މިރާއްޖޭގައި ވެސް އެބަ ހުރި ތިކަހަލަ ކިތަންމެ ތަނެއް.
އަންގާލާނަމަދޯ
18 June 2025
ދަރިވަރުންނަށް ކިޔަވައިދޭ ހުރިހާ އެއްޗެއް ކިޔަވައިދެނީ އެޑިއުކޭޝަނުން ފާސްކޮށްގެން، ބައެއް ފޮތްތައް ލިޔަނީ ވެސް އެޑިއުކޭޝަނުން. އެހެންވީއިރު ދަރިވަރުން 10 ނޫނީ 12 ނިމުމުގެ ކުރިން ކޯސްތަކަށް އެޕްލައި ކުރާނެ ގޮތުގެ ދެތިން ފިލާވަޅެއް ހިމަނާލާނަމަ، ތިކަންކަމެއް ދިމާނުވާނެ.
ކޮވެލި
18 June 2025
ވަގު ސެޓްފިކެޓް ގެ މައްސަލަ ވަރަށް ބޮޑު. އަޅަންވީ ފިޔަވަޅެއް ކުރަންވީ ކަމެއް ސަރުކާރަށް އެނގޭ ހެނެއް ހިއެއް ނުވޭ. ދޮގުހެކިދޭ މަޖިލީސް މެމްބަރުން އުޅޭ ގައުމެއްގައި ކަންކަން ރަނގަޅުވާނީ ކިހިނެއް
އިބްރާހިމް އަލީ125
18 June 2025
https://nvq.gov.lk/Insreg_Home/Insreg_Institute_Select_Search_Results.php?prv=&dist=&gsd=&srch=1&own=&ins=&pnum=&ind=&coun=&sort=REG&sr_status=Suspended#:~:text=Temporary%20Suspended%20(Course%20durations%20are,not%20complied%20with%20TVEC%20guidelines.%20) މިހިރީ އަސްްލު މަސްދަރު. ސަސްޕެންޑް ކުރީ ސެޓްފިކެޓް ވިއެްކާތީވެ!
ސަރީފާއްތަ
18 June 2025
ރަގަޅު ފިޔަވަޅެއް. ތި ލަންކާމީހުންގެ އުދަގޫ ވަރަށް މައްޗަށް ހިގައްޖެއް. އެމީހުންނަށް ރަގަޅަށް ދިވެހިން އެގި މިގައުމުގައި ވަކި ހިއްޕާލައިފި އަދި ނުވީތާކަށް ދިވެހިންނަށް އޮޅުވައިލައިގެން ކޯސްތަކުގައި ބައިވެރިކުރުވާ ފެންވަރެއް ނެތް އެތެއް ސެޓްފިކެޓެއް ވިއްކާ ހެދިއިރު ކުރީ ސަރުކާރުން އޮތީ އަޅާނުލާ.މިސަރުކާރު ގެ ތި ނިއްމުން ވަރަށް ރަގަޅު.
ބިއްލޫރިޓަނަލް
18 June 2025
ލަންކާގަ އުޅޭ މައްސަލަ ހުންނަތަން. އެތަންތަން ރަނގަޅޭ ސަރުކާރުން ނުބުނޭ. ރާއްޖޭގައި މައްސަލައަކީ ދެކޮޓަރި އާ 2 މުވައްޒަފުން ތިބޭތަންތަނުގައިވެސް ޑިގްރީއާ މާސްޓަރސް ހިންގަން ހުއްދަ ދިނުން. އެމްކިއުއޭ އަކީ ދަތެއް ހުރި ތަނެއް ނޫން.