އެފްއޭއެމުން މާޗް މަހު ބޭއްވި ކޮންގްރެސްގައި: އެ އެސޯސިއޭޝަނުން އަމަލު ކުރަމުންދާ އުސޫލު އަސާސީ ގަވާއިދުގައި ނެތް --- ފޮޓޯ: ފަޔާޒު މޫސާ
19 ޖޫން 2025 - 15:21
އެފްއޭއެމްގެ މެންބަރުކަން ދިނުމުގައި، އެ އެ އިދާރާއިން މިހާރު އަމަލު ކުރާ އުސޫލު އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގައި ހިމަނަން ފީފާއިން ހިޔާލު ހުށަހަޅައިފި އެވެ.
ފީފާގެ ނޯމަލައިޒޭޝަން ހާލަތުގައި އޮތް އެސޯސިއޭޝަންގެ އަސާސީ ގަވާއިދަށް ފީފާއިން ވެސް ވަނީ ޑްރާފްޓްތަކެއް ހުށަހަޅައިފަ އެވެ.
އޭގެ އިތުރުން "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަސާސީ ގަވާއިދު އިސްލާހު ކުރުމާ ގުޅޭގޮތުން ފީފާގެ އެކި ފެންވަރުގެ ވެރިން ވަނީ އެފްއޭއެމްގެ މިހާރުގެ ވެރިންނާ ވެސް ވާހަކަ ދައްކައިފަ އެވެ.
އެ އެސޯސިއޭޝަންގެ މަންބަރުކަށް ވެވޭނެ ވަކި އުސޫލެއް އެފްއޭއެމްގެ އެތެރޭގައި ކަނޑައަޅާފައި އޮވެ އެވެ.
އެ އުސޫލުގައި ބުނެފައި ވަނީ އެފްއޭއެމްގެ މެންބަރުކަން ލިބޭނީ މެދުނުކެނޑި ފަސް އަހަރު އެ އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގައި ވާދަކުރުމަށް ފަހު، މެންބަރުކަން ހޯދަން އެ ކްލަބަކުން އެދި ހުށަހަޅައި ކޮންގްރެސް އަށް އެ ހުށަހެޅުން ގެނެސް ފާސް ކުރުމުންނެވެ.
އެކަމަކު އެ އުސޫލު، މިހާރު އަމަލުކުރަމުންދާ އަސާސީ ގަވާއިދަކު ނެތެވެ.
އެ އުސޫލުގައި ބުނާ ފަސް އަހަރުގެ މުއްދަތު ތިން އަހަރަށް ކުޑަ ކުރުމަށް ހުށަހެޅުމުގެ ވިސްނުންތަކެއް ބައެއް ފަރާތްތަކުން ގެންގުޅެ އެވެ.
މެންބަރުކަން ދިނުމުގެ އަމަލު ކުރާނެ އެހެން ހަމަތަކެއް އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގައި ބުނެފައި އެބައޮތެވެ. އެކަމަކު އެ އުސޫލުތަކަށް އަމަލުނުކޮށް އެފްއޭއެމުން މިހާތަނަށް އަމަލުކޮށްފައި ވަނީ ކުރިން ފާހަގަ ކުރި އުސޫލަށެވެ.
އެފްއޭއެމުގެ ކުރީގެ ލީޑާޝިޕުން އަސާސީ ގަވާއިދަށް އަމަލު ނުކުރާ މައްސަލަ ބައެއް ފަރާތްތަކުން ފެންމަތި ކުރި އެވެ. އަދި މިހާރު އޮތް ނޯމަލައިޒޭޝަން ކޮމިޓީން ވެސް އަސާސީ ގަވާއިދަށް އަމަލު ކުރަމުން ނުދާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ނޯމަލައިޒޭޝަން ކޮމިޓީ އަށް ފާޑުކިޔަމުންނެވެ.
އެފްއޭއެމް އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ބާއްވާ ކޮންގްރެސް މި މަހު 27 ގައި ބޭއްވުމަށް ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy