ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ހިއްކަނީ: އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ހިއްކި ބިމުގެ އަގަށްވާ 1.6 މިލިއަން ޑޮަލަރު ދައްކަން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
19 ޖޫން 2025 - 16:50
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ހިއްކި 10 ހެކްޓަރުގެ ބިން ހިއްކުމުގެ އަގަށްވާ 1.6 މިލިއަން ޑޮލަރު (24 މިލިއަން ރުފިޔާ) އެމްޓީސީސީ އަށް ދެއްކުމަށް އެ މަސައްކަތާ ހަވާލުވި ބޭރުގެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރަސްމާލެ ނަމުގައި ތަރައްގީކުރާ ކ. ފުށިދިއްގަރު ފަޅުން ބިން ހިއްކުމަށް ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީސީ) އާ ހަވާލުކޮށްގެން ޑިސެމްބަރު، 2023 ގައި ފެށި އެ މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކީ އެމްޓީސީސީންނެވެ.
ސީއެމްސީސީސީއާ އާއި އެމްޓީސީސީއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން އެ މަސައްކަތުގެ އަގަށްވާ 1.6 މިލިއަން ޑޮލަރު ސީއެމްސީސީސީން ނުދައްކާތީ އެމްޓީސީސީން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ސީއެމްސީސީން އެއްބަސްވެފައިވާތީ އެއީ ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ.
އެހެންވެ، މިއަދުން ފެށިގެން އެއް މަސް ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށް ހުކުމުގައި އަންގާފައި ވެ އެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އޭރު ސަރުކާރުން ބުނެފައިވަނީ 8 މަސް ތެރޭގައި އެ ތަން އެއްކޮށް ހިއްކައި، ނިމޭނެ ކަމަށެވެ. އެޗްޑީސީން އެންމެ ފަހުން ހާމަކުރި ގޮތުން ނަމަ މިދިޔަ އޭޕްރީލް 13 ވަނަ ދުވަހާ ހަމައަށް ހިއްކައި ނިމުނީ 100 ހެކްޓަރުގެ ބިމެވެ. އެއީ ހުޅުމާލެ 1 ގެ ދެބައިކުޅަ އެއްބަޔަަށް ވުރެ ބޮޑު ސަރަހައްދެކެވެ.
ސީއެމްސީސީސީއާ ހަވާލުކޮށްގެން ސައިޓް ޖޭގެ 29 ހެކްޓަރުގެ ބިން އަދި އެމްއެމް އެކްސްޕޯޓާ ހަވާލު ކޮށްފައިވާ ސައިޓް ޑީ، އެފް، ޖީ، އަދި އެލްގެ ޖުމްލަ 378 ހެކްޓަރުގެ ތެރެއިން 72 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެޗްޑީސީން މިދިޔަ އޭޕްރީލް މަހު ވަނީ ބުނެފަ އެވެ.
ފުށިދިއްގަރުފަޅު ތަރައްގީ ކުރަނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތް ކުރުމަށް މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރުގެ އުސްމިނަށެވެ. އެއީ ހުޅުމާލެ އަށްވުރެ 0.5 މީޓަރު އުހެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެ ތަރައްގީކޮށް އެ ތަނުން 11،000 ގޯއްޗާއި 26،000 އަށް ވުރެ ގިނަ ފްލެޓު ދޫކުރާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އެއީ 240،000 އަށް ވުރެ ބޮޑު އާބާދީއަކަށެވެ. ގެދޮރުވެރިކަމުގެ އިތުރުން ވިޔަފާރިތަކާއި އިންޑަސްޓްރިއަލް އެކި ބޭނުންތައް އަދި ޓޫރިޒަމްގެ ތަރައްގީއަށް އެކި މަސައްކަތް ކުރާނެ އެވެ.
ކ. ފުށިއްގަރުފަޅު، "ރަސް-މާލެ"ގެ ނަމުގައި ތަރައްގީކުރަން، ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފެށީ ޑިސެމްބަރު 18، 2023 ގަ އެވެ. އެކަމަކު، ތަފާތު ދަތިތައް ދިމާވެ، އެންމެ އެކަށީގެންވާ ސްޕީޑުގައި އެ މަސައްކަތް ކުރިއަށް ނުގެންދެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސް
19 June 2025
ކޮންތާކު ތި ޖެހުނީ، އިބޫ ވެސް ވަކިވަރެއް ގިރާވަރު ފަޅުން ވެސް ހިއްކާފަ އޮތީ ވެރިކަން ބަދަލްވި އިރު، އެކަން ކުރިއަށް ނުގެންގޮސް ލައްކާ ބަޔަކާ ގުޅިގެން މަޖިލިސް އިންތިހާބަށް ގަތް ގަޑެއް ތީ.
ސުވެން
19 June 2025
ތިއަށް އަދި އެޑު ކޮށްލާ ރަސްމާލެއަށް ދަތުރުކުރަން އަޅާ ބިއްލޫރި ޓަނަލުގެ ވާހަކަވެސް!
ދޮންކަރާ
19 June 2025
މޮޅު އެއްޗެއް ތިއޮތީ ސަރުކާރުން ހަދާފަ. ސީއެމްސީން ޚަރަދު ކުރުވާފަ އެމީހުން މެދުވެރިކޮށް އެމްޓީސީސީ ލައްވާ ބިން ހިއްކުވާފަ ސީއެމްސީއަށް ސަރުކާރުން ދޭންޖެހޭ ލާރި ނުދީ އަދި އެމްޓީސީ މެދުވެރިކޮށް ސީއެމްސީއަތުން މިލާރި ހޯދީ. ބިންވެސް ލިބުނީ އަދި އެމީހުން އަތުން ބިން ހިއްކަން ދިޔައަގުވެސް ސަރުކާރަށް އަތުލީ.. ވާ ސަރީ ވާ..
ފޮނިޓައްޕު ހަސަނު
19 June 2025
ކުޑަވަރެއްގެ ބޯޓުދަތުރު ކުރާ އެޖެންސީއެއް ހިންގަން އުޅުނު ލަންކާގެ ތަމަޅައެއް ކަމަށްވާ ރާޖޫ ކިޔާމީހަކު އަތުގަ ލޯލާރިއެއްވެސް ނެތީސް ތިބުނާ ޕޭޕާރު ކުންފުނި ހަދައިގެން ކޮންމެ ސަރުކާރެއް އަޔަސް ފިސާރި ލާރިގަޑެއް ސަރުކާރުން ދަމައިގަނޭ. މިފަހަރު ކަންތައް ތިޔަ ދިޔައީ އެހެން ފަހަރުތަކާއި އިދި ކޮޅަށް. މުސްކުޅިން ބުނެ އުޅޭނުން ވވ ހާސް ދުވަހެކޭ ވެރިއަކަށް އެެއްދުވަހޭ.