އީރާންގެ ނިއުކްލިއާ މަރުކަޒެއް ހުންނަ ސަރަހައްދެއް: އިޒްރޭލުން ބުނަނީ ހަމަލާތަކުން ލިބުނު ގެއްލުން ވަޒަންކުރަން އަދި މާ އަވަސް ކަމަށް.
25 ޖޫން 2025 - 20:47
އިޒްރޭލާއި އެމެރިކާއިން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އެ ތަންތަނަށް ލިބުނު ގެއްލުމާއި ނިއުކްލިއާ މަޝްރޫއަށް ކުރި އަސަރު ވަޒަންކުރަން އަދި މާ އަވަސް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އެފީ ޑެފްރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އަސްކަރީ އޮޕަރޭޝަންގެ ނަތީޖާ ދެނެގަންނަން އަދި ވަގުތު ނަގާނެ ކަމަށެވެ.
އޭނާ މިހެން ބުނެފައި ވާއިރު އެމެރިކާގެ ޖާސޫސީ ލަފާކުރުންތަކާ ހަވާލާދީ އެމެރިކާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުމުން ނިއުކްލިއާ މަޝްރޫއުއަށް މާބޮޑު އަސަރެއް ނުކުރެ އެވެ. އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަލުން ބަލުން ފަށައިގެން ނޫނީ ދެން ކުރިއަށްދެވޭ ވަރު ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ތަކުރާރުކޮށް ވިދާޅުވަމުން ދިޔަ ނަމަވެސް އެމެރިކާގެ ޖާސޫސީ އެސެސްމެންޓުގައި ވަނީ މަސައްކަތް ފަހަތަށް ޖެއްސުނީ "މަދު މަސްތަކަކަށް" ކަމަށެވެ.
އިޒްރޭލުން މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި ޑެފްރިން ބުނީ ލިބުނު ގެއްލުން އަދި ކަށަވަރު ނުވިޔަސް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށެވެ.
"ގަބޫލުކުރެވޭ ގޮތުގައި ނިއުކްލިއާ ޕްރޮގްރާމަށް ބޮޑެތި ގެއްލުންތަކެއް ދެވުނު. ބުނަން ކެރިދާނެ އެ މަޝްރޫއު އެތައް އަހަރެއް ފަހަތަށް ޖެއްސިފައިވާ ކަމަށް،" ޑެފްރިން ބުންޏެވެ.
އިޒްރޭލު އަސްކަރިއްޔާގެ ވެރިޔާ އިޔާލް ޒަމީރު ވެސް އަންގާރަ ދުވަހުގެ ރޭ ބުނީ އިޒްރޭލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް "އެތައް އަހަރަކަށް" ވަރަށް ބޮޑަށް ފަހަތަށް ޖައްސާފައިވާ ކަމަށެވެ. އެކަމަކު އެމެރިކާގެ ޖާސޫސީ ސިއްރު އެސެސްމަންޓެއް ލީކުވެފައި ވާއިރު އޭގައި ވަނީ ނިއުކްލިއާ މަރުކަޒުތަކަށް އެޅި އެމެރިކާގެ ބަންކަ ބަސްޓާ ބޮންތަކުން ލިބުނީ މަދު މަސްތަކަކަށް މަސައްކަތް ލަސްވާ ވަރުގެ ގެއްލުމެއް ކަމަށެވެ.
އެމެރިކާގެ މީޑިއާގައި މިގޮތަށް ރިޕޯޓްކުރާތީ ޓްރަމްޕު ވަނީ އެއީ އެމެރިކާގެ އަސްކަރިއްޔާގެ ގާބިލްކަމާ މެދު ސުވާލު އުފައްދައި އަގު ވައްޓާލަން ފަތުރާ ދޮގު ވާހަކަ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
26 June 2025
އަދިވެސް 200 ފޫޓް އަޑީގައި އެބޮން އެބޮތް ނުގޮވައި. ގޮވީމާ ނޫނީ ކައިރިނުވާތި.