ދުނިޔެ / އެފްބީއައި

އިންތިޚާބަށް ރަޝިޔާގެ ބެހުމެއް ވޭތޯ ތަހުގީގުކުރަމުން އަންނަ ކަމަށް އެފްބީއައި އިން ބުނެފި

އެމެރިކާގެ ރައީސް ޓްރަމްޕް: އިންތިހާބުގައި ރަޝިޔާ އިން ޓްރަމްޕަށް ފައިދާވާނެ ގޮތަށް ހެކަރުން ލައްވާ މަސައްކަތްކުރިކަމަށް ޖާސޫސީ ފަރާތްތަކުން ބުނޭ --ފޮޓޯ:އޭއެފްޕީ

21 މާޗް 2017 - 08:23

އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާގެ ނުފޫޒެއް ފޯރާފައިވޭތޯ ތަހުގީގުކުރަމުން އަންނަކަން އެފްބީއައި އިން ކޮންގްރެސްގެ ކޮމިޓީއެއްގައި އިއްޔެ ކަށަވަރުކޮށްދީފި އެވެ. މިއީ އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ އެކަން ކަށަވަރުކޮށްދެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕަށް ފައިދާވާނެ ގޮތަށް ރަޝިޔާގެ ހެކަރުން ޑިމޮކްރެޓިކް ޕާޓީގެ ކެމްޕޭންގެ ތެރެއަށް ވަދެ މައުލޫމާތުތަކުން ވައްކަން ކޮށްފައިވާކަމުގެ ހެކި ލިބިފައި ހުރި ކަމަށް އެމެރިކާގެ ސަލާމަތާ ބެހޭ ބައެއް ފަރާތްތަކުން ކުރިންސުރެ އަންނަނީ ބުނަމުންނެވެ. އެހެންކަމުން ކޮންގްރެސްގެ އިންޓެލިޖެންސް ކޮމިޓީން ވަނީ އޭގެ ތަހުގީގު ފަށައިފަ އެވެ.

އެ ކޮމިޓީ އަށް މައުލޫމާތު ދެއްވަމުން ކޯމޭ ވިދާޅުވީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ޓްރަމްޕްގެ ފޯނު އަޑުއަހާފައިވާ ކަމަށް ކުރައްވާފައިވާ ތުހުމަތާ ގުޅޭ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

ޓްރަމްޕް ވަނީ އޭނާގެ ފޯނުގެ އިތުރުން ކެމްޕޭންގެ މައި އޮފީސް ހުރި އޭނާގެ ހޮޓަލުގެ ފޯނުތައް ވެސް ސިއްރުން އަޑުއެހިކަމުގެ ތުހުމަތު، އޮބާމާގެ މައްޗަށް ކުރައްވައިފަ އެވެ. އެކަމަކު އޭގެ އެއްވެސް ހެއްކެއް ޓްރަމްޕް ވެސް ދައްކަވާފައެއް ނުވެ އެވެ.

ކޯމޭ ވިދާޅުވި ގޮތުގައި އެފްބީއައިގެ ތަހުގީގުގައި ބަލާނީ ރަޝިޔާގެ ސަރުކާރުގެ މީހުންނާއި ޓްރަމްޕް ކެމްޕޭންގެ އެކި މީހުންގެ މެދުގައި އޮވެދާނެ ގުޅުންތަކަށެވެ. އަދި ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ހިންގާފައިވޭތޯ ވެސް ތަހުގީގުގައި ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަހުގީގުގެ އޮޅުންބޮޅުން ބޮޑުވެދާނެ ކަމުގެ މައްޗަށް ވިސްނަވައި، ކޯމޭ ވިދާޅުވީ، އެ ތަހުގީގު ނިންމާނެ ވަކި ތާވަލެއް ނުދެއްވޭނެ ކަމަށެވެ.

އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ: އޮބާމާއާ ބެހޭ ގޮތުން ޓްރަމްޕް ކުރެއްވި ތުހުމަތުތަކާ ދެކޮޅު ހެއްދެވި. --ފޮޓޯ:އޭއެފްޕީ

"ކޮންމެ ދިމާލަކަށް ހުރި ފެކްޓެއް ވިޔަސް އަހަރެމެން އެ ފެކްޓެއްގެ ފަހަތުން ދާނަން،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އިންތިޚާބުގެ ތެރެއަށް ވަދެފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ރަޝިޔާ އިން ވަނީ ދޮގުކޮށްފަ އެވެ. އެކަމަކު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ޖެނުއަރީ މަހު ނެރުނު ރިޕޯޓްގައި ބުނެފއަިވާ ގޮތުގައި ޓްރަމްޕްގެ ވާދަވެރިޔާ ޑިމޮކްރެޓިކް ޕާޓީގެ ހިލަރީ ކްލިންޓަނަށް ގެއްލުން ލިބޭ ގޮތަށް ކެމްޕޭނެއް ފަށަން އަމުރުކުރެއްވީ ސީދާ ރަޝިޔާގެ ރައީސް ލަޑީމިއާ ޕްޓީން އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ނެޝެނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) ގެ ވެރިޔާ އެޑްމިރަލް މައިކް ރޮޖާސް ވިދާޅުވީ އެ އިދާރާ އަދިވެސް އޮތީ އެ ރިޕޯޓާ އެއްކޮޅަށް ކަމަށެވެ.

އެފްބީއައިގެ ވާހަކަތަކާ މެދު ވައިޓް ހައުސިން ބުނި ގޮތުގައި އެއްވެސް "ކަންބޮޑުވުމެއް ނެތެ"ވެ.

"އެއްޗެއް ހޯދަންޏާ އެކަމެއް ކުރިއަށް ގެންދަންވީ. އެކަމަކު ނެތް އެއްޗެއް ހޯދަން އުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން،" އެފްބީއައިގެ ތަހުގީގަށް އިޝާރަތްކުރައްވާ، ވައިޓް ހައުސްގެ ތަރުޖަމާން ޝޯން ސްޕައިސާ ވިދާޅުވި އެވެ.

ރަޝިޔާގެ އޮފިޝަލުންނާ އެކު އޮތް ގުޅުންތަކެއް ފަޅާއެރުމުން ޓްރަމްޕްގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލީން ވަނީ މަގާމުން ދުރުކޮށްފަ އެވެ. އަދި އެޓާނީ ޖެނެރަލް ޖެފް ސެޝަން، ކޮންގްރެސްގެ ކޮމިޓީއެއްގައި ރަޝިޔާގެ އެމްބެސެޑަރާ ގުޅޭ މައުލޫމާތުތަކެއް ސިއްރުކުރެއްވިކަން ވެސް ވަނީ ފަޅާއަރައިފަ އެވެ. މަގާމުން އޭނާ އިސްތިއުފާ ނުދެއްވި ނަމަވެސް ރަޝިޔާއާ ގުޅޭ ތަހުގީގުގައި އޭނާ އެއްވެސް ގޮތަކުން ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް ނިންމެވި އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454