އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު، މީގެ ކުރިން "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ޖުލައި 2025 - 18:21
ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް ނުލިބި ދަތިކަމާ ކުރިމަތިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ގަވައިދު އޮތްގޮތުން ބައެއް ބޭސްތައް ގެނައުމުގެ ހުއްދަ އެސްޓީއޯއަށް ނުލިބޭތީ ކަމަށާއި މިހާރު ގެނެވެނީ ބޭނުންވާ ބޭހުގެ 30 ޕަސެންޓް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ބޭސް ލިބުމުގެ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި، މެމްބަރުންގެ ސުވާލުތަކާ ގުޅިގެން ޝިމާދު ވިދާޅުވީ، ބޭހުގެ ރެގިއުލޭޝަންތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއިން ގަވައިދު ހަދާފައި އޮންނަ ގޮތުން އެއް ބޭހެއް، ދެ ކުންފުންޏަކަށް ރާއްޖެ އެތެރެ ނުކުރެވޭ ކަމަށެވެ.
އެހެންވެ، ބޭސް ފޯރުކޮށްދޭ ސަޕްލަޔަރުން ވެސް އެއް ބޭހެއް، ދެ ފަރާތަށް ފޯރުކޮށްނުދޭ ކަމަށް ޝިމާދު ވިދާޅުވި އެވެ.
އެސްޓީއޯއަށް ވެސް، ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް ނުހޯދި ދިގުލައިގެންދަނީ އެ ސަބަބާ ހެދި ޝިމާދު ވިދާޅުވި އެވެ.
"އެސްޓީއޯއިން ގެންނަނީ ބޭހުގެ 30 ޕަސެންޓު. ކޮންމެވެސް އެއް ފަރާތަކުން ބޭހެއް ރަޖިސްޓްރީކޮށްފިއްޔާ އެ ފަރާތަކުން ބޭސް އެތެރެކުރެވެނީ. އެމްއެފްޑީއޭގެ އުސޫލު އޮންނަ ގޮތުން އެ ބޭހެއް އެތެރެކުރެވެނީ ވެސް އެ ފަރާތަކަށް، އަނެއްކޮޅުން ސަޕްލަޔަރު ހުއްދަ ދެނީ އެންމެ ފަރާތަކަށް،" ޝިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮކްޓަރުން ލިޔެދޭ ބޭސް ފާމަސީތަކުން ހޯދަން ދަތިވާ މައްސަލަ ބޮޑު ކަމަށާއި އެހެންވެ، ޖެނެރިކް ބޭހެއް ލިޔެގެން އެހެން ހައްލެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ތާރީހެއް ހާމަކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، އެ ސުވާލުތަކަށް އެސްޓީއޯ އާއި އާސަންދަ އަދި އެންސްޕާއިން ވެސް ސާފު ޖަވާބެއް ނުދެ އެވެ.
އެސްޓީއޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދު ވިދާޅުވީ ބޭސް ހޯދުމުގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް ހަމަކުރުން ކަމަށެވެ. ނަމަވެސް، އެކި ގައުމުތަކާ އެކު މަސައްކަތްކޮށްގެން ވެސް އެތެރެނުކުރެވޭ 500 އަށްވުރެ ގިނަ ބޭސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭސް ލިބުމުގެ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: މަޖިލިސް
ނިއުޝާދު ވިދާޅުވީ އެ ބޭސްތައް އެތެރެނުކުރެވޭތީ ޑޮކްޓަރުންނާ ވާހަކަދެއްކެވިއިރު އެއީ ޒަރޫރީ ހާލަތަކަށް ބޭނުންކުރަން ޖެހިދާނެ ކަމަށް ލިސްޓުގައި ހިމަނާފައިވާ ބޭސްތަކެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އަނެއް ބައި ބޭސްތަކަކީ އިމަޖެންސީ ހާލަތަކަށް، ޑަބްލިއުއެޗްއޯއިން ހުރިހާ ގައުމެއްގައި ވެސް ބަހައްޓަން ލާޒިމްކޮށްފައިވާ ބޭސްތަކެކެވެ.
އެކަމަކު، ސީދާ އެ ބޭސްތައް ނޫނަސް އެހެން ހައްލުތަކެއް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް 100 ޕަސެންޓު ހަމަކުރެވިފައި ނެތް އެސެންޝަލް މެޑިސިންސްގެ ހުރިހާ ބޭހެއް. ހަމަ އަލްޓަނޭޓިވް ސޮލިއުޝަންސްތަކެއް އަޅުގަނޑުމެންނަށް ހޯދިފައި އެބަހުރި." ނިއުޝާދު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ބޭސް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް މި އަހަރުގެ ކުރީކޮޅު އިއުލާންކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން، މެމްބަރެއްގެ ސުވާލަކާ ގުޅިގެން ނިއުޝާދު ވިދާޅުވީ އަސާސީ ފަސް ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް މިދިޔަ މާޗު މަހު ހަމަކުރި ކަމަށެވެ. އަދި ދެ ވަނަ ފަހަރަށް އެ ބޭސް ހޯދަން ބެލިއިރު، އެ އަދަދަށް ބޭސް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަސާސީ ބޭސް ހުރިތަން ވެސް އެނގޭ. ނަމަވެސް ކުއަންޓިޓީ، ސަޕްލަޔަރުންގެ އަތުން ހޯދުމުގައި ދަތިކަން ދިމާވީ،" ނިއުޝާދު ވިދާޅުވި އެވެ.
އެސްޓީއޯއިން ވަނީ ބަލްކް ޕްރޮކިއުމަންޓުގެ ދަށުން ޔޫއެންޑީޕީއާ ގުޅިގެން ވެސް ރާއްޖެއަށް ބޭސް ގެންނަން ފަށައިފަ އެވެ. އޭގެ ތެރެއިން، ޔޫރަޕް ކޮލިޓީގެ ބައެއް ބޭސްތައް ރާއްޖެ ގެނެސްފައިވެ އެވެ.
ނަމަވެސް، އެސްޓީއޯއިން ބުނީ އދ. ގެ އެ ޖަމާއަތަކީ ބޭހާ ގުޅޭ މަސައްކަތްކުރުމަށް އެންމެ ރަނގަޅު ފަރާތްކަމަށް ގަބޫލުނުކުރެވޭތީ ޑަބްލިއުއެޗްއޯއާ ގުޅިގެން ބަލްކް ޕްރޮކިއުމަންޓުން ބޭސް ގެނައުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިމާދު12
02 July 2025
ކޮންމެކަމެއްވެސް އެހެންބައެއްގެ ބޮލަށް، އެސްޓީއޯ އަށް ވުރެ ގިނައިން އޭޑީކޭއިން ބޭސް ރަޖިސްޓްރީ ކޮށްފަ އެބަހުރި ، އެ އުޅެނީ ސަރުކާރުން ކުންފުނި ހަދާދީ އެ ހެދިޔަނުދޭން ކުރަންހުރި ހުރިހާމަސައްކަތެއް އެސްޓީއޯގެ ކޮރަޕްޓް އެކްސްކޯ އިން އެބަ މަސައްކަތް ކުރޭ، ޝިމާދު ހަމަހެދިފަ ހުންނަނީ
ޖުންޖުލައިކޮޅި
02 July 2025
މައްސަލައަކީ ކަމެއްކުރަން ނޭންގޭބަޔަކު، އާސަންދައިން ދޫކުރާބޭހާއި ސިއްހީ މަސައްކަތް ކުރާގޮތް ނުބައިކޮށް ރައީސަށް ވިސްނަދީގެން، އެސްޓީއޯ ފިޔަވާ އެހެންފާމަސީތަށް ބަނގުރޫޓްކޮށް ، ޕްރައިވެޓް ސިއްޙީ ޚިދުމަތްދޭތަންތަން ހަލާކުކޮށްލުމުގެ ވިސްނުމެއްއޮތުން...އެގޮތުން، ފާމަސީތަކާ، ކްލިނިކްތަކުގެ ފައިސާ ނުދީ ބޭހުގެ މިހާރުގެ މައްސަލަ ހައްލުނުވާނެ... ރައްޔިތުންގެ ތާއީދު ސަރުކާރަށް މިހާރުވެސް ބޮޑުތަނުންވަނީ ގެއްލިފައި.
ޢަލީބެ
03 July 2025
ތިޔައީ އަދި ރަނގަޅު ވިސްނުމެއްނޫން. ޕްރައިވެޓް ކުންފުނިތަކުން ދަނީ ބޭހުގެ އަގު 400 ޕަސަންޓުގައި ވިއްކަމުން. ކޮމްޕެޓެޓިވް މާރކެޓެއް އުފައްދައިގެން ބޭހުގެ ކޮލިޓީ އަދި އަގު ވެސް ހެޔޮކުރެވޭނީ އަދި އަދަދު ވެސް އިތުރުކުރެވޭނީ
ކޮލީކޮ
02 July 2025
ތާކަށް ލާފަ ހުންނަ އެކަކުވެސް ކޮންމެސް ބަހަނާ އެއް ނުދައްކާ ނުދޭ. ކުރީ ސަރުކާރު، ގަވައިދު އޮތް ގޮތުން. ކަފިހުރަހުގަ ލާފަ ހުރި ކުލައިގެ ސަބަބުން. އިރު އަރާ ކޮޅުގެ ސަބަބުން... މިހެން ކިޔާނެ ކަމެއް ނެތް.
އިސްމާލި
02 July 2025
"އެހެންވެ، ބޭސް ފޯރުކޮށްދޭ ސަޕްލަޔަރުން ވެސް އެއް ބޭހެއް، ދެ ފަރާތަށް ފޯރުކޮށްނުދޭ ކަމަށް ޝިމާދު ވިދާޅުވި އެވެ." ބޮޑު ވިޔަފާރި ކުންފުންޏެއް ހިންގަން އަރާ ހުރި އިރު މިވަރު ނޭނގުން އެއީ މައްސަލައެއް.
ސިމާދު1
02 July 2025
އަރކިޓެކްޓް އެއް މެޑިސިން ޖެނެރަލް މެނޭޖަރ އަކަށް ލީމަ، ބޭސް ހަމަކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ!
ބަރަބޯސް
02 July 2025
ބުހުތާނު ދޮގެއް. އެނގި ހުރެ މި ބުނީ. ޗެލެންޖް މީ!
ހަމްދާ
02 July 2025
ގާނޫނު ހަދަންޖެގެނީ ރައްޔިތުންބާ.
އަފްރާސިޔާބު
03 July 2025
ރައްޔިތުން ހެދިއެއްޗެއްގެ ސަބަބުން ރައްޔިތުންނަށް ކަމެއް ކޮށްނުދެވެނީ. އެކަން ރައްޔިތުން އެބަޖެހޭ ހައްލުކޮށްދޭން.
ކޮން
02 July 2025
ދެރަ ކަމެކޭ. ގަވާއިދު ހަދަން ތިބީވެސް ސުޕަރ މެޖޯރިޓީއާއެކުވެސް ހަމަ ތިމީހުންނެއްނު
ތެފައާސާ.
02 July 2025
ބަރާބަރު 1 ދުވަސް ތެރޭގައި ބޮޑު ސިންގާ ގާނޫނު އަސާސީއެއް އިސްލާހުކޮށްލައިގެންވިއަސް ކުރަން ބޭނުންވާ ކަމެއް ކޮށްލާ ބަޔަކު، 2 އަހަރު ވެގެންދާއިރު ގަވައިދެއް އޮތްގޮތުން ބޭހުގެ މައްސަލަ ހައްލުނުކުރެވިގެން އުޅޭ ވާހަކަ ދެއްކީމާ އަހަރެމެންގެގާތަށް އަންނަނީ ފާޑެއްގެ ހިންޏެއް.
ކިމް
02 July 2025
ދެން ގަވާއިދު އިސްލާހުކޮށްލާްނީ އެއްނު. އެއީ މާ ބޮޑު ކަމެއް؟