ސިފައިންގެ ހިދުމަތަށް 125 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އޭޕްރީލް 24، 2017 ގައި، ކަޅުތުއްކަލާ ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އޭރުގެ ޗީފް އޮފް ޑިފެންސް އަހުމަދު ޝިޔާމް ވާހަކަދައްކަވަނީ. -- މިހާރު ފައިލް ފޮޓޯ
03 ޖުލައި 2025 - 09:14
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ދައުލަތުން މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އެ މަގާމުގައި އޭނާ ހުންނެވި ދުވަސްވަރު ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ޝިޔާމްގެ ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ އޮފިސަރަކު ބެހެއްޓި ކަމަށް ބުނެ އެވެ.
މި ދައުވާ ސާބިތުނުވާ ކަމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން މިދިޔަ ޖެނުއަރީ މަހު ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.
ނަމަވެސް މައްސަލަ ކުރިއަށް ދަނިކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ މައްސަލަ ބާތިލްކޮށް ހައި ކޯޓުން ދައުވާ ފޯމު ބާތިލްކޮށްފަ އެވެ.
އިސްތިއުނާފުގެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކޮށް ހައި ކޯޓުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ދައުވާ ފޯމު ބާތިލްކޮށްދިނުމަށް ދައުލަތުން އެދިފައިވަނީ މި ހާދިސާ ހިނގި ފަހުން ހަތް އަހަރުވެފައި ވާތީ އާއި ޝިޔާމްގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލައެއް ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ނެތުމުން އެ ކަންކަމަށް ރިއާޔަތްކޮށްފައި ކަމަށެވެ.
" ... މި މައްސަލަ އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތެއް އޮތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ނުފެންނާތީ، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް ބަޔާންކޮށް މި މައްސަލައިގެ އިސްތިއުނާފް ފޯމް ބާތިލްކޮށްދިނުމަށް" އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށް ހައި ކޯޓުގެ ރިޕޯޓްގައިވެ އެވެ.
ޝިޔާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ އޭރުގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އެންގެވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) 2020 ވަނަ އަހަރު އެވެ. އެކަމަކު އޭގެ ކުރިން އޭސީސީން ނިންމާފައި އޮތީ ޝިޔާމްގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.
ޝިޔާމަށް ކުށް ސާބިތުވާ ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ވެސް ކުށް ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށް ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެން އެމޑީކަން ދީ
04 July 2025
ދެން ކޮންމެސް ކުންފުންޏެއް ހަދާފަ އެމްޑީކަން ދީ. އޭރުން ހުންނާނީ
ނިކަމެތިން ސައިޒުކުރަން ހަދައިގެން އުޅޭ ގާނޫނުތަކެއް
03 July 2025
ތިއިން މަގާމެއްގަ ނުހުންނާނެ ހުކުމެއް ހިނގާނެވާރުގެ މީހެއް
ތިމާވެށި
03 July 2025
ބަދަލު ހޯދަން ޖެހޭ މައްސަލަ އެކެވެ. ނަފްސާނީ ގޮތުން ލިބުނު ގެއްލުމެވެ. މާލީ ގޮތުން ލިބުނު ގެއްލުމެވެ. ތިޔަ ކަމަކާ ހެދި އެހެން ކަމެއްނުކުރެވި 7 އަހަރު ދިޔައީ އެވެ.
ކޮރަލް
03 July 2025
ޝިޔާމް މެން މަސައްކަތް ކުރި ދުވަސް ވަރު އުޅުނު އޮފިސަރުން ގިނަ ވަގުތު އުޅުނީ ޑިއުޓީގަ ސިފައިން ގޭގަ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރެ އެވެ. މިހާރު ސިޔާސީ ގިނަ ބަޔަކު އުޅެނީ ގައުމަށް ވުރެ އަމިއްލަ ފައިދާ އަށެވެ.
ޝިޔާމު
03 July 2025
އެއްވެސް ކަމަކަށް ނުވާ ކަމެއްގަ ދައުލަތުގެ ކިހާ ރިސޯސް ތަކަކާ ވަގުތު ތަކެއް، މީހެއްގެ އަބުރު ކަތިލަން ތިއިސްރާފު ކުރެވުނީ. ދައުލަތް ތަސައްރަފު ފުދޭނީ ކޮން ދުވަހަކުންބާ !
ސޯޅަ
03 July 2025
އޭނާ ކުރިކަންކަން ނުކުރާ ކަމަކަށްވީތޯ؟ ކަމަކާއި ނުލައި ދައުވާ އަނބުރާ ނަގަން ޕީޖީ ނިންމަންޔާ މަޤާމު ބޭނުންކޮށްގެން އެހެންމީހަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ ޕީޖީ މައްޗަށް އުފުލަން ޖެހޭ!!
މުހައްމާކަލޯ
03 July 2025
ވަރަށް ޒާތީ ފީކަޅާ މައްސަލައެއް، މައްސަލައެއް ބެލޭނެ ފެންވަރެއް ނުހުރޭ، 7 އަހަރު ވާ އިރު މި ކުރަނީ ކޮންކަމެއްތަ، ދެން ބުނާނެ މަސައްކަތް ކުރާނެ ތަނެއް ނެތޭ، ލާރި މަދޭ،
ލައިޓް
03 July 2025
ސިލެކްޓެޑް ޖަސްޓިސް މާސްޓަރޕީސް އެއް! ޕީޖީ ސަމީމް އެބަޖެހޭ އުންސުރު ހަމަކުރަން އަލުން ކިޔަވަން!
ކިރިމިނަލްކޯޓު
03 July 2025
"ދައުވާ ފޯމު ބާތިލްކޮށްދިނުމަށް ދައުލަތުން އެދިފައިވަނީ މި ހާދިސާ ހިނގި ފަހުން ހަތް އަހަރުވެފައި ވާތީ އާއި" ސުވާލަކީ އެވުރެޖުކޮށް ކިތައް އަހަރުންހޭ ކިރިމިނަލްކޯޓުން މައްސަލައެއް ނިންމަވަނީ؟ ހަތްއަހަރުވެގެން އިސްތިއުނާފު ނުކުރަންޏާ އިސްތިއުނާފުކުރާނެ މައްސަލައެއް އޮންނާނެހޭ، މިލިޔުން އެއްކޮށް ކިޔާލީމާ އެނގޭ އިސްތިއުނާފު ކުރި ފަހުން އަދި އަހަރު ނުވާކަން
އަހަންމާކަލޯ
03 July 2025
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ސިޔާމްއަށް އަސްލު ކުރީ ސިޔާސީ ދައުވާއެއް މީ މިކަހަލަ މަގާމެއް އަދާކޮށްފައި ހުރި މީހަކަށް އެއްގޮތަކަށްވެސް ކުރެވިގެން ވާނޭ ދައުވާއެއް ނޫން ތާކުންތާކު ޖެހޭ ދައުވާއެއްވެސް ނޫން އަޅުގަނޑު ދެކޭ ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ ބައްޕަ މަންމަ އަނބިދަރިން ކޮންމެވެސް އުސޫލެއްގެ ތެރެއިން ވީއަޕީގައި ހުރެވެންވެސް ވާނެ