އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓާ، ޑރ. ޒޭބާ، ހެމަޓޮލޮޖިސްޓް ޑރ. ސަޗިންނާއެކު އިއްޔެ އެގްރިމެންޓުގައި ސޮއިކުރައްވަނީ.-- ފޮޓޯ: އައިޖީއެމްއެޗް
08 ޖުލައި 2025 - 10:35
ލޭގެ ބަލިތަކަށް އައިޖީއެމްއެޗާއި ތެލެސީމިއާ ސެންޓަރުގައި ފަރުވާ ދޭން ތައްޔާރުވެއްޖެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުން ވަނީ، ލޭގެ ބަލިތަކުގެ ތަޖުރިބާކާރު އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ، ޑރ. ސަޗިންނާ އެކު، ވިޒިޓިން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަން އިއްޔެ ސޮއިކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު "މިހާރު" އަށް މިއަދު ވިދާޅުވީ ތެލެސީމިއާ އާއި ލެއާ ގުޅުން ހުރި އެކި މައްސަލަތަކަށް މި ވަގުތު އެކަށީގެންވާ ފަރުވާ އެ ހޮސްޕިޓަލުން ނުލިބޭ ކަމަށެވެ. އެހެންވެ، ގިނަ މީހުން ފަރުވާ ހޯދަން ދަނީ އަމިއްލަ ހޮސްޕިޓަލްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ލޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް މީގެ ކުރިން ތެލެސީމިއާ ސެންޓަރުގައި މަސައްކަތްކުރެއްވި އެވެ. ނަމަވެސް، މި ވަގުތު އެކަމަށް ހާއްސަ ފަރުވާއެއް ނުލިބެ އެވެ. އަދި ސަރުކާރުގެ އެހެން ހޮސްޕިޓަލެއްގައި ވެސް ހެމަޓޮލޮޖިސްޓެއް މި ވަގުތަކު ނެތެވެ.
ހެމަޓޮލޮޖިސްޓް ޑރ. ސަޗިންނާ އެކު އެގްރިމެންޓުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: އައިޖީއެމްއެޗް
ވިޒިޓިން ޑޮކްޓަރު ކޮންމެ މަހަކު ވެސް އައިޖީއެމްއެޗާއި ތެލެސީމިއާ ސެންޓަރުގައި ކުޑަ ދުވަސްކޮޅަކު މަސައްކަތްކުރައްވާނެ އެވެ. އެ މުއްދަތުގައި އޯޕީޑީގައި މީހުން ބެލުމާއި އެޑްމިޓްކޮށްފައި ތިބޭ މީހުންނަށް ފަރުވާ ދިނުން ކުރިއަށް ގެންދާނެ އެވެ. ތެލެސީމިއާ މީހުންނާއި ލޭގެ ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް އެކަށީގެންވާ ފަރުވާ އެ ޑޮކްޓަރުގެ ބެލުމުގެ ދަށުން ދޭނެ އެވެ.
ޝާހު ވިދާޅުވީ ދިގުމުއްދަތުގެ ޕްލޭނަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން ހުރިހާ ފަރުވާއެއް އައިޖީއެމްއެޗްގައި ދިނުން ކަމަށެވެ.
"ރަނގަޅު ހެމަޓޮލިޖީ ޑިޕާޓްމަންޓެއް އުފެއްދުން ޕްލޭނަކީ. އޭގެ އަސްލު ބިންގާ މި އެޅިގެންދަނީ،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނީ ލޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ފަރުވާ ދޭން ފެށުމުން އެކަމުގެ ނަތީޖާ ރަނގަޅުވާނެ ކަމަށެވެ. އަދި ޑޮކްޓަރު ރާއްޖޭގައި ނެތް ދުވަސްކޮޅު ވެސް ޓެލެ-މެޑިސިން މެދުވެރިކޮށް ހިދުމަތް ލިބޭނެ ގޮތް ގޮތްތައް ހަމަޖައްސާނެ ކަމަށް ޝާހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިންޑިއާފަރުވާ
09 July 2025
ތިޔަ ޑރ އަށް ދެތިން އަހަރު ކުރިން ދެއްކި 2 މީހަކު އިންޑިއާއަށް ދާން އޭނަ ބުނީ. މިކޮޅުން އެއްކަމެއްވެސް ވާކަމަކަށް ނުވާނެ. އެގައުމަށް ދާނެ އިތުރު ޕޭޝަންޓުން ހޯދުމަށް އަނެއްކާ އާ ދޮރެއް ތި ހުޅުވެނީ
ހަސަންބޭ..
08 July 2025
ބޭސްފަރުވާއެއް ކުރަން އައިޖީއެމްއެޗް އަށް ވަންނަން ހިތައްވެސް ނާރާ.. ކައުންޓްވެސް ނުކުރެވެނީ
ލޭގެބަލިމީހާ
08 July 2025
ޑރ. ސަޗިން ޓްރީޓޮޕް ހޮސްޕިޓަލުގައި ވިސިޓިންގ ޑޮކްޓަރެއްގެ ގޮތުގައި ބަލާތާ އެތައް ދުވަހެއް ވެއްޖެ. ކޮންމެ މަހަކު އެއްފަހަރު އާދޭ ޓްރީޓޮޕްއަށް. މިހާރު މިވީ ގޮތުން ޑރ. ސަޗިން ދެން ބަލާނީ އައި.ޖީ.އެމް.އެޗް އިން އެކަނިތޯ؟ ލޭގެ މައްސަލަތައް މިހާ ގިނަ ޤައުމެއްގައި ހެމޮޓޮލޮޖިސްޓުން ނެތުން މިއީ ބޮޑު މައްސަލައެއް. ވިސިޓިންގ ޑޮކްޓަރަކު އެކަނި އެއް ނޫން، މި ދާއިރާގެ ދާއިމީ ޑޮކްޓަރުން ތިބުން މުހިއްމު.
މުވައްޒިފުން
08 July 2025
އައިޖީއެމްއެޗް އައް ޕޮރޯ ކޮންމްޕެނީ ވައްދަން ވީ ޖީބައް އެެޅޭގޮތައް
ދޮންތުއްކަލާ
08 July 2025
ހިމެޓޮލޮޖީން ރާއްޖޭގަ އެންމެ ތަޖުރިބާ ހުރީ ޑރ.އާމިނަތު ހުދާއެވެ.މޯލްޑިވްސް ބްލަޑް ސަރވިސް އުފައްދައިގެން ކަންވެ ނިމިގެންދިޔައީ ބޮޑު އިންވެސްޓިގޭޝަނެއް ހިންގައި އޭނަގެ ވަޒީފާގެއްލިގެންނެވެ.އޭނަ އެކަމުގެ ކަންބޮޑުވުންތައް ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅިކަމަށްވެއެވެ.ނިކުތް ނަތީޖާއެއް ނެތެވެ.އޭނަ މިހާރު އުޅެނީ އެކަމާއި ވަރަށް ދުރުގައިއެވެ.އެއިގެ އެތަށްއަހަރެއް ފަހުން އަދިވެސް މިއުޅެނީ IGMH ކަމާއިގުޅޭ ޑރ.ނެތިގެންނެވެ.
މުހައްމަދު 9871
08 July 2025
ކިތައްމެ ބައްޔަކަށް ވެސް ފަރުވާދޭން ފެށި ދާނެ ، އެޕޮއިންޓުމަންޓެއް ނުލިބޭނީ
ކަޅުދިގު
08 July 2025
މިހާރު ބޭހެއް ނުލިބޭ.
ރާއްޖެ
08 July 2025
ޝާހު މާހިރު އައިޖީއެމްއެޗް ގެ އިސް މަގާމްތަކެއް ފުރާތާ މިހާރު މިއީ ދެވަނަ ރިޔާސީ ދައުރު. ދިވެހި ހިމެޓޮލޮޖިސްޓްއެއް ޓްރެއިން ކުރަން ކިތައް އަހަރު ބޭނުންވޭތަ؟ ދިގު މުއްދަތުގެ ޕްލޭންގެ ދަށުން އޮތީ ޑިޕާޓްމަންޓްތައް އައުޓް ސޯސްކުރުން.
ޟާވިން33
08 July 2025
ދިވެހި ޑރ އެއް ސައުތު އެފްރިކާގަ ހިމަޓޮލޮޖީ ހަދަމުންދަނީ. އަންނަ އަހަރު މިކޮޅަށް އަންނާނެކަމަށް މި އުންމީދު ކުރަނީ. އެކަހަލަ ކުދިން ކިޔަވަން ޙަރަދު ކުރާނަމަ ޕޭލީވްގަނޑެއް ދޭނަމަ.