ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ބިމުގައި ޖީޕީ ކްލިނިކެއް ހެދުމަށް އެ އިމާރާތް ތަޅާލާނެ ބަޔަކު ހޯދަން އައިޖީއެމްއެޗުން އިއްޔެ އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ، ހެންވޭރު ޖީޕީ ކްލިނިކް ހެދުމަށް ކަނޑައަޅާފައިވާ ކުރީގެ ތެލެސީމިއާ ސެންޓަރުގެ ޑިމޮލިޝަން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ކަމަށް ޝަރުތު ހަމަވާ އެންމެންނަށް މިހާރު ހުޅުވާފައިވާ ކަމަށް އެ އައިޖީއެމްއެޗުން ބުންޏެވެ.
ބީލަން ހުޅުވުން އޮންނާނީ މި މަހު 15 ގަ އެވެ.
ހެންވޭރު މަޖީދީ މަގުގައި ހުންނަ ތިން ބުރީގެ އެ އިމާރާތުގައި ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ފެށީ 1994 ވަނަ އަހަރު އެވެ. އެ އިމާރާތް ވަރަށް ބޮޑަށް ބާވުމުގެ އިތުރުން ޖާގަ ދަތިވުމުގެ ސަބަބުން އެ ތަނުގައި ހިދުމަތް ދިނުމަށް ދަތިވެފައިވާތާ ގިނަ ދުވަސްތަކެއް ފަހުން، ތެލެސީމިއާ ސެންޓަރު ހިންގުން މިދިޔަ އަހަރު ވަނީ ހުޅުމާލެ އޮރެންޖު ހިޔާއަށް ބަދަލުކޮށްފަ އެވެ.
ސަރުކާރުން ވަނީ ހުޅުމާލެ 2 ގައި ތެލެސީމިއާ ހޮސްޕިޓަލެއް އަޅަން ވެސް 2024 ވަނަ އަހަރު ބަޔަކާ ހަވާލުކޮށްފަ އެވެ.
އައިޖީއެމްއެޗުގައި އޮންނަ ދިގު ކިއު ކުޑަކުރުމަށް ސަރުކާރުން ވަނީ މާލޭގެ އެކި ހިސާބުތަކުގައި ޖީޕީ ކްލިނިކްތައް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ފުރަތަމަ ޖީޕީ ކްލިނިކް، އެސްޓީއޯ ހެޑް އޮފީހާ ޖެހިގެން ހުންނަ އިމާރާތުގައި ހަދައި، އެ ތަނުން ހިދުމަތް ދޭން މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ.
މާލޭގައި ތިން ޖީޕީ ކްލިނިކާއި ހުޅުމާލޭގައި ދެ ޖީޕީ ކްލިނިކް ހުޅުވާނެ ކަމަށް އައިޖީއެމްއެޗުން ކުރިން ބުނެފައިވެ އެވެ.