މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
08 ޖުލައި 2025 - 16:07
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމައި، އިންޓަނޭޝަނަލް ފެންވަރުގައި މިއަދު އެ އެއާޕޯޓް ހުޅުވައިފި އެވެ.
އެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މާފަރު އެއާޕޯޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ ރަސްމިއްޔާތުގައި އިތުރު ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފަރާތުން ރާއްޖެއަށް ކަނއަޅާފައި ހުންނަވާ ސަފީރު ޝައިހް ރަހްމާ އަބްދުއްރަހްމާން އަލް ޝަމްސީ އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ހުޅުވުމުގެ ގޮތުން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު އޭ330-200 އިން ވަނީ މިއަދު އެ އެއާޕޯޓަށް ހާއްސަ ދަތުރެއް ކޮށްފަ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް މޯލްޑިވިއަންގެ އޭ330-200 އިން އެ އެއާޕޯޓަށް ހާއްސަ ދަތުރެއް ކުރަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން، އޭޑީއެފްޑީ މެދުވެރިކޮށް، ޔޫއޭއީ އިން ދިން އެހީގައި ހިންގި މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ޖެނުއަރީ 23، 2018 ގައި ރާއްޖެ އާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް އޮފްޝޯ އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 49 މިލިއަން ޑޮލަރު (754 މިލިއަން ރުފިޔާ) އެވެ.
• ރަންވޭއަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް
• 2،200 މީޓަރު ދިގު ރަންވޭއެއް ހެދުން (ޓެކްސީވޭ، އެޕްރަން އަދި ފަޔާޕެޑް/ ރޯޑްއާއެކު)
• ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ޕެސެންޖާ ޓާމިނަލް އިމާރާތެއް އެޅުން
• ފަޔާ އެންޑް ރެސްކިއު ސްޓޭޝަން އަދި ކޮންޓްރޯލް ޓަވަރު އެޅުން
• މެއިންޓެނަންސް ހޭންގާ ހެދުން
• ޕެސެންޖާ ޖެޓީ އާއި ވީވީއައިޕީ ޕެސެންޖާ ޖެޓީ ހެދުން
• ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން
• މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން
• ސެކިއުރިޓީ ފެންސް ހެދުން
• ގްރައުންޑް ހެންޑްލިން އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން އޭޑީއެފްޑީ އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުން ހެދީ ޑިސެމްބަރު 7، 2022 ގަ އެވެ. އަދި އެ މަސައްކަތްކުރީ ޑިސެމްބަރު 8، 2022 ގައި އެމްޓީސީސީއާއެކު ސަރުކާރުން ހެދި އެއްބަސްވުމެއްގެ ދަށުން އެ ކުންފުނިންނެވެ. އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 27 މިލިއަން ޑޮލަރު (415 މިލިއަން ރުފިޔާ) އަށެވެ.
އެމްޓީސީސީން ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ.
• ކޯޑް އީ ނުވަތަ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ގޮތަށް ރަންވޭ 2.8 ކިލޯމީޓަރަށް ބޮޑުކުރުން
• ރަންވޭ ދިގުކުރުމަށް އަދި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
• ރަންވޭ އެއާފީލްޑާއި އެއާފީލްޑް ލައިޓް އަޕްގްރޭޑް ކުރުން
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޕްރައިވެޓް ޖެޓުތައް ޖެއްސުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ އެ އެއާޕޯޓުގައި ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ގާބިލުކަން ހުރި މިންވަރު ބެލުމަށް މިދިޔަ މެއި މަހު ވަނީ އެމިރޭޓްސް އެއާލައިންގެ ބޮއިން 777 މަރުކާގެ މަތިންދާބޯޓެއް ވެސް ޖައްސައިފަ އެވެ.
މާފަރު އެއާޕޯޓު އަޕްގްރޭޑް ކުރަން، ބޭރުން އަންނަ ޖެޓްތަކުގެ ދަތުރުތައް މިދިޔަ އަހަރުގެ މެއި މަހު މެދުކަނޑާލުމަށްފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ޖެޓްތަކުގެ ދަތުރުތައް އަލުން ފަށައިފަ އެވެ. އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މާފަރު އެއާޕޯޓް ހުޅުވީ ޑިސެމްބަރު، 2019 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިންދާލައިގެން
09 July 2025
ޝުކުރިއްޔާ ރައީސް އިބޫ، ދަތިހާލުގަ ހިންގި ވެރިއެއް. އުޒުރުނުދައްކާ ބަހަނާ ނުދައްކާ، މަކަރެއް ނުހަދާ.
އަފާފް ސައީދު
09 July 2025
ރައީސް މުއިއްޒް ނޫނީ ނުދެކެން ޕްރޮޖެކްޓްތައް މިހާ ހަލުވިކޮށް ނިންމަން ހިފި ވެރިޔެއް. ރަނގަޅު މިކަން.
މަފާޒް ސަލީމް
09 July 2025
މިކަން މިހެން ކުރުމުން ރާއްޖޭގެ ޓޫރިޒަމް އެހެން ލެވެލްއެއްގައި ކުރިޔަށް ދާނެ. މީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ އިތުރު ކުރިއެރުމެއް.
ލިހާޒް މުހުސިން
09 July 2025
ތަރައްގީ މެކުހަށް. ގައުމު ކުރިޔަށް. މަރުހަބާ ރައްޔިތުން.
އައްބާސް
08 July 2025
އެއީ މާކުރީއްސުރެ ހުޅުވާ އެތަނަށް ރާއްޖޭން ބޭރުން ކުރިންވެސް ޖެޓްތައް ޖައްސަމުން އައި ތަނެއް
ވާނުވާ ގްރޫޕް
09 July 2025
ކައުންސިލް އިންތިޚާބަށް ބޯކާލުމެއް ދެއްތޮ؟
ހުސްނުބާނޫ
08 July 2025
އައްޑޫ މީހުން ބަކަތަޅަތަޅާ ތިއްބާ އެއޮތް މާފަރު އެޖެހީ މެކުހަށް. އެކަމަކު ހުރިހާ ބާރުވެރިންނަށްތިބީ އައްޑޫ ބެއްޔާމެން. އައްޑޫ މީހުންނުލާ ވޯޓަކުން މޮޅެއްނުވޭ. ނަމަވެސް ވީކަމެއް ހަރާން. ބެއްޔާމެން މާލެހެދިފަ ތިބޭތީއޭ މައްސަލައަކީ.
ޢޭންޖަލް
08 July 2025
ކީއްވެބާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މީހަކު ނެތީ؟ އެތަނުން ހުއްދަ ދީގެން އެެއާޕޯޓެއް ހުޅުވޭނީ. ތިތާތިބީ ހުސް ސެކަންޑަރީ މީހުން. އަސްލުތިބެންޖެހޭ މީހުނެއް ނެތް
ސައްޕޭ
08 July 2025
ތީ މާ ކުރިން ހުޅުވާ މިހާރުވެސް އޮޕަރޭޓް ކުރާ ތަނެއް ވީމަ ނުތިބޭނެނު. ދެން އަންނަ ވެރިކަމެއްގަވެސް އަނެއްކާވެސް ހުޅުވަންވީ. އަސްލު ހުރިހާ އެއަރޕޯޓެއް އަލުން ހުޅުވަންވީ
ޖައްލެ
08 July 2025
ސިވިލް އޭވިއޭޝަން މީހެއް ފެނުނިއްޔާ އެގޭނެތަ؟
އަސް
08 July 2025
އަނެއްކާ ކޮންމެވެސް އެއްޗެއް ކިޔާފަ ސުރުހީ ޖެހީ، ތިގޮތަށް ދަރުމަވަންތަ ހޮސްޕިޓަލް ވެސް ހުަލުވި. މަށަށް ފެނޭ އިސްލާމީ މަރުކަޒް ވެސް ރަސްމީކޮށް ހުޅުވަން.
ހަމަދު ސަލީމް
08 July 2025
މަރުހަބާ މާފަރު ރައްޔިތުން. އިންޝާﷲ ކާމިޔާބް ވާނެ ސަރުކާރުން މި ގެންނަނީ ބޭނުންވާ ތަރައްގީ
ހާނިފް އިމްތިޔާސް
08 July 2025
ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މިސަރުކާރުން ތަރައްގީ އަވަސްކުރަން ކުރާ މަސައްކަތް. ކަންކަން ނިންމަން ކުރާ މަސައްކަތް
ކިނބޫ
08 July 2025
އެހެންތަ? އެހެން މީހުން ކޮށް ނިންމާފަހުރި ކަންކަން ތިމާމެން ކުރި ކަމަކަށް ހަދައިގެން. އަލުން އިސްލާމީ މަރުކަޒު ވެސް ހުޅުވާ ރަސްމީކޮށް. އޭރުން އެތަންވެސް ހެދިކަމަށް ވާނެ.