ރާއްޖެ އެތެރެކުރި 72 ކިލޯ ޑްރަގުގެ މައްސަލައިގައި ދައުވާ ލިބޭ ތިން މީހުން ކަމަށްވާ (ވ-ކ) އަހްމަދު ނަސީރު އިރުފާން ތަގިއްޔު އަދި މުހައްމަދު އަކްރަމް.
17 ޖުލައި 2025 - 13:01
މަސްދޯންޏެއްގައި 72 ކިލޯ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާ ލިބުނު ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
"މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުުހުން ތުހުމަތުކުރަނީ އިރުފާން ތަގިއްޔު، ސ. ހުޅުދޫ ދޭލިއާގެ އެވެ. ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައި ވާއިރު ދެން ދައުވާކުރީ އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީގެ މައްޗަށެވެ.
އެ ދޯނީގައި ޑްރަގް އެތެރެކުރިކުރަން ސާބިތުނުވާ ކަމަށް ބުނެ އެ ތިން މީހުންނަށް ވެސް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މި މީހުންގެ އިތުރުން މައްސަލައިގައި ދެން ހިމެނުނު ހަތް މީހެއްގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެއީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.
ރާއްޖެއަށް 72 ކިލޯ ޑްރަގް އެތެރެކުރި މައްސަލައިގައި ހިމެނުނު މީހުން: މީގެ ތެރެއިން ގިނަ މީހުންގެ ދައުވާ ވަނީ އަނބުރާ ގެންގޮސްފައި.
މި މައްސަލަ އިސްތިއުނާފުކުރުމަށް އޮތް މުއްދަތު ހަމަވި އިރު، ރިޕޯޓުތައް ނުލިބޭތީ އޮތީ އިސްތިއުނާފު ނުކޮށެވެ. ދަށު ކޯޓުން ރިޕޯޓްތައް ދޫކުރާ ތާރީހުން ފެށިގެން އިސްތިއުނާފުގެ މުއްދަތު ގުނުމުގެ ހުއްދަ ކޯޓަށް ދެވިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިހާރު ކަނޑައަޅާފައި ވާތީ ކޯޓުން ވަނީ އެ މުއްދަތު އިތުރުކޮށްދީފަ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
މި މީހުން އެތެރެކުރި މަސްތުވާތަކެތި ސަޕްލައިކޮށްދިން މީހުންނަށް އަގު އަދާކުރާނެ ކަމުގެ ގެރެންޓާއެއް ގޮތުން ގެރެންޓާއެއްގެ ގޮތުގައި ޕާކިސްތާނަށް މީހަކު ފޮނުވައި ޑްރަގް ނެޓްވޯކުގެ ބެލުމުގެ ދަށުގައި މީހަކު ބެހެއްޓި ކަމަށް ވެސް ފުލުހުން ކުރިން ތުހުމަތުކުރި އެވެ. އެ މީހަކީ ގެއްލިގެން ހޯދަން ޖޫން 2021 ގައި އިއުލާނުކުރި މުހައްމަދު މިސްބާހު ކިޔާ މީހެކެވެ. މިސްބާހް އުޅެމުން ދިޔައީ އޭނާގެ އުފަން ރަށް ހދ. ނޮޅިވަރަންފަރުގައި ކަމަށް ވިޔަސް ގެއްލުނީ މާލެއަށް އައި ފަހުންނެވެ.
މަސްދޯންޏެއްގައި ރާއްޖެއަށް އެތެރެކުރި 72 ކިލޯ މަސްތުވާތަކެތި މާލެއަށް ބޭލުމަށް ފަހު އެ އުފުލި ކާރު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށުގައި. -- ފޮޓޯ: މިހާރު
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މިސްބާހު ޕާކިސްތާނަށް ދާން ރާއްޖެއިން ބޭރަށް ގެންދިޔައީ ޑްރަގް ގެނައުމުގައި އިސްކޮށް ހުރި ކަމަށް ބެލެވޭ އިރުފާނާ އެކު ނޮވެމްބަރު 11، 2020 ވަނަ ދުވަހުގެ ރޭ ފްލައި ދުބާއީންނެވެ. އިރުފާނު ހައްޔަރުކުރީ މިސްބާހު ދުބާއީއާ އަށް ގެންގޮސް އެނބުރި އައި ފަހުން މަސްތުވާތަކެއްޗާ އެކުގަ އެވެ.
އިރުފާނާއި މިސްބާހް ދުބާއީއަށް ދާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު އިރު އިރުފާން ދުއްވި ކާރުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ކާރުގެ ޑިކީ ތެރެއިންް މަސްތުވާތަކެތި ފެނުނީ ކަނޑުމަގުން އެ ތަކެތި ރާއްޖެ އެތެރެކޮށް ލޯންޗެއްގައި މާލެ ގެނެސް ކާރަށް އަރުވައިގެން ދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
17 July 2025
ކޯޓުތައް ކޮރަޕްޓްއީ ވަކި ވަޔަކަށް ނޫން
ބައިރޯ
17 July 2025
އިރުފާނު ކާރު ގަނެ މަލޭގައި ދިރިއުޅެ ހުރިޙާކަމެއް ކުރނަން ފައިސާ ހޯދަނީ ކޮންތާކުން، އެބެލީމަ ސާބިތުވާނެ
ބަބްސް
17 July 2025
މިދައްކަނީ 72 ކިލޯގެ ވާހަކަ. އަރުވައިގެންދިޔަ ކާރު އެއޮތީ ، ތަކެތި ހުރީ ކާރު ޑިކީގަ. އެކަމަކުވެސް ސަބިތެއް ނުކުރެވެ. އެއްފަހަރު އަކުރެއް މަދީޔާ ދެން މަދުވަނީ ފިއްޔެއް އެހެންނުނީ ފާސްކުރިއިރު ފުލުސްމީހާ އަރައިގެން ހުރި ބޫޓެއްގެ ސަބަބުން. މިނޫންވަރެއް ނުވެ. މުޅިގައުމު ހަލާކުވެގެން ދަނީ މިވަބާއަކާހެދި. ހުކުމެއް އަޔަސް އިންތިހާބާ ދިމާކޮއް އެބަދޫކޮއްލާ ނޫނީ ހޮވޭ މީހަކު ހުވާކޮއްނިމިގެން އެބަދޫކޮއްލާ.