21 ޖުލައި 2025 - 14:36
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ސޮއިކުރަން ފަށައިފި އެވެ.
އެފްޑީސީން އަންގާ ތަރުތީބުން އެއްބަސްވުންތަކުގައި ސޮއިކުރަން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ހާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސައިފަ އެވެ. ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 4:00 އަށް ސޮއިކުރުން ކުރިއަށް ގެންދާނެ ކަމަށް އެފްޑީސީން ބުންޏެވެ.
ހުޅުމާލޭގައި އެފްޑީސީން އިމާރާތްކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ސަރުކާރުން ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުގެ ނިންމުމަކީ އެ ލިސްޓަށް ފްލެޓް ދޫކުރުމެވެ.
ފްލެޓް ލިސްޓް އިއުލާންކުރީ ކުރީގެ ސަރުކާރު ބަދަލުވާން ދެ ދުވަހަށް ވެފައި ވަނިކޮށް، ނޮވެމްބަރު 15، 2023 ގަ އެވެ. އެ ލިސްޓާ ގުޅިގެން ޝަކުވާ ފެންމަތިކޮށް އޭސީސީއަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެ ކޮމިޝަނުގެ ތަހުގީގަށް ފަހު ބުނެފައި ވަނީ ޝަރުތު ހަމަނުވާ ގިނަ ބަޔަކު ލިސްޓުގައި ހިމެނޭ ކަމަށެވެ.
އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނި އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ އޭރު އިއުލާންކުރި ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ހުށަހެޅި މައުލޫމާތު ވެރިފައި ކުރިއިރު، ޝަރުތު ހަމަނުވާ މީހުންނަށް އެކަން އަންގާފައިވާ ކަމަށެވެ.
ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި ހިމެނޭ މީހުންގެ މައުލޫމާތު ހައުސިން މިނިސްޓްރީން އަންނަނީ އެފްޑީސީއަށް އަންގަމުންނެވެ. އަދި އެކަން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އެ މީހަކަށް ވެސް އަންގަ އެވެ.
އޭގެ ފަހުން، ސޮއިކުރަން ދާން ޖެހޭ ތާރީހް ފަދަ އެހެން ހުރިހާ މުއާމަލާތެއް ކުރިއަށް ގެންދާނީ އެފްޑީސީންނެވެ.
ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަމުން އަންނަނީ ލިސްޓުން އުނިކުރި މީހުންނާ އެކު ލިސްޓް ގެޒެޓްނުކޮށް ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުންފާޅުކުރެ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ، ދާއިމީ ލިސްޓަށް ފަހު އިތުރު ލިސްޓެއް ނެރޭ ވާހަކަ ކުރިން ވެސް ދަންނަވާފައި ނުވާނެ ކަމަށެވެ. ދާއިމީ ލިސްޓަށް ފަހު އިތުރު ލިސްޓެއް އާންމު ކުރުމަކީ ދުވަހަކު ވެސް ކުރާ ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.
އެފްޑީސީން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތަކުގެ އެގްރިމެންޓުގައި މިއަދު މީހަކު ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންދާ މަޝްރޫއުގައި ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އަށެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި އެގްރިމެންޓުގައި ސޮއިކުރިއަސް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކުރާނީ ޑިޕޮސިޓު ފައިސާ ދެއްކުމުންނެވެ. އެ ފައިސާ ދައްކަން އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
"އަންނަ ސެޕްޓެމްބަރު މަހަށް އެ ތަނަށް ވަދެވޭވަރަށް މަސައްކަތް ނިންމަން މިހާރު ކަނޑައަޅާފައި ވަނީ. އެހެންވެ، އެކަށީގެންވާ ވަގުތު އެބައޮތް. އެތަން ލިބުނު މީހުންނާއި ތަޅުދަނޑި ނެގުމަށް އެކަށީގެންވާ ވަގުތު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ 4،000 ފްލެޓު ހަވާލު ކުރަނީ ފިނިޝިންގެ މަސައްކަތްތައް ނިންމާފައި ކަމަށެވެ. އެގޮތުން ފަންކާ އާއި ކުޑަދޮރާއި ދޮރު ހަރުކޮށް ޓައިލްސް ޖަހާފައި ހުންނާނެ ކަމަށް ބުންޏެވެ. އޭގެ އިތުރުން މުޅި ފްލެޓުގައި ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށި ވެސް ހުންނާނީ ހަރުކޮށްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯސްބެ
22 July 2025
މިނިސްޓަރު ވިދާޅުވީ ނިމޭވަރަކުން އިސްކަންދޭ ފަރާތްތަކަށް ބަލައިގެންނޭ ދޭނީ. އެކަމަކު އަޕްޑޭޓް ވަމުން އެދަނީ ނިމޭ ތަރުތީބަކުން ނޫން އަދި ޕޮއިންޓް މަތިން ލިބޭ ތަރުތީބަކުންވެސް ނޫން. ލިސްޓެއްގެ ތަރުތީބަކުންވެސް ނޫން. ފުރަތަމަ މިމަހު ސޮއިކުރަން ބުނި 1000 އެ ނެގީ ކޮން ގޮތަކުން ކަމެއްވެސް ނޭގެ. ލިސްޓެއް އާއްމު ނުކުރަންޔާ ދެނީ ކޮންބަޔަކަށް ކަމެއްވެސް ނޭގެ އަދި ފާރަވެރިވާންތިބި ބަޔަކަށްވެސް ދަނީ ރަނގަޅަށްކަމެއް ގޯސްކޮށް ކަމެއް ބެލޭނެ ގޮތެއްވެސް ނެތް
މަހުޒޫމް
22 July 2025
ރަށްރަށުގަ ތިބި އެމްޑީޕީ މީހުންނަށްވެސް ފުލެޓްދީ މުޅި ލިސްޓު އޮތީ އެގޮތް މިގޮތް ހަދާފަ.، ހައްގުވެރިން އެއްކިބާކޮށް ޕާޓީ ކުދިންނަށް ފުލެޓްދީފަ ދިޔަޔަސް އެކަމެއް ނުނިމޭ އިގޭތޯ އިބުރާހިމާ. މި ސަރުކާރަކުން އެހެންނެއް ނުހަދާނެކަން މިއޮތީ ސާބިތުކޮށްދީފަ
ފިރާޝް މުހައްމަދު
22 July 2025
އެންމެ އިންސާފުވެރިކަމާއެކު ފުލެޓް މިދެނީ މިއަދުގެ ސަރުކާރުން. މުއިއްޒު ވަރެއް ނެތް
ފިރާގް
22 July 2025
ރައްޔިތުންނަށް އުދަގުލެއް ނުޖައްސާ ތަރުތީބުކޮށްގެން މި މަސައްކަތް މި ކުރެވިގެންދަނީ. ބަޔަކު މީހުން ފިތުނަ އުފައްދަން އުޅުނަސް އެކަމެއް ހާސިލެއްނުވާނެ
ސިޔާދު ހަލީމް
22 July 2025
ދެން ކީކޭ އިިދިކޮޅުން ބުނާނީ؟ ކަންކަން މިދަނީ ނިމި ހަވާލުކޮށް ރައްޔިތުންނަށް ދެމުން.
އާފާގް މުހައްމަދު
22 July 2025
ވެރިކަން ނިމުނުއިރު 20% ނިމުނު ފްލެޓްތައް މިވެރިކަމުގައި މިދަނީ ނިންމާ ހަވާލުކުރަމުން. ހަގީގަތަކީ މިއި
އޮނަރަބްލް އަފީފު ދީދީ
21 July 2025
މާލޭސަރުކާރުން ކުރާ ފައިސާ އާއި ގުޅުންހުރި މިފަދަ އެއްވެސް ކަމެއް ހާމަކަން ބޮޑު ގޮތަކަށް ނުކުރަނީ މިކަންކުރާ ބަޔަކަށް މާލީގޮތުން ލިބޭ ފައިދާތަކެއްގެ ސަބަބުން ކަމަށް ވެދާނެ. ކ.މާލޭ މީހުން ވަންނާނެ ތަނެއް ނެތްކަމަށް ކިޔައިގެން ދައުލަތް ދަރަނިކޮށް އެތައް ސަތޭކަ ބިލިޔަން ޑޮލަރު ނަގައިގެން ހިއްކާ ރަނުގެ އަގުހުރި ބިމާއި، އެއްބަސް ވުމެއްގެ ދަށުން އިންސްޓޯލްމަންޓަށް ފައިސާ ދައްކާންޖެހޭ ފުލެޓްތަކުގެ ކަންކަންވެސް ކުރަނީ ވަރަށްސިއްރުވެރި މަކަރުވެރިގޮތަކަށް.
ޝަރުތު ހަމަނުވާ ދިވެހިން
22 July 2025
ފްލެޓް ނުލިބޭނެ މީހުން މހާރުގެ ލިސްޓުގަ ތިބިނަމަ، ބާކީވާ ފްލެޓްތަކެއްވެސް ހުންނާނެތާ އެއަށް ހަދާނީ ކިހިނެއްބާ؟؟؟
އޮނަރަބްލް އަފީފު ދީދީ
21 July 2025
މަތީގައިދެންނެވި ގޮތަށް އަގުއަދާކުރަން ޙަވާލުކުރާ ފުލެޓްތައްލިބޭ ކ.މާލޭމީހުން އެތަންތަނަށް ލޯލާރިއެއްވެސް ނުދައްކާ ތިންވަނަ ފަރާތަކަށް ބޮޑުއަގުގައި ފުލެޓް ކުއްޔަށްދީގެން އެފައިސާ ކަމުންގެންދާއިރު މާލޭސަރުކާރު ހިންގާންތިބޭމީހުނާއި، މާލޭމީހުނަށް މިފަދަކަންކަމަށް މަގުފަހިކޮށްދިނުމަށް މާލޭސަރުކާރުން އެކިއެކިނަންނަމުގައި ހަދާފައިވާ އެރަށު ކުންފުނިތަކުގެ ވެރިންވެސް އެފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރޭ.
ޏަނާ
21 July 2025
އަޅުގަނޑަށް އެނގޭ ހިޔާ ފްލެޓް ލިބިފަހުރި އެހެން ރަށް ރަށުގެ މީހުންވެސް ކުއްޔަށްދީގެން ފައިސާ ނުދައްކާ އެބަ އުޅޭ. އެހެންކަމުން ކުލިނުދައްކަނީ މާލެ މީހުން އެކަންޏޭ ބުނުމަކުން ނުފުދޭ. ކޮންމެ ބަޔަކު ކުރި ނަމަވެސް ކުލިނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން މުހިއްމީ. އަދި ވަންނާނެ ގޮދޮރު ނެތްކަމަށްބުނެ ހޯދާ ފްލެޓްތަކުގައި އެހެން ބަޔަކު އުޅޭނަމަ އެތަންތަން އަތުލައި ހައްގުވެރިންނަށް ދޭނެ ސަރުކާރެއް ގެންނަންވީ.
އޮނަރަބްލް އަފީފު ދީދީ
21 July 2025
ނަހަމަ ނާޖާއިޒު އެތައް ކަމެއް މިކަމުގެ ތެރޭގައި ހިންގަމުން ގެންދާ ކ.މާލޭ ބިން ހިއްކުމަށާއި އެރަށުގައި ފުލެޓް އެޅުމަށް ޗައިނާ ސަރުކާރާއި ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނު ނުދެއްކި މިހާރު ދައުލަތް އޮތީ 1 ބިލިޔަން ޑޮލަރާއި ހަމައަށް ދަރަނިވެރިވެ ބަޤުރޫޓް އިޢުލާން ކުރާންޖެހޭ ދަރަޖައަށް ވެއްޓިފަ. މާލޭސަރުކާރުން އެރަށު މީހުނަށް މިދެންނެވި ބިންތައް ހިލޭ ބަހާފައި ފުލެޓަށް ވެސް އަގު ނުހޯދާތީ ޗައިނާއިން މިހާރު ވަނީ ލޯނު ދޫކުރުންވެސް ހުއްޓާލާފައި.
އަމްދާ
21 July 2025
ވަގުން ކުރާ ގޮތައް ކުރަނީ. ލިބޭ މީހެއް ނުލިބޭ މީހެއް ނޭންގެ. ތި ފްލެޓް ގުރޫޕުގަ މީހުން އެބައުޅޭ މެސެޖްނާންނަންޔާ ދެން ހަދާންޖެހޭ ގޮތެއް ނޭންގިގެން. މިހޫރު ނޭންގެ ކިތައްމީހުނަށް ކަމެއް މެސްޖް ލިބުނީވެސް. ނުލިބޭ މީހައަށްވެސް ނުލިބޭކަން އެނގުމުގެ ހައްގު އޮންނަންވާނެ. ވަރަށް ކޮރަޕްޓްކޮއް ފްލެޓް ހަވާލުކުރަމުން އެދަނީ
އެފް.ޑީ.ސީ
22 July 2025
ފުލެޓުތައް ނިމޭ ވަރަކުން ޙަވާލުކުރަނީ. އަދި 4000 އެއްކޮށް ނުނިމޭ. އެހެންވީމާ މިހާރު މިޙަވާލުކުރަނީ މިހާރަށް ނިމުނު ފެލެޓުތައް
އިންތިޒާރު
22 July 2025
އަހަރެމެން މީ 68 ޕޮއިންޓް ލިބިފަ ތިބިމީހުން މި 4000މީހުންގެ ކަންކަން ނުނިމިގެން މިތިބެނީ އަހަރެމެންނަށް ވާނީ ކިހިނެއްބާ؟؟؟