ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް "ކޮރަލް ގާޑެން" ޕްރޮޖެކްޓް ފެށުމަށް ބޭއްވި ހަފުލާގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލާއި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 ޖުލައި 2025 - 21:58
ހުޅުމާލެ 1 އާއި 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އިންދައި އާލާކުރުމުގެ ޕްރޮޖެކްޓެއް މިއަދު ފަށައިފި އެވެ.
އެޗްޑީސީން ބުނީ އެ ކުންފުންޏާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) ގުޅިގެން "ކޮރަލް ގާޑެން ޕްރޮޖެކްޓް" މިއަދު ފަށާފައިވާ ކަމަށެވެ.
ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް "ކޮރަލް ގާޑެން" ޕްރޮޖެކްޓް ފެށުމަށް ބޭއްވި ހަފުލާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ޕްރޮޖެކްޓު ފެށުމުގެ ގޮތުން މިއަދު ހަވީރު ހުޅުމާލެ ޗެނަލް ޕާކުގައި ބޭއްވި ހަފުލާގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލާއި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް އަދި ތިން އިދާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި މަސައްކަތުގައި އަމަލީ ގޮތުން އުޅޭ މުވައްޒަފުން ވެސް ބައިވެރިވި އެވެ.
"މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ،" މައުރޫފް ވިދާޅުވި އެވެ.
"ކޮރަލް ގާޑެން ޕްރޮޖެކްޓް" ފެށުމުގެ ގޮތުން އެ ސަރަހައްދުގައި މޫދު އަޑީގައި މިއަދު މުރަކަ އިންދާފައިވާ ކަމަށާއި އެ މުރަކަތައް ހެދި ބޮޑުވާ ގޮތް ބެލުމަށް ބޭނުންކުރާ ހާއްސަ ވަސީލަތެއް ކަމަށްވާ "މާސް ފްރޭމްސް" ބޭނުންކޮށްގެން މޮނިޓާކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ސަރަހައްދުގައި އިންދީ ހުޅުމާލޭގެ އިރުމަތީ ފަރުން ނެގި ވަކި ބާވަތެއްގެ މުރަކަ ކަމަށެވެ.
ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް "ކޮރަލް ގާޑެން" ޕްރޮޖެކްޓް ފެށުމަށް ބޭއްވި ހަފުލާ: އެ ސަރަހައްދުގައި އިންދާ މުރަކަ މޫދަށް ތިރިކުރަން ރެޑީކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެޗްޑީސީގެ އެންވަޔަރަމެންޓް މެނޭޖުމަންޓް އެންޑް ސާވޭއިން ޑިޕާޓްމަންޓްގެ މެނޭޖަރު ހަސަން އަބްދުލް މުހުސިން ވިދާޅުވީ މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި އެ ކުންފުނީގައި ތިބި މިކަމާ ގުޅޭ މާހިރުންގެ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.
"ދެން ކުރިއަށް ދާނެ މަސައްކަތަކީ މި ސަރަހައްދު މޮނިޓާކޮށް، އިވެލުއޭޓްކޮށް، މި ސަރަހައްދުގައި މިކަން ކޮށްގެން އެދެވޭ ނަތީޖާއެއް ފެނިއްޖެއްޔާ މި ޕްރޮޖެކްޓް އެކްސްޕެންޑްކުރާނީ،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް "ކޮރަލް ގާޑެން" ޕްރޮޖެކްޓް ފެށުމަށް ބޭއްވި ހަފުލާ: އެ ސަރަހައްދުގައި އިންދާ މުރަކަ މޫދަށް ތިރިކުރަން ރެޑީކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވި ގޮތުގައި، މި ޕްރޮޖެކްޓުގެ މަގުސަދަކީ ހުޅުމާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މެދުގައި ދެމެހެއްޓެނިވި ގުޅުމެއް އުފެއްދުމެވެ.
އެޗްޑީސީން ބުނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ދަށުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ ކަމަށެވެ.
ކޮމިއުނިޓީ އެންގޭޖުމަންޓް އިތުރުކުރުމުގެ މަގުސަދުގައި ވެސް ކުރިއަށް ގެންދާ އެ ޕްރޮޖެކްޓުގެ ބޭނުމަކީ، އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަނޭ
23 July 2025
ސާފު ނޫ ފެންގަނޑެއްހެން އޮތް ކޯރު ނުވަތަ ޗެނަލް މުރަކައާއި ދަގަނޑުން ފުރާލީމާ ފެހިޖަހައި ކަޅުވެ ފެންނަ މަންޒަރު ވަރަށް ހަޑިވާނެ. ފަހަރެއްގައި ކުދި މަސް އާލާ ވެދާނެ
ސރީފާއްތަ
23 July 2025
އަޅުގަޑުމެންގެ ރާއްޖޭގެ ހުރިހާވެސް މުސްތަގްބަލް ބިނާވެންވަނީ ތި މިުރަކަތައް އާލާވެގެން ފަރުތައް ސަލާމަތްކުރެވި މަސްތަކާއި ދިރިހުރިތަކަެތި ސަލާމަތްކުރެވިގެން.ވަރަށް ރަގަޅުކަމެއް
ޔޫނުސް22
23 July 2025
ބަލަ ޕްލާސްޓިކް ކޭބަލް ޓައި އޭ ތިޔަ ބޭނުންކުރަނީ. ކަޑަ އެހެންވީމާ. ކީއްވެބާ ތިމާވެއްޓާ ރަހުމަތްތެރި އެއްޗެއްބޭނުން ނުކުރީ!
ރާވެރިބެ
23 July 2025
ސަޅި ކަމެއް. އަދި އެބަޖެހޭ މި ޗެނެލްތެރޭ ޖެޓްސްކީ ދުއްވުމާ މަސް ބޭނުން މަނާ ކުރަން. މަސްމަހާ ދިރޭތަކެތި އާލާ ކުރާ މޫދު ބަގީޗާއެއްގަ މިބާބަތުގެ ކަންކަން ކުރެވިގެން ނުވާނެ. ކެނޯ ނުވަތަ ވިންޑް ސަރފިން ކަހަލަ ބައެއް މޫދު ކުޅިވަރު ކުޅެވިދާނެ. އެވެސް ހައްދެއްތެރޭ. ޗެނެލް ގޮޑު ދޮށުގަ ކެފޭ ކަހަލަ އިމާރާތް ހެދުމާ ވެސް ރާވެރިބެ ދެކޮޅު. އެއީ އާންމުންގެ ޕިކްނިކް ސަރަހައްދު ގޮތުގަ ބާއްވަން އެދޭތީ. ކޮންމެތާކު އިމާރާތެއް ބޭނުމެއް ނުވޭ.
ސަފިއްޔާ
23 July 2025
މުއިއްޒުގެ ދައުރުގަ ކުރެވުނު ހަމަ އެކަނި މީނިންފުލް ކަންތައް، އެވެސް އޭނަ ބުނެގެން ނޫން.
ޟަޒްނާ
22 July 2025
އެޗްޑީސީގެ އެންވަޔަރމަންޓް ޓީމް ހަދައިން ކޮންސަކަރާތެއް ޖަހަން. ހުުޅުމާލޭ މަގުމަތީ ހުރި ބުޅާ ހުސްކުރޭ.
ދަގަތްފާނު
22 July 2025
އެމްއެމްއޭއިން އޮފީހެއް ހަދަންވީމަ ބިންކޮޅު ގަންނަނަމުގަ އެތައްސަތޭކަ މިލިއަން ރުފިޔާ ރަށުއޮފީހަށް ދެނީ، ސަރުކާރު އޮފީހެއް ހަދަންޏާވެސް އެތައް ސަތޭކަ މިލިއަނެއް ރަށުއޮފީހަށް. ދެން ރަށުއޮފީހުން މުސާރަދީގެން މުވައްޒަފުންލާފަ މަގުމަތީ މާބަގީޗާ ހެއްދުމާއި މޫދުގަ މުރަކަބަގީޗާ ހެއްދުމާއި ހަވާއެރުވުމާއި މިކަހަލަ ކަންކަންކުރަނީ. ރާއްޖޭ އެހެން ރަށްރަށަށްވެސް މިގޮތަށް ނާޗަރަންގީއަށް ބައިތުލްމާލުން ފައިސާ ލިބެންޖެހޭ.