މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފީސް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
03 އޯގަސްޓް 2025 - 15:20
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހޯމް ފައިނޭންސިން ފެސިލިޓީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
އެ ފެސިލިޓީއަށް ގެނައި ބަދަލުތަކާއެކު އެ ބޭންކުން އެޕާޓްމަންޓް ފައިނޭންސް ނަގާ ފަރާތްތަކަށް މިހާރު 25 އަހަރާއި ހަމަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ. އަދި އެ ފެސިލިޓީ ނެގުމަށް އެޑްވާންސް ނުވަތަ ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން ޖެހޭ އަދަދު ވަނީ 10 ޕަސެންޓަށް ކުޑަކޮށްފަ އެވެ.
އެ ލުއިތައް ރަށްރަށުގައި ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ވެސް ލިބޭނެ އެވެ.
އެމްއައިބީއަކީ ރާއްޖޭގެ ހަމައެކަނި ފުލް ފްލެޖްޑް އިސްލާމިކް ބޭންކަށް ވުމުން އެ ބެންކުން ހައުސިން ފައިނޭންސް ހޯދުމަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ޑިމާންޑެއް އޮންނަކަން އެ ބޭންކުން ފާހަގަކުރެ އެވެ. އެ ބޭންކުން ބުނީ އަލަށް ގެނައި ބަދަލާއެކު ޝަރީއާ ހުއްދަކުރާ އުސޫލުން ފައިނޭންސް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
އެގޮތުން މީގެ ކުރިން ތިން މިލިއަން ރުފިޔާގެ އެޕާޓްމަންޓަކަށް ހަ ލައްކަ ރުފިޔާ ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ނަމަވެސް މިހާރު ދައްކަން ޖެހެނީ ތިން ލައްކަ ރުފިޔާ އެވެ.
އެމްއައިބީގެ ހޯމް ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް އެޕާޓްމަންޓު ގަތުމަށް ފައިނޭންސްކޮށް ދޭނީ އިމާރާތް ކުރަމުންދާ ޕްރޮޖެކްޓެއް ނަމަ، އެ ބޭންކުން ކަނޑައަޅާފައިވާ ވަކި މިންގަނޑުތަކަކަށް ފެތޭ ޕްރޮޖެކްޓުތަކަކަށް އެކަންޏެވެ.
އެ ބޭންކުން މިހާރު ފައިނޭންސްކޮށްދޭ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނެނީ ރެނާޓަސް ޖަވާހިރު އާއި ރެއިންޕާމް ރެސިޑެންސާއި ރެއިންޕާލް ރެސިޑެންސާއި އެޕޯލޯ ކުންފުނީގެ ސެންޓްރިއާލްގެ އިތުރުން ސާސޭ ގްލަޓް ދަ ކްރީކް ވިއު އަދި އެސްޖޭ ކްރީކް ރެސިޑެންސެވެ. އެ ޕްރޮޖެކްޓުތަކަކީ އެކި މަރުހަލާތަކުގައި ހިނގަމުންދާ ޕްރޮޖެކްޓްތަކެކެވެ.
އެމްއައިބީއިން ބުނީ ވަރަށް އަވަހަށް އިތުރު ބައެއް ޕްރޮޖެކްޓްތަކުން އެޕާޓްމަންޓް ގަތުމަށް ފައިނޭންސް ހޯދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އިމާރާތްކޮށް ނިމިފައިވާ ޕްރޮޖެކްޓުތަކުން ވިއްކާ އެޕާޓްމަންޓުތައް ގަތުމަށާއި އެހެން ބޭންކްތަކުން ފައިނޭންސް ކޮށްފައި ހުރި އެޕާޓްމަންޓުތައް ރީފައިނޭންސް ކުރުމަށް ވެސް އެމްއައިބީގެ ހޯމް ފައިނޭންސިން ފެސިލިޓީ ބޭނުން ކުރެވޭނެ އެވެ.
އެމްއައިބީއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޝަރީއާ ހުއްދަކުރާ އުސޫލުން ފައިނޭންސްކޮށްދޭ އެންމެ ބޮޑު ކުންފުންޏެވެ. މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު އެބޭންކުން ވަނީ 6.57 ބިލިއަން ރުފިޔާގެ ފައިނޭންސް ކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy