ގަވަރުނަރު މުނައްވަރު މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ: އޭނާ އެދިވަޑައިގެން މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ވަނީ ސިއްރުކޮށްފައި. -- ފޮޓޯ: މިހާރު
04 އޯގަސްޓް 2025 - 11:56
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ބައިވެރިވެވަޑައިގަތް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު ހާޒިރުވެވަޑައިގަތީ، ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާ ގުޅޭ ގޮތުންނާއި އެމްއެމްއޭ އިން ކުރާ ބައެއް މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަން އޭނާ އެދިވަޑައިގެންނެވެ.
މިއަދުގެ ބައްދަލުވުން ސިއްރުކުރަން މުނައްވަރު އެދިވަޑައިގަތުމުން، އެކަމާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ދެ ހުށަހެޅުމެއް ހުށަހެޅި އެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު ވަނީ އާންމުންނާ ގުޅޭ މުހިއްމު މައުލޫމާތުތައް ހިއްސާކުރައްވާ، އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ހުށަހަޅުއްވައިފަ އެވެ.
"އަޅުގަނޑަކަށް ނުފެނޭ މުޅި ކޮމިޓީ ސިއްރުކޮށްގެން ގެންދާކަށް. ސިއްރުން ބުނަން ބޭނުންވާ ކަމެއް އޮތިއްޔާ އެކަމެއް ސިއްރުކޮށްފައި، ޕަބްލިކަށް އެނގެން ޖެހޭ މިކުރެވޭ ސުވާލުތަކާއި މަސައްކަތް. އަޅުގަނޑުމެން ސިއްރުން ހުރިހާ ކަމެއް ކުރަންޏާ ކިހިނެތްތޯ ކަންކަން ރަނގަޅު ކުރާނީ. އަޅުގަނޑުމެންގެ މާ ބޮޑު ޝަކުވާއެއް އެބަ އޮތް ޕަބްލިކްގެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިއްރުކުރަން އޮންނަނީ ގައުމީ ސަލާމަތަށް ނުރައްކާވާ މައްސަލަތައް ކަމަށާއި ކޮންމެ ކަމެއް ސިއްރު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެކަމަށް ތާއީދު ކުރެއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ.
އެ ހުށަހެޅުން އޮއްވައި، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ ގަވަރުނަރު މުނައްވަރު އެދިވަޑައިގަތް ގޮތަށް އެ މައްސަލަ ސިއްރު ކުރަން ހުށަހަޅުއްވައިފަ އެވެ. މިކަމުގައި ހާމަކުރަން ޖެހޭ މައުލޫމާތެއް އޮތް ނަމަ، އެކަންކަން ހާމަކުރާނެ ކަމަށް ވެސް މަމްދޫހް ވިދާޅުވި އެވެ.
އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. މިގޮތަށް ކޮމިޓީ ކުރިއަށް ގެންދަން، ފާސްވީ، ކޮމިޓީގައި ތިއްބެވި ހަ މެމްބަރެއްގެ ތާއީދާ އެކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝައުގީ
05 August 2025
ހަމަ ރަނގަޅަށް ތިހަދަނީ. އެމްޑީޕީ މީހުންނަށް ހަޖަމް ވާނެ ކަމަށް ހީކުރަން. އެމީހުންގެ ވެރިކަމުގައި މިކަން އޮތީ ހައްދުން ނައްޓާފާ. މީ ހަގީގަތަކީ
ރަފްހާން ރަޝީދު
05 August 2025
ހުރިހާ ކަމެއް ބޭރަށް ހާމަ ކުރަންތާ ނެތެއްނު ސަލާމަތެއް. ބަލަގަ ކީއްވެ ސިއްރު ނުކުރަންވީ؟ ގެއްލޭނެ އެއްޗެއް ނެތް. މުހިއްމީ ގައުމު ހިގުން. އެކަން މުނައްވަރު އެދަނީ ވަރަށް ވިސްނުންތެރިކަމާއެކު ސަރުކާރާ ގުޅިގެން ކުރަމުން ތާ
މުސްނިދު
05 August 2025
ސިއްރުކުރަންޖެހޭ ކޮމެޓީތައް ޖެހޭނީ ސިއްރުކުރަން. މިއީ މިކަން އޮންނަންޖެހޭ ގޮތް. މިއުޅެނީ ބަތްކައްކާކަށް ނޫން
ކަލާސް
04 August 2025
މުނައްވަރު ވަރަށް ރަނގަޅަށް ދަންނަމުތަ؟. އަޅުގަނޑު ކުޑަ ދިރާސާއެއް ހަދާލި އިރު ކަމަކުދާކަށް ނެތް
އުދުހޭ
04 August 2025
ސިއްރުން ބައްދަލުވުންތަށް ބާއްވަނީވެސް ކުރީ ސަރުކާރުން ދޯ؟
ކޮރަލް
04 August 2025
ޑިމޮކްރަސީ އައުމަށް ފަހު ސަރުކާރު ހިންގަނީ ޕާޓީ އަކުން ނެވެ. އޭގަ އޮންނާނީ ރައްޔިތުންނަށް ވުރެ ބޮޑަށް ޕާޓީ ގެ މަސްލަހަތެވެ. މިހާރު ވެރިކަ ކުރަނީ ޕީއެންސީ އިންނެވެ. ވީމާ އެމޑީޕީ އިން ބުނާ ގޮތެއް ނުހަދާނެ އެވެ. ހަދާކަށް ނުވެސް ޖެހެ އެވެ. ހަގީގަތަކީ އެއީ އެވެ. ވަޒީފާ ވެސް ދޭނީ ޕާޓީ އިން ބޭނުން ވާބަޔަކަށެވެ. ތައުލީމީ ފެންވަރު ހުންނާ ކަށް ނުޖެހެ އެވެ. ކޮމެޓީ ސިއްރު ކުރަން ނުފެންނަ ނަމަ ސިއްރެއް ނުކުރާނެ އެވެ.
ބަބްސް
04 August 2025
މިއީ ރާއްޖޭގައި އުޅޭ މީހުންނަށް ޑިމޮކްރަސީ ދަސްވެފަ އޮތްގޮތް އަދި އެހެނިހެން ޤައުމުގައިގައި ކަންކުރާގޮތް. އެމެރިކާގައިވެސް އޮންނަނީ މިއުސޫލު. ވެރިކަން ހޯދަން ރަށްޔިތުންގެ ވޯޓު ބޭނުންވޭ .. ލިބުމަށްފަހު ދެންއޮންނަނީ ޕާޓީ ގެ ވެރިކަން. ޕާޓީ ގެ ބޮޑަކު ވަންކަން ފޮރުވަން ހުރުހާ ކަމެއްވެސް ދެންސިއްރުކުރާނެ.
ބަބްސް
04 August 2025
އެއްވެސް ކަމެއް ރަށްޔިތުންނަށް ސިއްރުކޮއްގެން ނުވާނެ. ސިއްރުކުރަނީ ވަންކަން ފޮރުވަން ނުވަތަ ފޮރުވާދޭން. ސިއްރުކުރާ ހިސާބުން އެއޮތީ އިތުބާރު ގެއްލިފަ.
ދޮން
04 August 2025
ބަޔަކު ކަންކަން ސިއްރުކޮށްގެން އުޅޭތީ މިސަރުކާރު ރައްޔިތުން ހޮވީ މިވެރިންވެސް ސިއްރު ދެން ކީކޭ ބުނާނީ .. ދެން ހޮވާނީ ސިއްރުކުރަން މެނިފެސްޓޯ ހުށައަޅާބަޔެއް . އޭރުން ސިއްރު ސަރުކާރު އޮންނާނީ ...