މީރާ: ޓެކްސް ނުދައްކާ މީހުންގެ އަދަބު ބޮޑުކުރަން ހުށަހެޅި ބިލް މަޖިލީހުން ވަނީ ބަލައިގެންފައި --- ފޮޓޯ/މިހާރު
06 އޯގަސްޓް 2025 - 14:08
ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ހުށަހެޅުމުގެ މަގްސަދުގެ ގޮތުގައި ހިމަނާފައިވަނީ ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާ އަށް ލިބޭ ބާރުތައް މުރާޖައާކޮށް، ޓެކްސްއާ ގުޅޭ ކުށްތަކުގެ އަދަބު ބޮޑުކުރުމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ބަލައިގެންފައިވަނީ، އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ބިލު ބަލައިގަތުމާއެކު، މަޖިލީހުގެ ރިޔާސަތުން ވަނީ އެ ބިލު ދިރާސާކުރަން މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
އެ ބިލުގައި ޓެކްސް ދެއްކުމުން ރެކުމުގެ ނިޔަތުގައި ކުރާ ކުށުގެ އަދަބު، ތިން މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ގޭބަންދު ކުރުމުގެ އަދަބެއްގެ ގޮތުގައި އޮތްއޮތުން، ތިން މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު އަދަބަކަށް ބަދަލުކުރަން ބިލުގައިވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތައް، ގިނަވެގެން ހަ މަސް ދުވަހަށް ގޭބަންދު ކުރެވޭ ގޮތަށް އޮތް އަދަބު، ހަ މަސް ދުވަހުގެ ޖަލު އަދަބަކަށް ބަދަލުކޮށް އަދި 250،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ވެސް ބިލުގައިވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން، ޓެކްސް ދައްކަންޖެހޭ މުއްދަތުން ހަމަވާ ދުވަހުން ފެށިގެން ޖޫރިމަނާގެ ގޮތުގައި ނަގަމުން އައި 0.05 ޕަސެންޓުގެ ޖޫރިމަނާ ދެ ގުނަ ބޮޑުކޮށް، ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓުން ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނައިފަ އެވެ.
އެ ބިލުގައި، މީރާ އަށް ދައްކަންޖެހޭ ޓެކްސް ފައިސާއާ ގުޅޭގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅުމުގެ އުސޫލު ވެސް ބަދަލުކުރަން ވަނީ ހުށަހަޅައިފަ އެވެ. އެ ބިލުގައިވާ ގޮތުން، މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުންނެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، މީރާ އަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ދިނުމަށް ވެސް ބިލުގައި ހުށަހަޅާފައިވެ އެވެ. އެގޮތުން ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހުއްޓުވުމާއި ބިން ބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓްތައް ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރުން ބޭރު ގައުމުތައް މެދުވެރިކޮށް ފައިސާ ހޯދުމުގެ ބާރު މީރާ އަށް ދޭން ވަނީ ހުށަހަޅައިފަ އެވެ.
މީރާ އިން ފޮނުވާ ނޯޓިސްތައް ރައްދު ކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން، މީރާއަށް ދީފައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެ ލިޔުމެއް ފޮނުވުމުން އެ ފަރާތަށް ލިޔުން ރައްދުވީ ކަމަށް ބެލެވޭނެ ކަމަށް އާ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާތިފް ޝުކޫރު
07 August 2025
އެތައް ބިލިޔަން ރުފިޔާއެއް ދައުލަތަކަށް ނުދައްކާ އެބަހުރި. އެ ހޯދޭނީ މިހެން މިކަން ކޮށްގެން ކަމަށް މަށަށް ގަބޫލް ކުރެވެނީ
އާތިފް މުހައްމަދު
07 August 2025
ބަރާބަރު ކަމެއް. މިކަން ކުރަން ލަސްވެސްވެއްޖެ.
ފަންވަތް
06 August 2025
ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅުން އޯކޭ، ޓެކްސް ދައްކާ ވިޔަފާރިތަކަށް ފަހިވާނެ ގޮތްތަކަށް ސަރުކާރުތަކުންވެސް ކަންކަން ރާވަންޖެހެއި ، މިގޮތުން ގުދަން ކުރެވޭނެ އިންތިޒާމް ތަކާއި ވެހިކަލް ޕާކުކުރެވޭނެ އިންތިޒާމްތަކާއި މުވައްޒަފުން ގެންގުޅޭނެ ތަންތަން ކުއްޔަށް ލިބޭނެ ގޮތްތައް ހަމަޖައްސައި ދޭން ޖެހެއި ! އަދަބު ދެވޭނެ ނިޒާމެއް ގާއިމްކުރަން މަސައްކަތް ކުރާހެން ލުއިފަސޭހަ ވާނެ ނިޒާމެއްވެސް ގާއިމް ކުރަންޖެހެއި !
ދޮންކަރާ
06 August 2025
މިބިލް ނިމޭއިރު މި ވާނެ ސިޔާސީ އެންމެ ވަރުގަދަ ހަތިޔާރަށް... އާދައިގެ މީހާއަށް ނޭނގިވެސް ޓެކްސްގެ ކަމެއްގަ ތާށިވެދާނެ. މަށަށް ޔަގީން ގިނަ ކުދި ވިޔަފާރިތަށް ގޮޅިއަކަށް ފައްތާލެވޭނެ. ނިމޭއިރު ބޮޑަބަޔަކަށް އޮންނަނީ ޖަލައް ލާނެ ކަމުގެ ބިރު ދެއްކޭ ހިސާބުގައި. ސިޔާސީ މީހުންނަށް މިވާނީ ކޮރަޕްޝަންފައިސާ ދަމައިގަންނަށް އިތުރު ސޯސްއަކަށް. މިހާރުވެސް ރަށުތެރޭ އެބައުޅޭ އަދަދުގެ %10 ދިނީމައި ސަރުކާރުން ނުދައްކާހުރި ބިލައް ފައިސާ ނެރެދޭ ސިޔާސީމީހުން.
ފަރަންޖީ
06 August 2025
ގައުމުގެ ހިންގުމުގެ ޚަދާއި އިސްރާފު އިންތިހާއަށް ބޮޑުކޮށްފަ ލާރި ނެތިގެން ދެން މިދިމާކުރަނީ ރައްޔިތުން ޖަލައްލައިގެން ފިތާލައިގެން ލާރި ނެރެން. ކާކު ބުނެގެންތޯ 50 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ރަސްފަންނު ތިހިއްކަނީ؟ ކާކު ބުނެގެންތޯ 100 މިލިއަން ރުފިޔާ ޚަރަދުކޮށްފަ ހަވާއަރުވަނީ. މިކަންކަމުގެ ބިލްދައްކަން މިޖެހެނީ ރައްޔިތުން ފެލާލައިގެން ލާރިހޯދަން.