ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ތ. ތިމަރަފުށި ދާއިރާ އަށް ނުކުންނަވަން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓެކްސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވާކަން ތިމަރަފުއްޓަށް އުފަން ފަތުހުﷲ ވަނީ އެ އިދާރާގެ އިސް މުވައްޒަފުންނާ ބައްދަލުކުރައްވައި މިދިޔަ ހަފުތާގައި އަންގަވައިފަ އެވެ. އެހެންވެ، ވަރަށް އަވަހަށް އިސްތިއުފާ ދެއްވާނެ ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ފަތުހުﷲ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްުޔަންކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެމްޑީޕީގެ ވެރިކަމުގައި އޮކްޓޫބަރު 28، 2019 ގަ އެވެ. ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އެންމެ ފަހުން މީރާގައި އޭނާ އަދާކުރެއްވީ ޑިރެކްޓަ ޖެނެރަލްގެ މަގާމެވެ.
ކުރިން ހިންގި ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއު އޮތޯރިޓީގައި އުޅުއްވުމަށް ފަހު، މީރާގައި ފަތުހުﷲ ގެ ފުރަތަމަ ވަޒީފާއަކީ ރެވެނިއު އޮފިސަރު ކަމެވެ. އޭގެ ފަހުން ސީނިއާ ރެވެނިއު އޮފިސަރު ކަން ވެސް ކުރެއްވުމަށް ފަހު ފަތުހުﷲ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމަށް ހަމަޖެއްސީ 2010 ގަ އެވެ.
އެކަމަކު، ވަކި ހިސާބަކުން މީރާ އިން ވަކިވެވަޑައިގަތުމަށް ފަހު، ޓެކްސް ކޮމިޝަނަ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމާ ހިސާބަށް 2016 ވަނަ އަހަރުން ފެށިގެން އޭނާ އުޅުއްވީ ދިރާގުގެ ޓެކްސް، ރިސްކް އެންޑް ކޮމްޕްލެއަންސްގެ މެނޭޖަރަކަށެވެ