އެމްޕީއެލްގެ މުވައްޒަފުންތަކެއް މަސައްކަތުގައި: ތެލުގެ ހިޔާނާތާ ގުޅިގެން ފިޔަވަޅުތަކެއް އަޅަން މަޖިލީހުން އަންގަން ކޮމިޓީން ވަނީ ފާސްކޮށްފައި - ފޮޓޯ: މިހާރު
11 އޯގަސްޓް 2025 - 10:30
އެމްޕީއެލަށް އެފްއެސްއެމުން ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ މައްސަލައިގައި ފިޔަވަޅުތަކެއް އަޅަން އެމްޕީއެލް އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
އެމްޕީއެލްއަށް ތެޔޮ ހޯދަން 2018-2020 ވަނަ އަހަރާ ދެމެދު ހިންގި މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓެއް ހެދުމަށް ފަހު، އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ، އެތައް މިލިއަން ލީޓަރުގެ ތެޔޮ ގެއްލުމުގައި އެމްޕީއެލާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމަށެވެ. މި ހިޔާނާތް ފަޅާއަރައި، މައްސަލަ ބެލުމަށް ފަހު މުވައްޒަފުންތަކެއް ވަކި ވެސް ކުރި އެވެ. ނަމަވެސް، މި ހިޔާނާތުގައި އެމްޕީއެލަށް ގެއްލުނު ފައިސާ މިހާތަނަށް ވެސް ހޯދިފައެއް ނުވެ އެވެ.
އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށް ފަހު، ތައްޔާރުކުރި ރިޕޯޓް މިއަދު މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅައިފަ އެވެ. އެ ހިޔާނާތާ ގުޅިގެން ފަސް ކަމެއް ކުރަން އަންގަން ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެއީ؛
● އޮޑިޓް ރިޕޯޓްގައި އެ އޮފީހުން ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރަން އެމްޕީއެލްއަށް އެންގުން
● ތެޔޮ ވިއްކާ އަޅަނދުފަހަރުތައް މޮނީޓާ ކުރުމަށް ކެމެރާ ސިސްޓަމްތަކާއި ތެޔޮ ދޫކުރާ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް ޑިޖިޓަލްކޮށް ލައިވް ރިޕޯޓް ނެގޭ ގޮތަށް ހަދަން އެންގުން އަދި ބާޖުތަކުގައި ހުންނަ ތެޔޮ ޓޭންކްތަކުގެ ތެޔޮގެ މިންވަރު ލައިވްކޮށް އެނގޭނެ ގޮތަށް 45 ދުވަސް ތެރޭގައި ހެދުން.
● އެމްޕީއެލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް އަވަސްކޮށް، އެކަމުގައި ޕީޖީ އޮފީހުންނާއި ކޯޓުތަކުން ކުރާ މަސައްކަތްތަކުގެ ތަފްސީލީ ރިޕޯޓެއް މަޖިލީހަށް ހުށަހަޅަން އެންގުން.
● އެމްޕީއެލްގެ އެތެރޭގެ މާލީ މުއާމަލާތްތައް ހިންގުން ހަރުދަނާކުރަން އެންގުމާއި އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނަރަލްގެ އޮފީހަށް އެންގުން.
● މާލެ ސަރަހައްދުން ތެޔޮ އުޅަނދުތައް ބޭރުވުމަށް ފަހު ވެސް އެ އުޅަނދުތައް މޮނިޓާ ކުރެވޭނެ ސިސްޓަމްތައް ތިން މަސް ތެރޭގައި އުޅަނދުތަކުގައި ގާއިމް ކުރަން އެންގުން.
ކޮމިޓީގެ މި ރިޕޯޓާ މެދު މަޖިލީހުގެ ތަޅުމުގައި މިއަދު މެންބަރުން ބަހުސް ކުރެއްވިއިރު، ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ އެމްޑީޕީގެ ސަރުކާރުގައި މިފަދަ ގިނަ ހިޔާނާތުގެ މައްސަލަތަކެއް ހިނގާފައިވާ ކަމަށް ބުނެ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މި ރިޕޯޓް ފާސްކުރުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ވޯޓަށް އަހާނެ އެވެ.
އޮޑިޓް އޮފީހުން 2022 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ގެއްލިފައި ވަނީ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރި ކަމަށް ރިކޯޑުކޮށްފައިވާ 9.6 މިލިއަން ރުފިޔާގެ ޑީސަލާއި ޓަގު ބޯޓުތައް އޮޕަރޭޓްކުރުމަށް ދޫކުރި ކަމަށް ރިކޯޑުކޮށްފައިވާ 18.5 މިލިއަން ރުފިޔާގެ ޑީސަލް އަދި އާރުޓީޖީ ކްރޭންތަކަށް އެޅުމަށް ދޫކުރިކަމަށް ރިކޯޑު ކޮށްފައިވާ 127،616ރ. ގެ ތެލެވެ.
ގެއްލުނު ޑީސަލްތަކުގެ ތެރޭގައި ޓަގު ބޯޓުތަކަށް އަޅަން ހުޅުމާލެ ޖެޓީ ސަރަހައްދަށް އެފްއެސްއެމްގެ ބައުޒަރުތަކުން ސަޕްލައި ކޮށްފައިވާ 799،900 ލީޓަރު ނުވަތަ 7.2 މިލިއަން ރުފިޔާގެ ޑީސަލް ހިމެނެ އެވެ. އޭގެ އިތުރުން، ޓަގު ބޯޓުތަކަށް ހުޅުމާލެ ޖެޓީ ސަރަހައްދުން ތެޔޮ ނާ ޅާކަމަށް ޓަގު ބޯޓުތަކުގެ ކެޕްޓަނުން ބުނެފައިވާއިރު، އަދި ޓަގު އޮޕަރޭޝަންގައި ބޭނުން ކޮށްފައި ނުވާ މުއްދަތުގައި ވެސް އެ ޓަގު ބޯޓަށް ހުޅުމާލެ ޖެޓީ ސަރަހައްދުން ތެޔޮ ދޫކޮށްފައިވާ ކަމަށް އެފްއެސްއެމްގެ ޑެލިވަރީ ނޯޓުތަކުގައި ރިކޯޑު ކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނީ، އެމްޕީއެލްގެ އެކިއެކި ޔުނިޓުތަކަށް ބޭނުންވާ ޑީސަލް ހޯދުމަށް 2018 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު 2020 އާ ހަމައަށް އެ ޔުނިޓުތަކުން އެމްޕީއެލްގެ ޕްރޮކިއުމަންޓް ސްޓޯރަށް ފޮނުވާ ރިކުއެސްޓް ފޯމުތަކުން ކޮޕީ ފޯމުތަކެއް ހަދައި ސޮއި ފޯޖުކޮށްފައިވާ ކަމަށެވެ. ތާރީހު ބަދަލުކުރުމަށް ފަހު، ތައްޔާރުކޮށްފައިވާ 13.42 މިލިއަން ރުފިޔާގެ ތެޔޮ ހިމެނޭ ފޯޖު ކޮށްފައިވާ ފޯމުތަކާއި އަދި އެމްޕީއެލްގެ އެކިއެކި ޔުނިޓުތަކުން ތެޔޮ ހޯދުމަށް އެޑްވާންސްކޮށް ފޮނުވާ ފޯމުތަކުގެ ތެރެއިން ބައެއް މި ހިޔާނާތް ހިންގުމަށް ބޭނުންކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ނުވަ ކަމެއް އިސްލާހުކުރަން އޮޑިޓު އޮފީހުން ވަނީ އަންގައިފައިވެ އެވެ. އޭގެ ތެރޭގައި؛
● މި ހިނާޔަތް ހިންގުމުގައި ބައިވެރިވި މީހުން ހޯދައި ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލަ ތަހުގީގުކުރަން އޭސީސީ އާއި ފުލުުހުންނަށް ހުށަހަޅަން ލަފާދިނުން.
● އެމްޕީއެލަށް ލިބުނު ގެއްލުމުގެ ބަދަލު، މި ކަމުގައި ބައިވެރިވި މީހުންގެ އަތުން ހޯދަން ލަފާދިނުން.
● ޖަނަރޭޓަރުތައް ހިންގުމަށާއި އުޅަނދުތައް ދުއްވަން ބޭނުން ކޮށްފައިވާ ތެލުގެ އަދަދު ބެލުމަށް އެކި ފިއުލް ކޮންސަމްޕްޝަން ރިޕޯޓުތައް ހޯދައި، ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ތެލުގެ ބަޖެޓު ތައްޔާރުކުރުމުގައި އެ ރިޕޯޓުތަކަށް ރިއާޔަތްކުރުން.
● އެމްޕީއެލްގެ އޮޕަރޭޝަންތަކުގެ ބޭނުމެއް ހޯދާ ތެލުގެ ތެރެއިން ތެޔޮ ރައްކާކުރާ ޓެންކްތަކާއި ޓަގު ބޯޓުތަކުގެ ފިއުލް ޓޭންކުތަކަށް އަޅާ ތެލުގެ އަދަދު ދެނެގަނެވޭނެ ފަދަ މީޓަރުތައް އެ ޓޭންކުތަކުގައި ހަރުކޮށް މީޓަރުތަކުގެ ރިކޯޑު ބެލެހެއްޓުން.
● ޑީސަލް ގަންނަން އެމްޕީއެލުން އެފްއެސްއެމަށް ފޮނުވާ ޕާޗޭސް އޯޑަރުތަކުގައި ތެޔޮ ފޮނުވަންވީ ތަނާއި އަދަދަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެ ބަދަލު ގެންނަން ބޭނުންވާ މީހާއި އެކަމަށް ހުއްދަ ދިން މީހާ އިނގޭނެ ލިޔުން ތައްޔާރުކޮށްފައި ބެލެހެއްޓުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިސްޓަރ ވާން
13 August 2025
ކީއްވެގެން މާލަސްތިކުރަނީ.................. ހީވަނީ ސިޔާސީ ނުފޫޒު ވަންނަނީ ހެން. ބަސްމަދު ކޮށްފަ ޢަމަލު ގިނަ ކުރައްވާ!!!!! މިކަހަލަ އަޑުތަށް އިވި ފިޔަވަޅެއް ނޭޅޭތީ ދެރަވަނީ.............
ކީއް ކުރާނީ
12 August 2025
އަދިވެސް އެތުހުމަތު ކުރެވޭ މީހުން ވެރިންގެ ގޮތުގަ ދެއްތޮ. އޮޕަރޭޝަންސް އަދި ފައިނޭންސް ޑިޕާރޓްމަންޓްތަށް އަބަދު އެއްބަޔެއް ނުބައިތިއްބާ އެނބުރޭނެ ގޮތަކަށް ހެދުން މުހިއްމު ކަމުގަ ދެކެން.
މަގާމްމައްޗަށް މަގާމް. ކުރާކަމެއް ހަރާން.
12 August 2025
މަތި ފަޑި ބަރުކަމުން ހިންދެމިނުލެވޭ، ބަލަދުއަރައިފަ ތިބި މީހުން ގިނަކަމުން. މިއިން މީހެއްގެ ފަރާތުން ކުންފުންޏަށްވާ ފައިދާއެއް އޮތިއްޔާ އެވީ.
ބަކަރިބޯސް
11 August 2025
އަޖައިބު އަންތަރީސް. ތިތަނަކީ ގާނޫނު ހަދާމަޖްލިހެއް. ކުންފުނި ހިންގާނެ ގޮތްބުނެދޭން އޮތްތަނެއްނޫން. އޮޑިޓްރިޕޯޓުގައި އޮތްކަންތައް ނުކޮށްފިއްޔާ ދެންކުރާނެކަންތައް މަޖްލިހުން ގާނުނެއްހަދާ ނޫނީއޮތްގާނޫނު އިސްލާހުކުރޭ.
ހުސެން ހުސެން
11 August 2025
ތިޔަ ތެޔޮތަކަށްވީ ގޮތް އެމް.ޕީ.އެލްގެ މަތީ ފަޑީގައި ތިބި މީހުންނަށް އިނގޭނެ. ހުޅުމާލޭ ފަޅުގައި އޮންނަ ބަންގާޅީއަކު ހިންގާ ތެޔޮ ބޯޓަކަށް ތެޔޮ ވިއްކިކަން މީ ވެރިން ދަންނަ ޙަނގީގަތް. މި ބުނާ ތެޔޮ ބޯޓްއިން ތެޔޮ އެޅުމަށާއި އެހެން ކަންތައްތަކަށް ދަތުރު ކުރުމަށްވެސް ދިވެހި ކެޕްޓަނެއްވެސް ބޭނުންނުކޮށް ބަންގާޅީން މި ބޯޓް ދުއްވާކަމާއި، ޓަގް ބޯޓްތަކުން ތެޔޮ ވަގަށްނަގާކަންވެސް ހަމަ އެމީހުން ދަންނާނެ. އަދި ކަޓްވެސް ލިބޭނެ ކަމަށް ފެންނަނީ.
ރަންނަ
11 August 2025
ނުކުރެވޭނެ އެއްކަމެއްވެސް. މޮޅެތިވާހަކަ ނުދައްކާތިބެންވީ ތިތާ
އެކްސްް
11 August 2025
ކޮބާ މިސަރުކާރުގައި ފިއުލް ސަޕްލައި އިން ކުރި 10މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލަ؟
ދައުރު
11 August 2025
2027-2024 "އަޅަނީ، ފަށަނީ، އަންނަނީ، ނިމެނީ، އެޅެނީ"، 2028 "އަޅާނެ، ނިމޭނެ، ނިންމާނެ، ފެހިސިގްނަލް"
ފޮނިޓައްޕު ހަސަނު
11 August 2025
އެމް.ޕީ.އެލްގެ ތިޔަ ހިޔާނާތުގެ މުގުލުގައި ތިބި މުޖްރިމުން ސިޔާސީ ބާރުގަދަ މީހުންގެ ނުފޫޒުގައި މައްސަލަ އޮއްބާލައި އަދިވެސް އެތިބީ ހަމަ އެމަގާމުތަކުގައި. ވަޒީފާއިން ވަކިކޮށް ގުރުބާން ކޮށްލީ ތިޔަ ހިޔާނާތުގައި ޝާމިލު ނުވާ މީހާ. ކޯޓުން ކޮން ހުކުމެއް ކުރެވޭނީ ތިޔަ ހިޔާނާތުގައި ޝާމީލު ނުވާ މީހަކަށް. މިރާއްޖޭގައި ހިޔާނާތާއި، ވައްކަމާއި މުކުހަށް ޖެހުމުގެ އަސްލަކީ ސިޔާސީ މީހުން ފަރުދާގެ ފުރަގަހުގައި ތިބޭތީ.
އިސްމާލި
11 August 2025
"މި ހިނާޔަތް ހިންގުމުގައި ބައިވެރިވި މީހުން ހޯދައި ފިޔަވަޅު....ހުށަހަޅަން ލަފާދިނުން." ކިހާ ދެރަ ކަމެއްތަ މީ. މިލިއަނުން ވައްކަން ކުރީމަ ބޮޑު ވަރަކަށް ވަޒީފާއިން ވަކި ކުރުން. އެ މީހުން ހޯދައި ފިޔަވަޅު އަޅަންވެސް ދެނީ ލަފާ. ބަލަ މިއީ އޭ.ސީ.ސީ އަމިއްލަ އަށް ވެސް ތަހުގީގު ކޮށް ފުލުހަށް ފޮނުވަންޖެހޭ ކަމެއް ނޫންތަ؟އެމް.ޕީ.އެލް އިން އެ މީހުން ދޫކޮއްލި ވެރިންގެ ވެސް މައްސަލަ ބަލަން ޖެހޭނު. އެމީހުން ބައިވެރި ވާތީ ކަންނޭނގެ އެއްނު އެހެން ހެދީ. .