14 އޯގަސްޓް 2025 - 14:41
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ނުގެނައުމަށް ނުވަ ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައިފި އެވެ.
ބޭރުގެ ޖަމިއްޔާތަކަކުން، މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅަށް ބަޔާނެއް ނެރުނު އިރު، މީގެ ކުރިން ވެސް ރާއްޖޭގައި މަރުގެ އަދަބު ދޭން ސަރުކާރުތަކުން ފެށި މަސައްކަތްތަކާ ދެކޮޅު ހަދައި އެކަން ތަންފީޒުނުކުރަން ގޮވާލައި ބަޔާން ނެރެފައި ވެ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް ހިމެނޭ ގޮތަށް ނުވަ ޖަމިއްޔާއަކުން މިފަހަރު، ނެރުނު ބަޔާނުގައި ބުނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަށް މަރުގެ އަދަބު ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި މިންގަނޑުތަކާ ހިލާފު ކަންތައްތަކެއް އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި އެކަމަކީ ސަރަހައްދީ އަދި ދުނިޔޭގެ ޓްރެންޑާ ހިލާފަށް ރާއްޖޭން ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.
މި ބަޔާން ނެރުނު ޖަމިއްޔާތަކުގެ ތެރޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، ގަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ނެރުނު ރިޕޯޓަކާ ގުޅިގެން ރާއްޖޭގައި އުވާލާފައިވާ ޖަމިއްޔާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ހިމެނެ އެވެ. ސަރުކާރަށް ކުރިމަތިިވި ޕްރެޝަރުތަކާ ގުޅިގެން ރާއްޖެ އިން އެ ޖަމިއްޔާ ނޮވެމްބަރު، 5، 2019 ގައި އުވާލުމުން ހިންގަނީ ރާއްޖެ އިން ބޭރުގަ އެވެ.
"މިހާރު 113 ގައުމަކުން މަރުގެ އަދަބު އެއްކޮށް އުވާލާފައިވާއިރު، މަރުގެ އަދަބު ދޭ ބައެއް ގައުމުތަކުން ވެސް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަށް މަރުގެ އަދަބު ދިނުން ހުއްޓާލާފައިވޭ. މަރުގެ އަދަބަކީ ކުށްކުރުން ހުއްޓުވުމަށް ހާއްސަ ނުފޫޒެއް ފޯރުވޭ އެއްޗެއްކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ނެތް،" ޖަމިއްޔާތަކުގެ ބަޔާނުގައި ބުންޏެވެ.
މަރުގެ އަދަބާ ދެކޮޅުކަން ހާމަކޮށް ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ގާނޫނަށް ގެންނަ އިސްލާހުއް ގެނައުމުގެ މަސައްކަތް ހުއްޓާލުމަށް ވަނީ ގޮވާލައިފަ އެވެ. އަދި މަރުގެ އަދަބު ފުޅާކުރުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ވަނީ ގޮވާލައިފަ އެވެ.
"އަދި އަޅުގަނޑުމެން އިތުރަށް ދިވެހި ސަރުކާރަށް ގޮވާލަނީ މި އަނިޔާވެރި އަދަބު އެއްކޮށް އުވާލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، ވަގުތުން ވަގުތަށް މިހާރު މަރުގެ އަދަބު ކަނޑައަޅާފައިވާ ހުރިހާ ހުކުމްތަކެއް ބަދަލުކުރުމަށް،" ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް މުޖުތަމައުގެ ހަމަޖެހުމަށް ކަމަށް ބުނެ މަރުގެ އަދަބު ތަންފީޒުކުރުމަކީ މުށްބާރު ހަރުކަށި އުސޫލުތައް ގެންގެޅޭ ގައުމުތަކުގެ ސިޔާސަތުތައް ކުރިއެރުވުން ކަމަށާއި އެއީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސަގާފަތެއް ކުރިއެރުވުން ކަމަށެވެ.
"މަސްތުވާތަކެއްޗާ ދެކޮޅަށް ހަދާ ނަތީޖާ ނެރެވޭ ސިޔާސަތުތަކަކީ ސިއްހަތާއި ހައްގުތަކުގެ މައްޗަށް ބިނާވެފައިވާ، މީހުން މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅެން މެދުވެރިވާ އަސްލު ސަބަބުތަކަށް ދެނެގަނެ، އޭގެ ތެރޭގައި ފަގީރުކަމާއި، ވަޒީފާ ނެތުމާއި އަދި އެކަހެރިކުރުން ހިމެނޭގޮތަށް، ރިއާޔަތްކުރާ ސިޔާސަތުތަކަކަށް ވާންޖެހޭ،" ބަޔާނުގައި ބުންޏެވެ.
ޖަމިއްޔާތަކުން ބުނީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށް މަރުގެ އަދަބު ތައާރަފުކުރުމަކީ މިހާރު ވެސް ކަންބޮޑުވާންޖެހޭ ވަރަށް ހުރި ރާއްޖޭގެ އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރުމުގެ މައްސަލަތައް އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާއިރު އެ ބިލް މިހާރު އޮތީ ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީގަ އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ގޮތުން، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ގާނޫނުގައި ކަނޑައަޅަން އެ މަނިކުފާނު ބޭނުންފުޅުވެ އެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ އިދާރާތަކަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ފުލުހުންނާއި ޕީޖީ އޮފީސް އަދި ދައުލަތުގެ ކަމާ ގުޅޭ އެހެން އިދާރާތަކުން ވެސް މިހާރު ވަނީ މަޖިލިހަށް ކޮމެންޓުތައް ފޮނުވައިފަ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުން ޑިސެމްބަރު 20، 2023 ގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި "މިހާރު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށެވެ. އަދި އެކަން އެ ގޮތަށް ކުރަން ނިންމާފައިވާ ކަން މި ސަރުކާރުން ފުރަތަމަ ފަހަރަށް އެ ދުވަހު އިއުލާންކުރި އެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސިންގަޕޫރުގައި މިހާރު ވެސް މަރުގެ އަދަބު ދެ އެވެ. ރާއްޖޭގައި އެ އަދަބު ތަންފީޒުކޮށްފި ނަމަ ރާއްޖެ ވާނީ ދެކުނު އޭޝިއާގައި ޑްރަގް މައްސަލަތަކުގައި މަރުގެ އަދަބު ދޭނެ ދެވަނަ ގައުމަށެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާގެ ގާނޫނުގައި ޑްރަގް އެތެރެކުރުމުގެ ކުށަށް މަރުގެ އަދަބު ކަނޑައަޅާފައިވީ ނަމަވެސް އެ ގައުމުގައި މަރުގެ އަދަބު ތަންފީޒުކުރުން އޮންނަނީ ނުރަސްމީ ގޮތެއްގައި ހުއްޓާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޒީބެ
16 August 2025
ކޮބައިތޯ ފަލަސްތީނު މީހުން މަރާއިރު މިޖަމްއިއްޔާތަ؟
އެތެރެ
16 August 2025
ޑްރަގް ބޯމީހާއަށް މަރުގެ އަދަބު ނުދިނަސް ވިޔަފާރިއަށް ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހާއަށް މަރުގެ އަދަބު ދޭންޖެހޭ. އެނޫނީ ސަރުކާރުން ޑްރަގްއެތެރެކުރަން ޖެހޭނެ.
ޑިރަން
16 August 2025
ޢައްޒާގައި މީހުން މެރިޔަސް އޯކޭތޯ ތިޔަ ޖަމިއްޔާޔަކަށް..
hasn
16 August 2025
ވަރަށް ހަރުދަނާ ޝަރުއީ ނިޒާމު ގާއިމު ވެފައި ހުންނަ ގަމުގައި ތިކަން ވާނީ . މިކަހަލަ ކުޅޭ ކުޅޭ ސިސްޓަމް ތަކުގައި ތިބާވަތުގެ ކަމެއް ކުރަން ހެޔޮނުވާނެ ! ފުރިހަމަ ޝަރުއީ ނިޒާމް އުފައްދަންވީ . އެއައްފަހު މިރާއްޖޭގައި ބޮޑެތި ކުއްތަކަށް މަރުގެ އަދަބު ދިނުންމީ ހަމަ ރަގަޅު ކަމެއް . އަނެއް ކޮޅުން ، ވަރަށް ގަޓު ހުންނަ ، ހަރުދަނާ ވެރިން ނަށް ތިކަން ހާސިލް ވެވޭނީ . ހަރުދަނާ ތެދުވެރި ބޭފުޅުން މިރާއްޖޭގައި އެބަތިބި ، އަދި އެދުވަސް އަންނާނެ !
އަނގާގިރި
16 August 2025
މިޖަމާއަތް ތަކަކީ މަސްތުވާ ތަކެތި ވިޔަފާރި ކުރުމަށް ހިތްވަރުދީ އިންސާނީ ކަރާމަތް ގެއްލުވާލާބައެއް. މިޖަމާޢަތްތަކުން ހަމާ ކުރާ ކުރުންތަކާ ދެކޮޅު ސިންގަޕޫރުގައި އެވަނީ ޤާނޫނުގެ ފައިދާ ލިބިގަނެގެން އެބޮޑު ކުށް ނުކުރާތަނަކަށްވެފައި. އިސްލާމީ ޝަރީއަތުގައި ބުނަނީ މަސްތު ވުމަކީ ހުރިހާ ނުބައިކަމެއްގެ ފެށުން ކަމުގަަ. އެހެންވީއިރު މިޖަމާއަތްތަކުން އެ ދެކެނީ ނުބައިވެގެމްވީ ދޮގު މައުލޫމާތެއް.
ޢަޒްރާ
16 August 2025
މަރަށް މަރު ނުހިފިގެން އުޅޭއިރު ތިޔަ ކަމަށް މަރު ހިފޭނެ ކަމާމެދު ޝައްކު
އެކަލޯ 1
15 August 2025
އެވެރިން ބޭނުންވާނީ ގައުމު ފަސާދަވާނެ އެވެރިންނަށް ބާރުދޭނެ ހުރިހާ އެންމެން ހިމާޔަތް ކުރަން. ދޫ ނުދޭތި ޑްރަގް އެތެރެކުރާމީހުން ވަގުތުން މެރުމަށް ގޮވާލަން
ޢަހު
16 August 2025
ޢެއވެސް މީހަކު ހަމަ ވަގުތުން ކުށެއް ކުރުމާއެކު މަރާލެވޭތަ؟ ފުރަތަމަ ތަހުގީގު ކުރާނީ ކޯޓުން މައްސަލަ ބަލާނީ ޙުކުމް ކުރާނީވެސް ކޯޓުން ފަނޑިޔާރުންގެ އިއްތިފާގުން ނުވަތަ ގިނަ ފަނޑިޔާރުންގެ ބަހުން ސާބިތުވާނީ އެއްވެސް ކަމެއް ސާބިތުނުވެ މީހަކު މަރާނުލެވޭނެ
ހ
15 August 2025
100% ތެދު
ކިރަމަންން
15 August 2025
ޖަމުއިއްޔާތައް އިސްރޭލު ވެރިންކައިރިއަށް ފޮނުވާ.
ކިހާބޮޑުކަމެއް
15 August 2025
ކަލޭމެން އަންނަންތަ އެމީހުން ކުރާ ވައްކަންތަކާ ފޭރުންތަކުގަ ގެއްލުންވާ މީހުނަށް ބަދަލުދޭން؟ އެއެންމެންގެ ހައްގުކޮބާ. ކާން ދީދީ ޖަލުގަ ބާއްވާފަ ވެރިކަން ބަދަލުވާއިރަށް ބަދަލުވަނީ ކުށެއްނެތް ކަފަކޮޅަކަށް.