ވިޔަފާރި / މައި ކޮލެޖް

މުޅިން އާ ޕްރޮގްރާމްތަކަކާ އެކު، މިއާންޒް ކޮލެޖު މެދުވެރިވެ، ސްކޮލަޝިޕް ދިނުމުގެ ފުރުސަތު ވެސް އިއުލާންކޮށްފި

އެމްއައި ކޮލެޖުގެ ރެޖިސްޓްރާ އެ ކޮލެޖުގެ އާ ޕްރޮގުރާމުތައް ތައާރަފް ކޮށްދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

16 އޯގަސްޓް 2025 - 09:06

މިއާންޒް އިންޓަނޭޝަނަލް ކޮލެޖު (އެމްއައި ކޮލެޖު) ގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފުލާގައި އެ ކޮލެޖުގެ އާ ޕްރޮގުރާމްތައް އިއުލާނުކޮށްފި އެވެ.

ރަޖިސްޓްރާ ޑރ. ޝުޖާއު ޖީ. މޭރީ ވިދާޅުވީ މިއާންޒް ކޮލެޖުގެ އާ ޕްރޮގުރާމުތައް ފަރުމާކުރީ ރާއްޖޭގެ މާކެޓަށް މިހާރު ބޭނުންވާ ހުނަރުތައް ދަނެގަނެ، ވަޒީފާ ދޭ ފަރާތްތަކުން ބޭނުންވާ ކަންތައްތަކަށް ބެލުމަށް ފަހު ކަމަށެވެ. އަދި ޓެކްނޮލަޖީއާ އެކު ޒަމާނަށް އައިސްފައިވާ ކުރިއެރުމާއި ބަދަލުތަކާ އެކު މަސައްކަތް ކުރެވޭނެ ހުނަރުތަކާއި އިލްމު ލިބޭނެ ގޮތަށް ވެސް ބެލި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއާންޒް ކޮލެޖުގެ 19 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވި ބައެއް މީހުން.--- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއާންޒް ކޮލެޖުން އަލަށް ތައާރަފްކުރި ބެޗެލާސް އޮފް ބިޒްނަސް މެނޭޖްމަންޓު ޕްރޮގުރާމްގައި ދަރިވަރުން ހާއްސަވުމަށް ހިޔާރު ކުރެވޭނެ ހަތަރު ދާއިރެއް ވަނީ ހިމަނައިފަ އެވެ. އެއީ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓާއި ފައިނޭންންސް، ޕްރޮޖެކްޓް މެނޭޖުމަންޓު އަދި މާކެޓިން އެވެ. މިއީ ރާއްޖޭގައި ބިޒްނަސް ދާއިރާގައި މިހާރު އެންމެ ފުރުސަތުތައް ގިނަ ދާއިރާތައްކަން ޑރ. ޝުޖާއު ފާހަގަކުރެއްވި އެވެ.

މިއާންޒް ކޮލެޖުން ދެ ވަނައަށް ތައާރަފުކުރީ މާސްޓާސް އޮފް އެޑިއުކޭޝަން އިން އެޑިއުކޭޝަނަލް ޕޮލިސީ އެންޑް ޕްލޭނިން އާއި މާސްޓާސް އޮފް އެޑިއުކޭޝަން އިން އެޑިއުކޭޝަނަލް ލީޑާޝިޕް އެންޑް މެނޭޖްމަންޓް ޕްރޮގްރާމެވެ. މިއީ ތައުލީމީ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ މީހުންނަށް ހާއްސަކޮށް، ރާއްޖޭގެ ބޭނުންތައް ދަނެގަނެ ތައްޔާރު ކޮށްފައިވާ ޕްރޮގްރާމެކެވެ.

މިއާންޒް ކޮލެޖުގެ 19 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި އެ ކޮލެޖުގެ ފައުންޑަރު އަދި ޗެއާމަން އަހުމަދު މޮޓާކީ ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑރ. ޝުޖާއު ވިދާޅުވިގޮތުގައި، ޑިޖިޓަލް މާކެޓިންގެ ދާއިރާ ކުރިއަރައި އެ ދާއިރާގެ ހުނަރުތައް ހުރި ފަންނީ ޒުވާނުން ބޭނުންވެފައިވާކަން މިހާރަކަށް އައިސް ފާހަގަކުރެވެ އެވެ. އަދި ކޮންޓެންޓު ހެދުމަށް އޮތް ޑިމާންޑު ބޮޑުވަމުން ދިއުމާ ގުޅިގެން އެ ކަންކަމަށް ފަރިތަ ބަޔަކަށް ކުންފުނިތަކުން ބޭނުންވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެކަމަށް ހާއްސަކޮށް މިއާންޒް ކޮލެޖުން ވަނީ ބެޗެލާސް އޮފް ޑިޖިޓަލް ޑިޒައިން ޕްރޮގުރާމެއް ތައާރަފްކޮށްފަ އެވެ. އެއީ ތްރީޑީ ޑިޒައިން އެންޑް ޑައިނަމިކް މޯޝަން، ވީއެފްއެކްސް އެންޑް މޯޝަން ގްރެފިކްސް، ގްރެފިކްސް އެންޑް އިންޓަރެކްޓިވް މީޑިއާ ނުވަތަ ފިލްމް އެންޑް މީޑިއާ ޕްރޮޑަކްޝަންގެ ތެރެއިން ބޭނުން އެއް ދާއިރާއަކުން ސްޕެޝަލައިވެ ކިޔެވޭނެ ޕްރޮގުރާމެކެވެ.

ރާއްޖޭގައި ވެސް ކޮމްޕިއުޓާއި ސައިންސަށް އޮތް ޑިމާންޑު ބޮޑުވަމުން އަންނައިރު، މިއާންޒް ކޮލެޖުގެ ބެޗެލާ އޮފް ކޮމްޕިއުޓާ ސައިންސް ޕްރޮގްރާމް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެއީ ފުލް-ސްޓެކް މޮބައިލް ޑިވެލޮޕްމަންޓު، ވިންޑޯސް އެޕް ޑިވެލޮޕްމަންޓް ނުވަތަ ވެބް ޑިވެލޮޕްމަންޓް އަދި ޑިޖިޓަލް ޓެކްނޮލަޖީގެ ތެރެއިން އެއް ދާއިރާއަކުން ހާއްސަވުމުގެ ފުރުސަތު ދޭ ޕްރޮގްރާމެކެވެ.

މިއާންޒް ކޮލެޖުގެ 19 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސާ ގުޅޭ ޕްރޮގްރާމް ވެސް އިފުތިތާހހުކުރި އެވެ. އެއީ ބެޗެލާ އޮފް އާޓިފިޝަލް އިންޓަލިޖެންސް އެންޑް މެޝިން ލާނިން ޕްރޮގުރާމެވެ.

މިއާންޒް ކޮލެޖުގެ 19 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވި ބައެއް މީހުން.--- ފޮޓޯ: ނިޝާން އަލީ | މިހާރު

އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި އެ ކޮލެޖުގެ ސްކޮލާޝިޕް ޕްރޮގްރާމް "ރަން އުނދޯލި" ވަނީ އިފުތިތާހުކޮށްފަ އެވެ.

އެ ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވަމުން ޑީން އޮފް އެފްއެލްއީއޭ އަޒްލިފާ އަހުމަދު ވިދާޅުވީ އެއީ ކިޔެވުމަށް ތަނަވަސްކަން ނެތް ދަރިވަރުންނަށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ތައާރަފްކުރި ޕްރޮގްރާމެއް ކަމަށެވެ. އެއީ އެ ކޮލެޖާ ގުޅިގެން ސްކޮލަޝިޕަށް ހުށަހަޅަން ބޭނުންވާ މީހުންނާ އެކު ކުރިއަށް ގެންދާ ގޮތަށް ފަރުމާ ކޮށްފައިވާ ޕްރޮގްރާމެކެވެ.

"ރަން އުނދޯލި" ޕްރޮގްރާމަށް ހުށަހަޅަން ބޭނުންވާ މީހުން އެ ސްކޮލަޝިޕް ދޭން ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން ކަނޑައަޅައި، ހުންނަން ޖެހޭ ޝަރުތުތައް ވެސް ކަނޑައެޅޭނެ އެވެ. އަދި އެއީ އެ ކޮލެޖުން އެއްބަސްވާ ކަންތައްތައް ނަމަ އެ ފަރާތެއްގެ ނަމުގައި ސްކޮލަޝިޕް ފުރުސަތު ހުޅުވާލާނެ އެވެ.

މިއާންޒް ކޮލެޖުގެ ލެގަސީ ޕްރޮގްރާމެއް ވެސް މި ފަހަރު ތައާރަފުކުރި އެވެ. އެ ޕްރޮގްރާމްގެ ދަށުން އެ ކޮލެޖުގެ އިސް ދަރިވަރުންނަށް ހާއްސަ ޑިސްކައުންޓާއި އިނާޔަތްތަކެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މިއާންޒް ކޮލެޖުގެ ދަރިވަރުންގެ ސްޓޫޑަންޓް ކާޑަށް ޑިސްކައުންޓު ލިބޭ ހުރިހާ ފިހާރަތަކަކުން ވެސް އިސް ދަރިވަރުންނަށް ވެސް ޑިސްކައުންޓު ލިބޭނެ ކާޑެއް ތައާރަފް ކުރުމެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން އެ ކޮލެޖުގެ އިސް ދަރިވަރުގެ އާއިލާގެ ފަރާތެއް ކޯހަކަށް އެޕްލައިކޮށްފި ނަމަ އެ މީހަކަށް އިސްކަން ދޭނެ އެވެ. އަދި އިސްދަރިވަރެއްގެ އާއިލާގެ މީހަކު މިއާންޒް ކޮލެޖުގައި ކިޔަވާ ނަމަ ކޯހުގެ ފީން ޑިސްކައުންޓު ލިބޭނެ އެވެ.

މިއާންޒް އިންޓަނޭޝަނަލް ކޮލެޖަކީ ޖުލައި 2006 ގައި އުފެއްދި ކޮލެޖެކެވެ. އެ ކޮލެޖުގެ ޕްރޮގްރާމްތަކަކީ ރާއްޖެ އަށް ބޭނުންތެރި ދާއިރާތައް ދިރާސާކުރުމަށް ފަހު، އެ ކަންތައްތަކަށް ހާއްސަކޮށް އެކި ޕްރޮގްރާމްތައް ހިންގާ ކޮލެޖެކެވެ. މިއީ ރާއްޖެ އަށް ދަނޑުވެރިކަމުގެ އިލްމު ބޭނުންވާކަން ދަނެގަނެ، އެ ތައުލީމު ދޭން ފެށި ފުރަތަަމަ ކޮލެޖު ވެސް މެ އެވެ. އެ ކޮލެޖުން މިހާތަނަށް 12،173 ދަރިވަރުން ކިޔެވުން ފުރިހަމަކޮށް ވަނީ ދަސްވެނިވެފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454