ރާއްޖެ އަށް މިވަގުތު ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް މިވަގުތު ވިސްނަންވީ ހަރަދު ކުޑަކުރުމަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.

އެމްއައި ކޮލެޖުގެ ދަސްވެނިވުން ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކޮންމެ ގައުމަކަށް ވެސް އުނދަގޫ ހާލަތު އަންނާނެ ކަމަށެވެ. އެހެންވެ، މިވަގުތު ރާއްޖެ އަށް ދިމާވެފައިވާ ހާލަތުން ވިސްނަންވީ ހަރަދު ކުޑަކުރުމަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވޭ ހުރިހާ މޮޅެއް. ހުރިހާ އެއްޗެއް ވެސް ބޭނުންވާނެ ކޮންމެ މީހަކު ވެސް އިންސާނަކަށް ވީތީ،" ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑު މި ވާހަކަ މި ދައްކަނީ ދިވެހި ރައްޔިތުން ދެކެ ވެސް ލޯބި ވާތީ. ހެޔޮއެދޭތީ. ހަރަދު ކުޑަކުރުމަށާއި ސޭވް ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން އެބަ ޖެހޭ."

އެ ވާހަކަ މިއަދު ދައްކަން ޖެހެނީ، ނުދައްކައިފި ނަމަ އަންނަން އޮތް ޖީލަށް ރަނގަޅު ގޮތް ވުމަށް އެދިވަޑައިގަންނަވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްއައި ކޮލެޖުން ގްރެޖުއޭޓްވި ބައެއް ދަރިވަރުން ރޭގެ ހަފުލާގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެމްއައި ކޮލެޖުން ގްރެޖުއޭޓްވި ބައެއް ދަރިވަރުން ރޭގެ ހަފުލާގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މުޖުތަމައުގެ ކަންކަން ރަނގަޅުވަނީ އެންމެން ގުޅިގެން ކަމަށާއި ކުޑަކުދިން ވެސް ރަނގަޅު ވާނީ މިއަދު ރަނގަޅު ނަސޭހަތް ދީގެން ކަމަށް ފައިސަލް ވިދާޅުވި އެވެ.

އެމްއައި ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކުރީގެ ނައިބު ރައީސް ނަސީމް ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
އެމްއައި ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކުރީގެ ނައިބު ރައީސް ނަސީމް ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

"ހަގީގަތަކީ އެ ވަގުތެއްގައި އެ އޮންނަ ސަރުކާރަކުން ކުރާ ކަމަކުން އެކަނި ގައުމު ރަނގަޅެއް ނުވާނެ. ފުލުހުންނެއް ކޮންމެ މަގެއްގައި ކޮންމެ މީހެއްގެ ފަހަތުގައި ފަސް ފޫޓުން ފަސް ފޫޓުން ނުބެހެއްޓޭނެ. އެއީ އެއްވެސް ގައުމަކަށް ކުޅަދާނަ ވާނެ ކަމެއް ނޫން،" ފައިސަލް ވިދާޅުވި އެވެ.

"ވިސްނުން ބަދަލު ކުރަންވީ. ގައުމަށްޓަކައި ވެސް އަޅުގަނޑުމެން މި ކިޔަވާ ތަކެތިން ދިރިއުޅުމުގެ ކަންކަން ބަދަލު ކުރަންވީ. ކުދިންނަށް ހެޔޮ ނަސޭހަތް ދީފައި އެ ގޮތްތައް ދައްކުވައިދޭންވީ."

އެމްއައި ކޮލެޖްގެ ދަސްވެނިވި ދަރިވަރު އަދި މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާއާ ކުރީގެ ނައިބު ރައީސް ފައިސަލް ރޭ ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްއައި ކޮލެޖްގެ ދަސްވެނިވި ދަރިވަރު އަދި މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާއާ ކުރީގެ ނައިބު ރައީސް ފައިސަލް ރޭ ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުރީގެ ނައިބު ރައީސް ވިދާޅުވީ، ކިތަންމެ މޮޅު ސްކޫލަކަށް ވިޔަސް ކިތަންމެ މަތީ ގައުމަކަށް ކުދިން ފޮނުވިޔަސް އެ ކުދިންނަށް ފެންނާނީ މައިންބަފައިން ދައްކާ ނަމޫނާ ކަމަށެވެ. ކުދިން ކައިރީގައި ވަކި ކަމެއް ނުކުރަން ބުނެފައި މައިންބަފައިން އެ ކަން ކުރާ ނަމަ ކުދިންނަށް ދަސްވާނީ އެ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މިސާލަކަށް ދުންފަތުގެ އިސްތިއުމާލް ކުރުން. އެ ވެސް ދަސްވާނެ ކުދިންނަށް. އެހެންވީމާ އަޅުގަނޑުމެން މަގު ހުރަސް ކުރާއިރު ވެސް ޒިބްރާ ކްރޮސް އިން ހުރަސް ނުކޮށް އެހެން ތަންތަނުން ހުރަސް ކުރާ ކަމަށް ވަންޏާ އެ ކުދިންނަށް ދަސްވާނީ އެ ކަހަލަ ކަންތައްތައް. އެހެންވީމާ މުޖުތަމައުގެ ކަންކަން ރަނގަޅު މިވަނީ އަޅުގަނޑުމެން އެންމެން ގުޅިގެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މިހާރުން ފެށިގެން ރައްކާ ކުރަން ނުފަށައިފި ނަމަ ގައުމުގެ ހާލަތު ވެސް ބަދަލު ވާނެ ކަމަށެވެ.

ކުރީގެ ނައިބު ރައީސް ރޭގެ ހަފުލާގައި ވިދާޅުވީ، ލިބޭ ސަނަދަކާ އެކު މުޅިން ހިތްހަމަޖައްސާލައިގެން ނުތިބެވޭނެ ކަމަށާއި އަަޒުމް ކަނޑައަޅަންވީ ކުރާ ކޮންމެ ކަމެއް ރަނގަޅަށް ކުރަން ކަމަށެވެ.

އެމްއައި ކޮލެޖުން ގްރެޖުއޭޓްވި ބައެއް ދަރިވަރުންގެ ބެލެނިވެރިން ރޭގެ ހަފުލާގައި ބައިވެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެމްއައި ކޮލެޖުން ގްރެޖުއޭޓްވި ބައެއް ދަރިވަރުންގެ ބެލެނިވެރިން ރޭގެ ހަފުލާގައި ބައިވެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"މި ގޮތަށް ހޭދަކުރާ އެތައް އަހަރުތަކަކުން އެ ލިބޭ ފިލާވަޅުތަކުން ބަދަލު ގެންނަންވީ މުޅި މީހާގެ ދިރިއުޅުމަށް. އެންމެ އިސްކަމެއްގެ ގޮތުގައި އަޚުލާގު. އެހެން މީހުންނާ ދެމެދު މުއާމަލާތް ކުރުމުގައި ކުރާ ގޮތާއި ދެކޭ ގޮތާއި އަދި މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކާ އެ ބާއްވަން ޖެހޭ ގުޅުމާއި އެ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ އަށް ރަނގަޅަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކުރުން،" އެ މަނިކުފާނު ވިދާޅުވި އެވެ