ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްގެން އެ އިން އިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭން ލިބޭ ތަން އެ މަނިކުފާނުގެ ހިސާބުތަކުން ނުދައްކާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހަށް އިއްޔެ އިއްވެވި މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށާއި އެ އިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭން ފަށާނެ ކަމަށެވެ.
ރިސޯޓުތައް ހަދަން ނިންމައި، 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދިވެއްސެއްގެ އެކައުންޓަށް މަދުވެގެން 400 ޑޮލަރު ޖަމާކުރަން ފަށާނެކަން ރައީސް އިއްޔެ އިއުލާން ކުރެއްވި އެވެ.
"ހިސާބު ހަދާލާއިރު ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއް ނަމަ، ކޮންމެ މެމްބަރެއް، މަދުވެގެން 10 ރިސޯޓުގެ ޝެއާހޯލްޑަރަކަށް ވުމުގެ އިތުރުން އެ އާއިލާއަކަށް މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ،" ރައީސް ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.
ނަމަވެސް ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް ދާއިރާގެ އެކި މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި ފައިސަލް ހިސާބު ހައްދަވައި ވިދާޅުވީ، 2030 ވަނަ އަހަރާ ހިސާބަށް ދާއިރު، ރާއްޖޭގެ އާބާދީ ފަސް ލައްކަ އަށް ވުރެ މަތިވާނެ ކަމަށް ތަފާސްހިސާބު ތަކުން ދައްކާއިރު، އާބާދީގެ ބޮލަކަށް 400 ޑޮލަރު ބަހަން، 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް އެ މަނިކުފާނު ހިސާބުތަކުން ނުދައްކާ ކަމަށެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، މާލެ ކައިރީގައި 150 ކޮޓަރީގެ ފައިވްސްޓާ ރިސޯޓެއް ހެދުމަށް މިހާރު ޑޮލަރުގެ އަގު ހުރި އަދަދާއި ތަކެތީގެ އަގާއި އިމާރާތް ކުރުމުގެ ހަރަދުތަކަށް ބަލާއިރު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވެ އެވެ.
"10 ރިސޯޓު ހަދަން މި ދައްކަނީ 800 މިލިއަނެއްހައި ޑޮލަރު ހޯދާނެ ގޮތެއްގެ ވާހަކަ. ސޯޝަލް ހައުސިން އަށް ވެސް މި އުޅެނީ ފައިސާ ނުހޯދިގެން. އެހެން އޮއްވާ، ސަރުކާރުން ފައިވްސްޓާ ރިސޯޓެއް ހެދުމަށްޓަކައި މި އަދަދު ހޯދާނެ ގޮތެއް ނުވިސްނުނު،" ފައިސަލް އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ސުވާލު އުފެއްދެވި އެއް ކަމަކީ މުޅި ދުނިޔެ އަށް އިގުތިސާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި ޓޫރިޒަމް ދާއިރާގައި އޮތް ވާދަވެރިކަމުގެ ތެރެއިން އެވްރެޖުކޮށް 500 ޑޮލަރަށް ކޮންމެ ދުވަހަކު ކޮޓަރިއެއް ވިއްކިދާނެތޯ އެވެ.
ހިސާބުތަކާ ހަވާލާ ދެއްވައި ފައިސަލް ވިދާޅުވީ، 500 ޑޮލަރުގެ ރޭޓުން 65 ޕަސެންޓުގެ އޮކިއުޕެންސީއެއްގައި "ރޫމް ރެވެނިއު" އަށް އެންމެ ގިނަވެގެން ލިބެނީ 17-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ކަމަށެވެ.
"ރިސޯޓެއް ހިންގުމަށް ޓެކްސް ދެއްކުމާއި، މުވައްޒަފުންގެ މުސާރަ ދިނުމާއި އަދި އެހެނިހެން ހަރަދުތައް ކަނޑާލުމަށް ފަހު ބާކީ ވާނީ ކިހާވަރެއްކަން އިނގޭތޯ؟ މިވަރު ރިސޯޓެއްގެ އޮޕަރޭޝަން ކިރިޔާ ހިފަހައްޓާލެވޭނީ 50 އިންސައްތަ އޮކިއުޕަންސީ މުޅި އަހަރުގެ ތެރޭގައި ހިފެހެއްޓިގެން،" ފައިސަލް ވިދާޅުވި އެވެ.
"އަދި ކޮބައިތޯ ނަގާ ލޯނަށް ފައިސާ ދެއްކުން؟ މިކަމަށް ވެސް އެންމެ މަދުވެގެން 8 އަހަރު ވަރު ބޭނުންވޭ."
ސަރުކާރުން ރިސޯޓުތައް ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ޕްލޭންތައް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ވަރަށް ވުރެ އިތުރަށް އަދި ހާމައެއް ނުކުރެ އެވެ.
ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޓޫރިޒަމް ސިނާއަތް ރަސްމީކޮށް ފެށިތާ 50 އަހަރު ވީއިރު ވެސް އެކަމުން ދިވެހިންނަށް ސީދާ ގޮތެއްގައި މަންފާ ލިބޭނެ އެއްވެސް މަގެއް ފަހިވެފައި ނުވާ ކަމަށެވެ.
ރާއްޖޭގެ އިގުތިސާދުގައި އެންމެ މުހިއްމު އެއް ދާއިރާއަކީ ޓޫރިޒަމް ސެކްޓާ ކަމަށް ވާއިރު އަމިއްލަ ފަރާތްތަކުން ރިސޯޓުތައް ހިންގަމުން ދަނީ ވެސް ގުދުރަތީ އެސެޓުތައް ދިގު މުއްދަތަކަށް ކުއްޔަށް ނަގައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ރިސޯޓު ވިޔަފާރީގެ ފައިދާ ސީދާ ލިބެން ޖެހޭނީ ދިވެހިންނަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.