ރައީސަށް ލަފާ އަރުވަން ހަދާފައި އޮތް ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރު އަދި އިސްލާމިކް މިނިސްޓަރު ޝަހީމްގެ ދޮށީ ފިރިހެން ދަރިފުޅު މާހިލް-- ފޮޓޯ: ރައީސް އޮފީސް
17 އޯގަސްޓް 2025 - 17:29
ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި ރައީސަށް ލަފާއަރުވަން އުއްދާފައިވާ ބޯޑުގެ މެމްބަރު އަބްދުﷲ މާހިލް ޝަހީމް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް ގިނަ އަދަދެއްގެ ވޭޕް އެތެރެކުރަން އުޅުނު މައްސަލަ ފެންމަތިވުމާ ގުޅިގެން އެ ބޯޑުގެ މެމްބަރުކަމުން އޭނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެކި ދާއިރާތަކުން ރައީސް މުއިއްޒަށް ލަފާއަރުވާ ބޯޑަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ފިރިހެން ދަރިފުޅު މާހިލް އައްޔަންކުރީ އޮގަސްޓް 12، 2024 ގަ އެވެ.
ޔޫތު އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދެއްވިއިރު، ރާއްޖެ އަށް އޭނާ ވަގަށް ވޭޕް އެތެރެ ކުރަން އުޅުނު ކަން ކަސްޓަމްސް އަށް ފަޅާއަރައި، އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއަކާ އެކު ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެހެންވެ، ޔޫތު އެޑްވައިޒަރީ ބޯޑުން ވަކިކުރަން ވެސް ވަނީ ގޮވާލައިފަ އެވެ.
މާހިލް ރާއްޖެ އެތެރެކުރަން އުޅުނީ 118 ވޭޕް ސްޓިކް އެވެ. އޭނާއާ އެކު، އެހެން މީހަކު ވެސް 107 ވޭޕް ސްޓިކް އެތެރެކުރަން އުޅުނުކަން ފަޅާއަރައިގެން ކަސްޓަމްސް އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
މީހުންގެ ތަފުސީލް ކަސްޓަމްސްގެ މީޑިއާ އިން ނުދިން ނަމަވެސް ރާއްޖެ އަށް ވޭޕް އެތެރެކުރަން އުޅުނު މައްސަލައެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދެ މީހަކު ހިފެހެއްޓިކަން ކަސްޓަމްސް އިން ކަށަވަރު ކޮށްދީފައި ވެ އެވެ. އެ މީހުން ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލި އެވެ. އެކަމަކު، ސްމަގްލިން އަށް ފެތޭތޯ ބަލައި، ދައުވާ ކުރާ ނަމަ އެކަމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް ކަސްޓަމްސް އިން އޭރު ބުންޏެވެ.
މާހިލް ވޭޕް އެތެރެކުރަން އުޅުނީ "ގައިގައި ބަނދެގެން" އަދި ވަޒީފާ އަދާކުރައްވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކަމަށް ބުނެ ބައެއް މީޑީއާތަކުގައި ރިޕޯޓު ކޮށްފައިވާތީ ޝަހީމް އެކަން ދޮގުކުރެއްވި އެވެ.
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކުރި ޖޫރިމަނާ އަދަދު 400 މިލިއަން ރުފިޔާއަށް އަށް ވުރެ ގިނަ ކަމަށް ކަސްޓަމްސް އިން މިދިޔަ ހަފްތާގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި އެކަކު 72 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޖެހުނު ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެ އަށް ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ކުރުން މަނާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޯދި
18 August 2025
ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި ރައީސަށް ލަފާއަރުވަން އުއްދާފައިވާ ބޯޑުގެ މެމްބަރުން އަލުން "ވެޓް" ކުރަންޖެހެއެވެ. ރައީސް މިފަދަ ބޯޑުތަކަށާއި ކޮމިޝަންތަކަށް މީހުން ނޮމިނޭޓްކޮށް އަންޔަން ކުރުމުގެ ކުރިން ފުލުހުންލައްވާ ބެކް ގްރައުންޑް އެސެސްމެންޓް ހަދަންވެސް ޖެހެއެވެ. އަދި މިފަދަ މީހުންގެ އިންޓެލް މައުލޫމާތު ޕީރިއަޑިކަލީ ރައީސާ ހިއްސާ ކުރަންޖެހެއެވެ.
އޮލް
19 August 2025
ފުލުހުން ލައްވައޭ؟ ލޮލް
ކަލިމްބާ
18 August 2025
ސުމަގލިންގް ދައުވާ އުފަލަން ޖެހޭނެ. މުއީޒު ދަރިއެއް ޝަހީމު ދަރިއެއް އިސްތިސްނާވެގެން ނުވާނެ.
އަހަންމަދާ
19 August 2025
ސަރުކާރު އިސްވެރިންގެ ދަރިން އިސްތިސްނާ ކުރުން ވަރަށް މުހިންމު އެއީ ބޭރުދުނިޔޭގައި މި ގައުމުގެ އަގު ވެއްޓޭނީ އެހެންނޫނީ
އަހުސަން
18 August 2025
ތައުލީމާއި ތަޖްރިބާ އަށް ނުބަލައި ގާތްތިމާގެ ނުވަތަ ޕާޓީތެރޭގައި މަގާމެއްގެ ދަހިވެތިކަމުގައި އަޑުގަދަކޮށްއުޅޭ މީހުންނަށް ބޮޑެތި މަގާމްތަށްދޭ ގައުމުތަށްދަނީ ދަވްލަތުގެ ތިޖޫރި ހުސްވެ ބަގުރޫޓްވެ ފަސާދަވަމުން. މިފަދަގައުމުތަކުގައި ގާނޫނޫ ތަންފީޒުކުރެވޭނެގޮތެއްވެސްނޯވޭ.
ބަކުރުު
18 August 2025
ތިޔަ އިސްތިއުފާއެއްވެސް އަދިދެންހުރި ކަންތަކެއްވެސް ބަލާކަށް ބޭނުމެއްނޫން. ބަލަން ، އެނގެން ،ބޭނުންވަނީ ތިޔަކުރި ޖުރިމާނާ ސަރުކާރުގެ މާލިއްޔަތަށް ވަދެއްޖެތޯ؟ މާނައަކީ އެފައިސާ ދައްކާފިތޯއޭ.
ކޮރަލް
18 August 2025
ކިތައް މަގާމް ތޯ ދީފަ ހުރީ ބަލާލަ ބަލާށެވެ.
ޔޫތުއެޑްވަިއޒަރު
18 August 2025
ޔޫތު އެޑްވައިޒަރުން ހާދަ ފާޑަކަށޭ މިއުޅެނީ. ބާކީ ބަސްޓްނުވެ ހުރި އެޑްވައިޒަރުން ކޮޅު ބަލާބަލަ
ސާކިރުބުރޯ
18 August 2025
އޭނާ އަތު ޑިޕޮލޮމެޓިކް ޕާސްޕޯޓު އޮންނަން ވީ ކީއްވެ؟ އޭނާގެ ބައްޕަ އެއީ ވަޒީރަކަަށް ވީމަތޯ؟ ނޫނީ ތިޔަ ކިޔާ އެޑްވައިޒަރީ ބޯޑުގެ ހުރިހައި މެންބަރުން އަތުގައި ވެސް އޮވޭތޯ؟ ނޯންނަންޏާ އޭނަ އަތު ޑ ޕާސްޕޯޓު އޮންނަން ޖެހޭ އެހެން މަގާމެއް އެބަ އޮތް ނޫންބާ؟ ތިޔަ ވޭޕެއް އޭނާ އެތެރެކުރީ މެލޭއިން. އަޑުއަހަން ހައިކޮމިޝަނުގެ ވަޒީފާއެއްގައޭ ހުންނަނީ. އެއް ލައްކަ ރުފިޔާ ދެޔޭ މުސާރައަށް. އިސްތިއުފާ ދޭންޖެހެނީ އެ ކަމުން.
ހައްޔަރުކުރޭ
18 August 2025
މިގައުމުގެ މުސްތަގުބަލުގެ ޖީލުތައް ދުންފަތުން ސަލާމަތް ކުރައްވަން ރައީސް ޑަކްޓަރ މުއިއްޒު ކުރައްވާ މަސައްކަތާ ދިމާ އިދިކޮޅަށް މަސައްކަތްކޮށް އެމަނިކުފާނު ފެއިލްކޮށްލަން އުޅޭ އެންމެން އެބަޖަހޭ މަގާމުތަކުން ވަކިކޮށް ހަރުކަށި އަދަބުދޭން!
ޢާބަކުރު
17 August 2025
މިރާއްޖެއަކީ ވަގުންގެ އައްޑާއެކެވެ! ކޮރަޕްޝަނާއި ފަސާދައިގެ އައްޑާއެކެވެ! އެކިއެކި ނޫސްތަކުގެ ފަލަ ސުރުހީތަކުން ފެންނަނީ ފުލުހުންގެ އިސްވެރިން ތަކެއްގެ ކޮރަޕްޝަންގެ ވާހަކައެވެ! މަޖްލިސް ބައެއް މެމްބަރުންގެ ކޮރަޕްޝަންގެ ވާހަކައެވެ! މި އެންމެން ހިމާޔަތްކުރަން ބައެއް މިނިސްޓަރުންނާ މަޖްލީހުގެ ރައިސް އާއި ދެންވެސް ބާރުގަދަ ބަޔަކު އުޅޭ ވާހަކައެވެ! ޢެންމެން މިތިބީ އެއް “ތައްޓަކުން ކައިގެން” އެކި ހަޑިހާވައިގެން ކޮމްޕްރޮމައިޒްވެފައެވެ! ހައްލެއްނެތެވެ!
ކީއްވެހޭ
17 August 2025
އެކެއް ނުވަތަ ދޭއް ފޮށީގަ އޮތުމުން އޮޅިގެން ނުވަތަ އަމިއްލަ ބޭނުމުގަ ގެނައި އެއްޗެއްކަމަށް ނިންމިދާނެ. އެކަމަކު ސަތޭކައަށްވުރެ ގިނައިން ގެނައިމަ އިނގޭ އެއީ ވިޔަފާރީގެ ބޭނުމަށް ގެނައިއެއްޗެއްކަން. މަނާކޮށްފަވާ އެއްޗެއް އަދި އެއީ މަނާ އެއްޗެއްކަން އެންމެނަށް އިނގޭ އެއްޗެއް ވިޔަފާރި ކުރަން ވަގަށް އެތެރެކުރުމަކީ ސްމަގަލް ކުރުން. އެކަމަށް ހައްގު އަދަބު ދޭންޖެހޭނެ!